Roadha Mihaaru
އަމުރު ނެރުނީ ވެރިކަން ވައްޓާލުމުގެ ބޭނުމުގައި: ޕީޖީ

ސުޕްރީމް ކޯޓުން އަމުރު ނެރުނީ ވެރިކަން ވައްޓާލުމުގެ ބޭނުމުގައި: ޕީޖީ

20 މާޗް 2018

ސިޔާސީ އިދިކޮޅު ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރަކީ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ދުރާލައި ރާވައިގެން ނެރުނު އަމުރެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިރޭ ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިޔާސީ އިދިކޮޅު ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރަކީ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ދުރާލައި ރާވައިގެން ނެރުނު އަމުރެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިރޭ ބުނެފި އެވެ.

އިދިކޮޅު ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން ނިންމިކަން ހާމަކޮށް ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ފެބްރުއަރީ 1 ގައި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރަކީ ވަކި ބަޔަކު އެކުވެގެން، އެ މީހުންނަށް ލިބިފައިވާ، އަދި ލިބެން އޮތް މަންފާގެ ބޭނުމުގައި ރިޝްވަތުގެ ފައިސާގެ މުގާބިލުގައި ނެރެފައިވާ އަމުރެއް ކަމަށެވެ.

މި އަމުރު ތަންފީޒުކުރުމަށް ތައްޔާރުވުމުގެ ގޮތުން ދައުލަތުގެ އެކި މުއައްސަސާތައް، އެ މުއައްސަސާތައް ހިނގަމުން އަންނަ އުސޫލުން ބޭރުން އެތަންތަނުގައި ތިބި ބައެއް ފަރާތްތަކުން ކަންކަން ހިނގާ އިންތިޒާމްކޮށްފައިވާކަން އެނގޭ ކަމަށް ޕީޖީން ނެރުނު ބަޔާނުގައިވެ އެވެ.

އެގޮތުން، އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ ބޭނުން ހިފައިގެން، ސުޕްރީމް ކޯޓުގެ އަމުރު ނެރެންވާ އިރަށް އެ އަމުރަށް ތައްޔާރުވުމުގެ ގޮތުން ކަންކަން އިންތިޒާމްކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

"މިހެންކަމުން 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ބޮޑެތި ކުށްވެރިންތަކެއް ދޫކޮށްލައި، އެ ކުށްވެރިންގެ މައްސަލަތައް އަލުން ބެލުމަށް އަންގައި ނެރުނު އަމުރަކީ ދުރާލާ ރޭވިގެން މީގައި ހިމެނޭ ފަރާތްތަކުގެ އެނގުމުގެ ތެރެއިން ޝަރީއަތުގެ އުސޫލުތަކުގެ ބޭރުން ނެރެފައިވާ އަމުރެއްކަން އެނގެން އޮވެ އެވެ،" ޕީޖީ އޮފީހުން ކުއްލި ގޮތަކަށް ނެރުނު ބަޔާނުގައިވެ އެވެ.

ޕީޖީން ބުނީ ފުލުހުން އަމަލުކުރަމުން އައި އުސޫލުތަކާ ހިލާފަށް ފުލުހުންގެ އޮޕަރޭޝަންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފުލުހުންގެ ތެރެއިން އަރީފު ބޭނުންވާ ވަކި ބަޔަކު ހޮވައި، އެކި ތަންތަނުގައި ތިބި މީހުން އެއްތަނަކަށް ގެނެސް، އެއްބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު ފުލުހުންނާ ކުރިމަތިލައި، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކޮށްފައިވާކަން މައްސަލާގައި ހޯދިފައިވާ ހޯދުންތަކުން އެނގޭ ކަމަށެވެ.

ޕީޖީން ވަނީ އަރީފްގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި މަޖިލީހުގެ މެންބަރުންތަކެއްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާކުރަން ކޯޓަށް ފޮނުވައިފި އެވެ.

މީގެއިތުރުން ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމަށް ޓެރަރިޒަމްގެ ދައުވާ ކުރާއިރު، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް، ރިޝްވަތު ހިފުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާކޮށްފައި ވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ވެސް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފަ އެވެ.

ހަމައެއާއެކު، މައުމޫނާއި ދެ ފަނޑިޔާރުންގެ ފޯނު ދިނުމަށް އެންގުމުން ފޯނު ދީފައި ނުވާތީ އެ ބޭފުޅުންގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެ، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ވެސް ކޮށްފަ އެވެ.