Roadha Mihaaru
އަލުވި،ފިޔާ، ބިސް އެމްޕީއެލުން ނެރެދޭ އަގު ބޮޑުކޮށްފި

އަލުވި، ފިޔާ، ބިސް އެމްޕީއެލް އިން ނެރެދޭ އަގު ވެސް ބޮޑުކޮށްފި

03 އެޕްރީލް 2018

ދުވާލުގެ ވަގުތުގައި މުދާ އުފުލުން މަނާ ކުރުމުން އެކަމާ ހިތްހަމަނުޖެހި މަސައްކަތް ހުއްޓާލައިގެން ތިބި މަޖޫރީން އަލުވި، ފިޔާ އަދި ބިސް ފަދަ ބާވަތްތައް އެމްޕީއެލް އިން ނެރެދޭ އަގު ވެސް އެތައް ގުނައެއް ބޮޑުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދުވާލުގެ ވަގުތުގައި މުދާ އުފުލުން މަނާ ކުރުމުން އެކަމާ ހިތްހަމަނުޖެހި މަސައްކަތް ހުއްޓާލައިގެން ތިބި މަޖޫރީން އަލުވި، ފިޔާ އަދި ބިސް ފަދަ ބާވަތްތައް އެމްޕީއެލް އިން ނެރެދޭ އަގު ވެސް އެތައް ގުނައެއް ބޮޑުކޮށްފި އެވެ.

ރާއްޖެ އަށް ގިނަ އަދަދަކަށް ފިޔާ، އަލުވި، ބިސް އެތެރެކުރާ ކުންފުންޏެއްގެ އިސް ވެރިއަކު މިއަދު ބުނީ ކުރިން 25 ކިލޯ އިން ދަށުގެ ބަސްތާ އާއި ބިސް ކޭސް ފަދަ ފޮއްޓެއް ކްލިއާ ކޮށްދޭ އަގު ދިހަ ރުފިޔާ އަށް ބޮޑުކޮށްފައިވާ ކަމަށެވެ. އަދި ކުރިން ފަސް ރުފިޔާ އަށް ކްލިއާކޮށްދިން ބަސްތާއެއްގެ އަގު މިހާރު 30ރ. އަށް ބޮޑުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑަަށް ހީވަނީ މަޖޫރީން ވެސް އަގު ބޮޑުކުރާ ނަމަ އެކަށީގެންވާ އަގެއްތޯ ވެސް ބަލަން ޖެހޭ ހެން. މިއީ ތަންކޮޅެއް ބޮޑު. ދެން ކިހިނެއްތޯ އަޅުގަނޑުމެންނަށް ތަކެތި އަގު ބޮޑުނުކޮށް ހިފެހެއްޓޭނީ،" އެ ވިޔަފާރިވެރިޔާ ބުންޏެވެ.

އޭނާ ބުނީ ކުރިން އެއް ދުވަހުން ކްލިއާކުރެވޭ މުދާ މިހާރު ދެ ދުވަހުން ވެސް ކްލިއާނުކުރެވޭ ކަމަށެވެ. އަދި ރޭގަނޑު ހޭލައި ތިބެގެން މަސައްކަތްކުރަން ޖެހުމުން ހުރިހާ ތަނަކަށް ޑެލިވަރީއެއް ނުކުރެވޭ ކަމަށް ވެސް އެ ވިޔަފާރިވެރިޔާ ބުންޏެވެ.

"އެންމެ ބޮޑު ދަތިކަމަކީ ހޭލާ ތިބެގެން މިކަން ކުރަން ޖެހުން. ރޭގައި ފަހެއް ޖަހަންދެން މަސައްކަތްކުރަން ޖެހުނު. ދަންވަރު ބާރަ ޖެހީމަ ބޯޓަކަށް ނޭރުވޭ،" އޭނާ ބުންޏެވެ.

މޭވާ އާއި ތަރުކާރީ އަދި ފިޔާ، އަލުވި، ބިސް ފަދަ ބާވަތްތައް ގިނަ އަދަދަކަށް އެތެރެކޮށް ވިއްކާ ކުންފުންޏެއްގެ ވެރިއަކު ބުނީ މުދާ ނެރެވުން ލަސްވަނީ ކްލިއާކުރަން ލިބޭ ވަގުތު ކުޑަވުމާއި ހުރިހާ މަސައްކަތެއް އެއްބަޔަކު ކުރަން ޖެހުމުން ކަމަށެވެ.

"ކޮންޓެއިނަރު ހުސްކުރަނީ އެއްބައެއް، އަލުވި ފިޔާ ބިސް ވެސް ކްލިއަކުރަނީ ވެސް އެއްބައެއް. އަދިވެސް ވަގުތު ކުރިޔަށް ދޭންވީ. ފަހެއް ޖަހާއިރު ޕިކަޕްތައް އެމްޕީއެލް ސަރަހައްދަށް ވައްދައިގެން ހައެއް ޖަހާއިރު ނިކުވޭ ގޮތަށް ހަދައިފި ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ،" އެ ވިޔަފާރިވެރިޔާ ބުންޏެވެ.

މަޖޫރީން މުދާ ކްލިއާކޮށްދޭ އަގު ބޮޑުކުރުމުން މިހާރު ބާޒާރުގައި ބިސް ކޭހެއް ހުރީ 320ރ. އަށެވެ. ކުރިން ބިސް ކޭހެއް ވިއްކީ 290ރ. އަށެވެ. އޭގެ އިތުރުން ކުރިން 165ރ އަށް ވިއްކި ފިޔާ ބަސްތާއެއް މިހާރު ވަނީ 175ރ. އަށް ބޮޑުވެފަ އެވެ. އަދި ކުރިން 180ރ. އަށް ވިއްކި އަލުވި ބަސްތާއެއް މިހާރު ވަނީ 230ރ. އަށް ބޮޑުވެފަ އެވެ.

މަޖޫރީން ކުރިން 20 ފޫޓުގެ ކޮންޓެއިނަރެއް ކަނޑައިދެނީ 2،500ރ. އަށެވެ. ނަމަވެސް މިއަދުން ފެށިގެން ވަނީ އެ ސައިޒުގެ ކޮންޓެއިނަރެއް ކަނޑައިދޭ އަގު 6،000ރ. އަށް ބޮޑުކޮށްފަ އެވެ. އަދި ކުރިން 5،000ރ. އަށް ކަނޑައިދޭ 40 ފޫޓު ކޮންޓެއިނަރެއް މިހާރު ކަނޑައިދޭނީ 12،000ރ. އަށް ކަމަށް ވެސް ވަނީ އަންގައިފަ އެވެ.

ބަނދަރުގައި މަސައްކަތްކުރާ ބައެއް މަޖޫރީން އާދީއްތަ ދުވަހު މަސައްކަތް ހުއްޓާލައި ހަޅުތާލުކުރަން ފެށީ މަސައްކަތްކުރާ ގަޑި އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް ބަދަލުކުރުމުންނެވެ. އަދި އެ މީހުން ޑިމާންޑްކުރަމުން ދިޔައީ ދުވާލު ގަޑީގައި މަސައްކަތްކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ. އަދި އެ ގަޑި ބަދަލުނުކުރާ ނަމަ ކޮންޓެއިނަރު ކަނޑައިދޭ އަގު ބޮޑުކުރާނެ ކަމަށް މިއަދު ހަވީރާ ޖެހެންދެން ވެސް ދިޔައީ ބުނަމުންނެވެ.

މަޖޫރީން މަސައްކަތްކޮށްދޭ އަގުބޮޑުކުރި ނަމަވެސް ބަނދަރު ސަރަހައްދުން ގުދަންތަކަށް މުދާ އުފުލައިދޭ ލޮރީތަކުން ދަތުރުކޮށްދޭ އަގު ބޮޑެއްނުކުރެ އެވެ.