Roadha Mihaaru
ޖެކޮބް ޒޫމާ އަމާންދީ ފުލުހުންގެ ބެލުމުގެ ދަށަށް

ޖެކޮބް ޒޫމާ އަމާންދީ ފުލުހުންގެ ބެލުމުގެ ދަށަށް

08 ޖުލައި 2021

ޖޮހަނަސްބާގު (ޖުލައި 8) - ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި 15 މަހަށް ޖަލަށްލާން ހުކުމްކޮށްފައި ހުރި، ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާ، އިއްޔެ އަމާން ދެއްވައި އަމިއްލަ އަށް ފުލުހުންގެ ބެލުމުގެ ދަށަށް ވަޑައިގެންފި އެވެ.

ޖޮހަނަސްބާގު (ޖުލައި 8) - ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި 15 މަހަށް ޖަލަށްލާން ހުކުމްކޮށްފައި ހުރި، ދެކުނު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާ، އިއްޔެ އަމާން ދެއްވައި އަމިއްލަ އަށް ފުލުހުންގެ ބެލުމުގެ ދަށަށް ވަޑައިގެންފި އެވެ.

ފަނަރަ މަހަށް، ޒޫމާ ޖަލަށް ލާން މިދިޔަ ހަފުތާގައި ދުސްތޫރީ ކޯޓުން ހުކުމްކުރީ، އޭނާގެ ވެރިކަމުގެ ނުވަ އަހަރުގެ ތެރޭގައި، ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ޝަރީއަތުގައި ހެކިބަސް ދޭން، ކޯޓުން ކުރި އަމުރަށް ދެކޮޅު ހައްދަވައި ކޯޓަށް ވަޑައިނުގަތުމުންނެވެ. ޒޫމާ، ދެކުނު އެފްރިކާގެ ރައީސްކަން ކުރެއްވީ، 2009 އިން 2018 އަށެވެ.

ޒޫމާގެ ވެރިކަމުގެ ކޮރަޕްޝަން މައްސަލަތައް ތަހުގީގު ކުރަމުން އަންނަނީ، އެ ގައުމުގެ އުއްތަމަ ފަނޑިޔާރުގެ ނާއިބު ރޭމޮންޑް ޒޮންޑޯގެ ބެއްލެވުމުގެ ދަށުންނެވެ. ޒޫމާ އަމިއްލަ އަށް ފުލުހުންގެ ބެލުމުގެ ދަށަށް މި ވަޑައިގަތީ، އަމާން ދެއްވައި ފުލުސް އޮފީހަށް ވަޑައިނުގެންފި ނަމަ، އޭނާ މިއަދު ހައްޔަރު ކުރާނެ ކަމަށް ފުލުހުން އިންޒާރުދީފައި ވަނިކޮށެވެ.

ޒޫމާގެ މައްޗަށް 15 މަސް ދުވަހުގެ ޖަލު ހުކުމް އިއްވުމާ ގުޅިގެން، އޭނާ އަށް ތާއީދުކުރާ އެތައް ބަޔަކު ވަނީ، އޭނާ ހައްޔަރު ކުރިޔަ ނުދިނުމަށްޓަކައި، އޭނާ ދިރިއުޅުއްވާ ގެކޮޅު ކައިރި އަށް އެއްވެފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން ތިބީ، ފުލުހުން އައިސް ޒޫމާ ހައްޔަރުކުރަން އުޅެފި ނަމަ، އޭނާ ހިމާޔަތް ކުރުމަށްޓަކައި، ހަތިޔާރާއި ޝީލްޑު ފަދަ ތަކެތި ވެސް ހިފައިގެންނެވެ.

ޒޫމާ އަމިއްލަ އަށް އަމާން ދެއްވައި ފުލުހުންގެ އިދާރާ އަށް ވަޑައިގަތުމަށް، ކާރުކޮޅުގައި ގެކޮޅުން ނުކުމެވަޑައިގަތީ، ފުލުހުން ދީފައިވާ މުހުލަތު ހަމަވާން 40 މިނެޓަށްވެފައި ވަނިކޮށެވެ.

ވެރިކަމުގެ ދުވަސްވަރު ހިންގި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ އަމަލުތަކަށް އޭނާ އިންކާރު ކުރައްވަ އެވެ. ޒޫމާ ވިދާޅުވެފައި ވަނީ އޭނާގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި ތަހުގީގެއް ހިންގަނީ އެއްވެސް އަސާސެއް ނެތި، އޭނާގެ ސަޕޯޓަރުންގެ ކުރިމަތީގައި އޭނާގެ އަގު ވައްޓައިލުމަށް ކަމަށެވެ. އަދި މިއީ ބަޔަކު އަޑީގައި ތިބެ ދުރާލައި ރާވައިގެން ކުރާ ކަމެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރައްވަ އެވެ.

ޒޫމާ ވެރިކަމުގައި ހުންނަވަނިކޮށް، އޭނާގެ މައްޗަށް ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުތައް ކުރަން ފެށުމާ ގުޅިގެން، އޭނާ ވެރިކަމުގައި ހުންނަން ނުފެންނަ ކަމަށް، ވެރިކަން ކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް ޕާޓީން ނިންމައި، މަގާމުން އިސްތިއުފާ ދެއްވަން ފެބްރުއަރީ 13، 2018 ގައި ޒޫމާ އަށް އެންގި އެވެ.

ނަމަވެސް އެކަމަށް އިންކާރު ކުރެއްވުމުން، އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް، ފެބްރުއަރީ 15 ވަނަ ދުވަހަށް ތާވަލުކުރުމާ ގުޅިގެން، ފެބްރުއަރީ 14 ވަނަ ދުވަހުގެ ދަންވަރު ޒޫމާ އިސްތިއުފާ ދެއްވި އެވެ.

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން މައިގަނޑު ގޮތެއްގައި ބަލަމުން އަންނަނީ، އިންޑިއާ ދަރިކޮޅުގެ ތިން ވިޔަފާރިވެރިއެއް ކަމަށްވާ އަތުލް އާއި އަޖޭގެ އިތުރުން ރާޖޭޝް ގުޕްތާ، ސަރުކާރުގެ ބައެއް ވެރިންނާ ގުޅިގެން ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ކުރެވޭ ތުހުމަތުތަކެވެ. ޒޫމާ އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ތިން ވިޔަފާރިވެރިން ވަނީ ދެކުނު އެފްރިކާ ދޫކޮށް ދުބާއީ އަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.