Roadha Mihaaru
ސައުތު އެފްރިކާގެ ކުރީގެ ރައީސް ކޯޓަށް ހާޒިރުކޮށްފި

ސައުތު އެފްރިކާގެ ކުރީގެ ރައީސް ކޯޓަށް ހާޒިރުކޮށްފި

06 އެޕްރީލް 2018

ޕްރިޓޯރިއާ (އެޕްރީލް 6) - ސައުތު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލާގައި އޭނާ މިއަދު ކޯޓަށް ހާޒިރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕްރިޓޯރިއާ (އެޕްރީލް 6) - ސައުތު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލާގައި އޭނާ މިއަދު ކޯޓަށް ހާޒިރުކޮށްފި އެވެ.

އޭނާގެ މައްޗަށް ދައުވާ ކުރީ 1990 ގެ އަހަރުތަކުގައި ހިންގި ހަތިޔާރު ގަތުމުގެ އެއްބަސްވުމަކުން ނާޖާއިޒް ފައިދާ ހޯއްދަވާފައިވާތީ އެވެ. އުމުރުން 75 އަހަރުގެ ޒޫމާ މިއަދު ވަނީ ޑާބަންގެ ހައި ކޯޓަށް ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ހާޒިރުކޮށްފަ އެވެ. އޭގެ ފަހުން މައްސަލަ ވަނީ ޖޫން 8 އަށް ފަސް ކޮށްފަ އެވެ.

ކޯޓުން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ޒޫމާ ވަނީ ބައެއް މީހުން މިހާރު ވެސް އޭނާ ކުށްވެރިވެއްޖެ ކަމަށް ނިންމައިފި ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ކުށެއް ސާބިތު ނުވަންޏާ އެއީ ކުށެއް ނެތް މީހެއް ކަމަށް ޒޫމާ ވަނީ ވިދާޅުވެފަ އެވެ. އޭގެ ފަހުން ޒޫމާ ވަނީ ސަޕޯޓަރުންނާ އެކު ލަވަ ވިދާޅުވެ ނައްޓަވައިފަ އެވެ.

ޒޫމާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ 16 ދައުވާއެއް ކޮށްފަ އެވެ. މީގެ ތެރޭން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ގައުމުގެ އަސްކަރިއްޔާ ޒަމާނީ ކުރުމުގެ ބޭނުމުގައި 1990ގެ އަހަރުތަކުގެ ފަހުކޮޅު ހަތިޔާރު ގަންނަން ގާއިމްކުރި 30 ބިލިއަން ރޭންޑް (2.5 ބިލިއަން ޑޮލަރު) އެއްބަސްވުމުން ނާޖާއިޒް ފައިދާ ނެންގެވި މައްސަލައަށެވެ. ހަތިޔާރު ގަނެފައި ވަނީ ފްރާންސްގެ ހަތިޔާރު ސަޕްލަޔާ ތޭލްސް އިންނެވެ. އެ ކުންފުނިން ޒޫމާ ރިޝްވަތު ނެންގެވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އަމިއްލަ ޕާޓީން ކުރިމަތިކުރަމުން ދިޔަ ޕްރެޝަރާ ގުޅިގެން ޒޫމާ ވަނީ ފެބްރުއަރީ މަހު އިސްތިއުފާ ދެއްވައިފަ އެވެ. ޒޫމާ އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ނުވަ ވަނަ ވޯޓު ނަގަން ތައްޔާރުވެފައި ވަނިކޮށެވެ.

ޒޫމާގެ ވެރިކަމުގެ ނުވަ އަހަރު ތެރޭ އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކޮށްފަ އެވެ. ސައުތު އެފްރިކާގެ އެންޓި-ކޮރަޕްޝަން އެޖެންސީން 2016 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ވަނީ އިންޑިއާ ދަރިކޮޅުގެ ބިލިއަނަރު ގުޕްތާ އާއިލާ އަށް ސަރުކާރުގެ ކޮންޓްރެކްޓްތައް ދިނުމުގައި ޒޫމާ އެހީތެރިވެދީފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ހަމަ އެ އަހަރު އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ޒޫމާގެ އަމިއްލަ ގޭގެ މަރާމާތަށް ހޭދަކުރި ފައިސާ އަނބުރާ ދައްކާފައި ނުވާ ކަމަށް ބުނެފަ އެވެ. ގޭގެ މަރާމާތަށް ސަރުކާރުގެ ފައިސާ އިން ޒޫމާ 23 މިލިއަން ޑޮލަރު ޚަރަދު ކުރި ކަމަށް އެންޓި ކޮރަޕްޝަން އެޖެންސީން ބުނެފައިވެ އެވެ. މީގެ ތެރޭން ބައެއް ޒޫމާ ފަހުން ވަނީ ދައްކަވައިފަ އެވެ.