Roadha Mihaaru
"މައުމޫން އަނިޔާ ތަހައްމަލު ކުރައްވަނީ ގައުމަށްޓަކައި"

މައުމޫން އަނިޔާ ތަހައްމަލު ކުރައްވަނީ ރައްޔިތުންނަށްޓަކައި: އިދިކޮޅު

19 އެޕްރީލް 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއްވެސް ކުށަކާ ނުލައި ޖަލުގެ އަނިޔާ ތަހައްމަލް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށްޓަކައި ކަމަށް އިދިކޮޅު ފަރާތްތަކުން ރޭ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއްވެސް ކުށަކާ ނުލައި ޖަލުގެ އަނިޔާ ތަހައްމަލް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށްޓަކައި ކަމަށް އިދިކޮޅު ފަރާތްތަކުން ރޭ ބުނެފި އެވެ.

މައުމޫން މިނިވަން ކުރަން ގޮވާލައި ބޭއްވި ޕެނަލް ޑިސްކަޝަންގައި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން މައުމޫން ހައްޔަރުކުރީ އެމަނިކުފާނު ކުށެއް ނުކުރައްވާތީވެ، އިތުރު އެހެން ގޮތެއް ނެތިގެން ކަމަށެވެ. ހައްޔަރުކުރި ފަހުން، މިހާތަނަށް ވެސް މައުމޫން ކުރެއްވި ކުށެއްގެ އެއްވެސް ހެއްކެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންސާނަކަށް ލިބިގެންވާ އެންމެ ބޮޑު އަނިޔާ، ރައީސް މައުމޫން ތަހައްމަލް ކުރައްވަމުން އެ ގެންދަވަނީ. ރައީސް މައުމޫން ބޭނުންފުޅު ކަމަށް ވާ ނަމަ ޖަލުން ނުކުމެވަޑައިގެން އަމިއްލަ ގެކޮޅަށް ވަޑައިގެންނެވޭނެ. ވެރިކަމުގައި އެ ހުންނެވީ ކޮއްކޮ. އެހެން ނަމަވެސް އަނިޔާ ތަހައްމަލް ކުރައްވަނީ ދިވެހި ރައްޔިތުންނަށްޓަކައި، ގައުމަށްޓަކައި،" އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ބޭބޭފުޅަށް ވެސް ރައީސް އަބްދުﷲ ޔާމީންގެ ހިތްޕުޅުގައި ރަހުމެއް، ލޯތްބެއް، އިހްތިރާމެއް ވެސް ނެތެވެ. އެހެން ނޫން ނަމަ، ޝަރީއަތަކާ ނުލައި މައުމޫން ޖަލުގައި ނުބާއްވަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ހަގީގަތަކީ ރައީސް މައުމޫން ކުށެއް ކުރައްވާފައެއް ނުވޭ. ކުށެއް ކުރައްވާފައިވާ ކަމުގެ ހެއްކެއް ވެސް ނެތް. ކުށެއް ކުރައްވަނިކޮށް ދުށް މީހެއް ވެސް ނެތް. ދެން ކިހިނެއްތޯ ރައީސް މައުމޫން ހައްޔަރު ކުރާނީ؟،" އަލީ ހުސެއިން ސުވާލު ކުރެއްވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ގައުމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މައުމޫން ޖަލުގައި އޮންނެވުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށާއި އެފަދަ ދައުލަތަކަށް ނިސްބަތްވާ ރައްޔިތަކަށް ވީތީ ވެސް ލަދުގަންނަން ކަމަށެވެ. އެއްވެސް ސަބަބެއް ނެތި މައުމޫން ޖަލުގައި ގެންގުޅޭތީ، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ލަދުނުގަނޭތޯ އޭނާ ސުވާލު ކުރެއްވި އެވެ.

"ރައީސް މައުމޫނަށް ދެއްވަން ޖެހޭ ގަދަރާއި ޝަރަފެއް ނޫން، ޖަލުގައި ބޭންދެވުން އެ ދެއްވެނީކީއެއް،" ހަސަން ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި މައުމޫން ސަރުކާރާ ވަކިވެވަޑައިގަތީ، ހިންގަމުން ދިޔަ ކޮރަޕްޝަންތަކާއި ރައްޔިތުންނަށް ދެމުން ދިޔަ އަނިޔާތައް ބައްލަވަން ހުންނަވަން ބޭނުންފުޅު ނުވާތީ އެވެ.