Roadha Mihaaru
ޖަލަށްދާން ޖެހިދާނެތީ ޖެހިލުމެއް ނުވޭ: ރައީސް ޒޫމާ

ޖަލަށްދާން ޖެހިދާނެތީ ޖެހިލުމެއް ނުވޭ: ދެކުނު އެފްރިކާގެ ރައީސް

06 ނޮވެމްބަރ 2016

ޕްރިޓޯރިއާ (ނޮވެމްބަރު 6) - ޖަލަށް ދާން ޖެހުނު ނަމަވެސް ބިރު ނުގަންނަ ކަމަށް ދެކުނު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕްރިޓޯރިއާ (ނޮވެމްބަރު 6) - ޖަލަށް ދާން ޖެހުނު ނަމަވެސް ބިރު ނުގަންނަ ކަމަށް ދެކުނު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާ ވިދާޅުވެއްޖެ އެވެ.

އުމުރުން 74 އަހަރުގެ ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ހުރި ކަމުގެ ހެކި ތަހުގީގުގެ ނަތީޖާ އިން ދައްކާފައި ވަނިކޮށެވެ. ޒޫމާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ވިޔަފާރިވެރިއަކާ ގުޅިގެން ސަރުކާރުގެ ތެރޭން ނާޖާއިރު ފައިދާ ހޯދަން މަސައްކަތްކޮށްފައި ވުމުންނެވެ. ނަމަވެސް ޒޫމާ ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ޒޫމާގެ އިސްތިއުފާ އަށް ގޮވާލުމަށް އެތައް ބަޔަކު ބުދަ ދުވަހު ވަނީ ދެކުނު އެފްރިކާގެ މަގުތަކަށް ނުކުމެފަ އެވެ.

ސަރުކާރުގެ ކޮރަޕްޝަނާ ބެހޭ ގޮތުން ތައްޔާރުކުރި 355 ސަފުހާގެ ރިޕޯޓުގައިވާ ގޮތުން ދެކުނު އެފްރިކާގައި އުޅޭ އިންޑިއާގެ ވިޔަފާރިވެރިއަކު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވައިފަ އެވެ. އޭގެ ތެރޭގައި ކެބިނެޓަށް މީހުން ހަމަޖެއްސުން ފަދަ ކަންކަން ވެސް ހިމެނެ އެވެ. އިންޑިއާގެ ގުޕްތާ އާއިލާ އިން ވެސް މިކަމާ ގުޅޭ ގޮތުން ކޮމެންޓް ކޮށްފައެއް ނުވެ އެވެ.

ޒޫމާ ވަނީ ނަސްލީ އިމްތިޔާޒާ ދެކޮޅަށް ކުރި މަސައްކަތުގައި ނެލްސަން މަންޑޭލާ އެކު 10 އަހަރު ޖަލުގައި ހޭދަ ކުރައްވައިފަ އެވެ. ޒޫމާގެ އުފަން ޓައުނުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޖަލަކީ އޭނާ ޖެހިލުންވާ ތަނެއް ނޫން ކަމަށާއި އަދިވެސް ޖަލަށް ދާން ޖެހުނު ނަމަވެސް ބިރު ނުގަންނާނެ ކަމަށެވެ.

ވެރިކަން ކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) ގެ ލީޑަރުކަން ވެސް ކުރައްވާ ޒޫމާ ކުރިން ވަނީ ކޮރަޕްޝަނުގެ ރިޕޯޓް ނެރުމަށް ހުރަސް އަޅުއްވައިފަ އެވެ. އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް އަންނަ ހަފުތާގައި ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. މި އަހަރު ކުރީކޮޅު ވެސް ޒޫމާ ވަނީ އިތުރުބާރު ނެތް ކަމުގެ ދެ ވޯޓަކުން ސަލާމަތްވެވަޑައިގެންފަ އެވެ.