Roadha Mihaaru
އެންޓި ޑިފެކްޝަން ގާނޫނުގެ މައްސަލަ އަށް ހޫނު ރައްދެއް

އެންޓި ޑިފެކްޝަން ގާނޫނުގެ މައްސަލަ އަށް ހޫނު ރައްދެއް!

18 މާޗް 2018

ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އެންޓި ޑިފެކްޝަން ބިލު ގާނޫނަކަށްވެފައިވާ އިރު، އެއީ ގާނޫނުއަސާސީއާ ހިލާފު ގާނޫނެއް ކަމަށް ބުނެ، ދައްކަމުން އަންނަ ވާހަކަތަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ރައްދު ދީފި އެވެ. އަދި ދައުލަތުގެ ވާހަކަތަކަށް މައްސަލަ ހުށަހެޅި ފަރާތުން ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އެންޓި ޑިފެކްޝަން ބިލު ގާނޫނަކަށްވެފައިވާ އިރު، އެއީ ގާނޫނުއަސާސީއާ ހިލާފު ގާނޫނެއް ކަމަށް ބުނެ، ދައްކަމުން އަންނަ ވާހަކަތަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ރައްދު ދީފި އެވެ. އަދި ދައުލަތުގެ ވާހަކަތަކަށް މައްސަލަ ހުށަހެޅި ފަރާތުން ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން އޭގައި ބުނާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން މަޖިލީހަށް އަންގާފައިވާ މެމްބަރުންގެ މައްޗަށް އެ އުސޫލުތައް ހިނގާނެ ކަމަށެވެ. އެ ބުނާ ހާލަތްތަކަކީ މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ބުނާ ހާލަތެވެ.

މައްސަލަ ނުބެލޭނެ ކަމަށް ދައުލަތުގެ ވަކީލާ ފާހަގަކުރެއްވި

އެންޓި ޑިފެކްޝަން ބިލް ބާތިލްކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ މާޝާ ލުތުފީ އިޖުރާއީ ނުކުތާއެއް ނަންގަވައި ވިދާޅުވީ، މި މައްސަލަ ހުށަހެޅިއިރު އެންޓި ޑިފެކްޝަން "ބިލް" ކަމުގައި ބުނެފައިވާތީ މިއީ ދުސްތޫރީ މައްސަލައިގެ އިހްތިސާސްގެ ތެރޭގައި ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ، މައްސަލަ ނުބެލޭނެ ކަން ކަނޑައަޅައި ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އެކަމަކު، އެ މައްސަލަ ބައްލަވާ ބެންޗުގެ ރިއާސަތު ބެލެހެއްޓެވި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ މައްސަލަ ކޯޓަށް ބަލައިގަތުމާ ގުޅިގެން އެ މައްސަލަ ބެލޭނެ ކަމަށް ވިދާޅުވެފަ އެވެ.

އެންޓި ޑިފެކްޝަން ގާނޫނު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

"މިއީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލާނެ ގާނޫނެއް"

މެމްބަރުންގެ ވަކީލު ސަފާ ޝަރީފް ވިދާޅުވީ އެންޓި ޑިފެކްޝަން ބިލު ބަލައިގަނެ، ވޯޓަށް އަހާފައި ވަނީ ގާނޫނުއަސާސީއާ މުޅިން ހިލާފަށް ކަމަށެވެ. އަދި ބިލަށް ވޯޓަށް އެހިއިރު، ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކު، މަޖިލީހަށް ހާޒިރު ނުކުރުމަކީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ތިއްބެވި 12 މެމްބަރުން.  - ފޮޓޯ: މިހާރު

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ތިއްބެވި 12 މެމްބަރުން. - ފޮޓޯ: މިހާރު

ސަފާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުން ވަކިވާ ހަތަރު ހާލަތެއް ގާނޫނުއަސާސީގައި ބުނެފައިވެ އެވެ. އަދި އެ ހަތަރު ހާލަތް އޮއްވާ، އިތުރު ހާލަތެއް ގާނޫނެއްގެ ތެރެއިން ގެނެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިޔާސީ ޕާޓީއަށް މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ގާނޫނުން ދީފައި އޮތީމަ، ސަފާ ވަނީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

މަޖިލީހުގެ މެމްބަރުންގެ ގޮނޑިއާ މެދު އެއްވެސް ހިލާފެއް އުފެދިއްޖެނަމަ، އެކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ސުޕްރީމް ކޯޓަށް ދީފައި އޮއްވާ އެންޓި ޑިފެކްޝަން ގާނޫނު އެގޮތަށް ބައްޓަންކޮށްފައި އޮތުމަކީ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމަށް ކުރި ކަމެއް ކަމަށް ވެސް ސަފާ ވިދާޅުވި އެވެ. އަދި ގާނޫނު މިހާރު އޮތީ، 12 މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށާއި މެމްބަރުންނަށް ނުފޫޒު ފޯރުވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން މާޒީއަށް ރުޖޫއަވެވޭ ގޮތަށް ގާނޫނުތައް ފާސް ކުރުމަކީ ގާނޫނުތަކާއި ސުޕްރީމް ކޯޓުގެ އަމުރާ ހިލާފު ކަމެއް ކަން ސަފާ ފާހަގަކުރެއްވި އެވެ.

އެހެންވެ، ސަފާ އެދިވަޑައިގަތީ، މި ގާނޫނަކީ ބާތިލް ގާނޫނެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށާއި މި ގާނޫނުގެ ދަށުން އެއްވެސް މުވައްޒަފަކު، އަމަލުކުރާނަމަ، އެކަން ހުއްޓުވައި ދިނުމަށެވެ.

"ހުރެ ބަހައްޓާފައި ތާރީހެއް ޖެހީކީ ނޫން"

ދައުލަތުގެ ވަކީލާ ވިދާޅުވި ގޮތުގައި މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަމާ ބެހޭ މުއައްސަސާއަކުން ކަނޑައަޅައިފިނަމަ، އެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނު ފަރުމާކޮށްފައި ވަނީ ސުޕްރީމް ކޯޓުން މިދިޔަ ޖުލައި 13 ގައި ކުރި ހުކުމާ އެއްގޮތަށް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އަދި ގާނޫނުގައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ފާހަގަކުރި ކަންކަން ފިޔަވައި، އިތުރު ކަމެއް ހިމަނާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން، ގާނޫނުގައި ތާރީހު ޖެހީކީ "ހުރެ ބަހައްޓާފައި ނޫން" ކަމަށް ވަކީލާ ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން އެ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.

ސުޕްރީމް ކޯޓު. - ފޮޓޯ: މިހާރު

ސުޕްރީމް ކޯޓު. - ފޮޓޯ: މިހާރު

ދައުލަތުގެ ވަކީލާ ވިދާޅުވި ގޮތުގައި މާޒީއަށް ރުޖޫއަވެވޭ ގޮތަށް މީގެކުރިން ގާނޫނުތައް މަޖިލީހުން ފާސްކޮށްފައި އެބަހުއްޓެވެ. އެގޮތުން އޭނާ މިސާލެއްގެ ގޮތުގައި ނެންގެވީ ޓޫރިޒަމް ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމެވެ.

އަދި ހައި ކޯޓުން ކުރި ހުކުމުގައި ޖިނާއީ އަދަބެއް ދިނުމާ ގުޅޭ ކަމެއް ނެތް ނަމަ، މާޒީގައި ހުރި ކަންކަމަށް ރުޖޫއަވެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ. އަދި ގާނޫނެއްގައި މާޒީގައި ހުރި ކަންކަންކަމަށް ރުޖޫއަވެވޭ ގޮތަށް ހިމަނައިފިނަމަ، އެއަށް އަމަލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ވަނީ ސަފާއާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވައިފަ އެވެ. އެގޮތުން މެމްބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތު ފިޔަވައި އިތުރު ހާލަތެއް ކަނޑައެޅޭނެތޯ ފަނޑިޔާރު އަބްދުﷲ ދީދީ ސުވާލު ކުރެއްވި އެވެ. އޭގެ ޖަވާބުގައި ސަފާ ވިދާޅުވީ މެމްބަރުންގެ ގޮނޑިއާ ގެއްލޭނެ ހާލަތްތައް އިތުރު ކުރެވޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށާއި އެއީ ގާނޫނަކުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި މާޒީއަށް ރުޖޫއަވާ ގޮތަށް ކަންކަން ނުކުރެވޭނެ ކަން ބުނެފައި އޮތް ކަމަށާއި ގާނޫނު އޮތީ ގާނޫނުއަސާސީއަށް ބުރޫއަރާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަނާރާގެ ވަރުގަދަ ސުވާލެއް ފަނޑިޔާރުންނަށް

މައްސަލަ ހުށަހެޅުއްވި އެއް މެމްބަރު އަނާރާ ނައީމް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން ޕާޓީގެ ނުފޫޒު މެމްބަރުންގެ މައްޗަށް ގަދަވުމަކީ މައްސަލައެއް ކަމަށެވެ. އަދި މެމްބަރުންނަށް މިނިވަންކަމާއެކު މަސައްކަތްކޮށް، މެމްބަރުން ބޭނުން ގޮތަކަށް ވޯޓު ލެވެން ޖެހޭނެ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުގައި ޖުލައި 13، 2017 އޮތުމުގެ ބަދަލުގައި "ދައުރު ފެށުނު" ފަހުން ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮތްނަމަ ވެސް އިންސާފުވެރި ގޮތަކަށް ވާނެ އެވެ. އެއީ ދައުރު ފެށުނު ފަހުން އެތައް މެމްބަރުންނެއް ޕާޓީ ބަދަލުކޮށްފައިވުމުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޝަރީއަތުގެ މަޖިލީހުގައި އަނާރާ ވަނީ ފަނޑިޔާރުންގެ ބެންޗަށް ވަރުގަދަ ސުވާލެއް ކުރިމަތި ކުރުވައިފަ އެވެ. އެގޮތުން ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށް ބުނެފައިވާއިރު، ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށް ގާނޫނެއް ފާސްކުރުމަކީ ހަމަޖެހޭ އުސޫލެއްތޯ ސުވާލު ކުރެއްވި އެވެ.

ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ ފަނޑިޔާރުންނާ އެގޮތަށް ސުވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެއިތުރުން، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މަޖިލީހުން ހޯދަން ޖެހޭ މައުލޫމާތުތަކެއް ހުރުމުން، އިތުރު ފުރުސަތެއް ދިނުމަށް ދައުލަތުން އެދިވަޑައިގެންނެވި އެވެ. އަދި ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތަށް އިތުރު ފުރުސަތެއް ދީ، އަންނަ އަންގާރަ ދުވަހު ޝަރީއަތް ބާއްވާނެ ކަން އަންގައިފަ އެވެ.

މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަހުމަދު އަބްދުﷲ ގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ޕާޓީއަކާ ގުޅުމުގެ ފުރުސަތު ލިބެ އެވެ. މިނިވަން މެމްބަރަކު، ފުރަތަމަ ފަހަރަށް ޕާޓީއަކާ ގުޅިއްޖެ ނަމަ، ބިލްގައިވާ ގޮތުން އެ މެމްބަރުންނާ މެދު އަމަލު ކުރާނީ ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ. ނަމަވެސް ގާނޫނުއަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ބައެއް ނުހިމެނެ އެވެ.