Roadha Mihaaru
ރޮނާލްޑޯ ހެޓްރިކާ އެކު ރެއާލަށް ދެ ޕޮއިންޓުގެ ލީޑެއް

ރޮނާލްޑޯ ހެޓްރިކާ އެކު ރެއާލަށް ދެ ޕޮއިންޓުގެ ލީޑެއް

30 އޮކްޓޯބަރ 2016

މެޑްރިޑް (އޮކްޓޯބަރު 30) - ސްޕެނިޝް ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ހެޓްރިކާ އެކު 4-1 އިން އަލަވޭސް ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (އޮކްޓޯބަރު 30) - ސްޕެނިޝް ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި ހެޓްރިކާ އެކު 4-1 އިން އަލަވޭސް ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ރޭގެ މޮޅާ އެކު ރެއާލް ލީގުގެ އެއް ވަނައިގައި އޮތީ 10 މެޗުން 24 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ ރޭ ގްރަނާޑާ އަތުން 1-0 އިން ހޯދި މޮޅާ އެކު 10 މެޗުން 22 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިން ވަނައިގައި އެތުލެޓިކޯޯ މެޑްރިޑް އޮތީ 10 މެޗުން 21 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯ ރޭ ކުޅުނު މެޗުން ވަނީ 4-2 އިން މަލާގާ ބަލިކޮށްފަ އެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ އަލަވޭސް އިންނެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި އެ ޓީމަށް ލީޑު ނަގައިދިނީ ބްރޫނޯ ސިލްވާ އެވެ. އޭގެ 10 މިނިޓް ފަހުން ރޮނާލްޑޯ ވަނީ ލިބުނު ޕެނަލްޓީ އަކުން ރެއާލަށް އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހައި ރެއާލަށް ލީޑު ނަގައިދީފަ އެވެ.

މެޗުގެ 79 ވަނަ މިނިޓްގައި ރެއާލަށް ތިން ވަނަ ލަނޑެއް ޖަހަން ލިބުނު ޕެނަލްޓީ ރޮނާލްޑޯ އަތުން ވަނީ ބޭކާރުވެފަ އެވެ. ރެއާލުން ފަހު ދެ ލަނޑު ޖެހީ މެޗުގެ ފަހު ހަ މިނިޓް ތެރޭގަ އެވެ. މެޗުގެ 84 ވަނަ މިނިޓްގައި ރެއާލްގެ ތިން ވަނަ ލަނޑު ޖެހީ އަލްވާރޯ މޮރާޓާ އެވެ. ރެއާލްގެ ފަހު ލަނޑު އަދި ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަކުރި ލަނޑު ޖެހީ މެޗުގެ 88 ވަނަ މިނިޓްގަ އެވެ.

މި މެޗާ އެކު ރެއާލުން ވަނީ ބަލިނުވެ 26 މެޗު ހަމަކޮށްފަ އެވެ. އަދި މި މެޗުގައި ރެއާލުގެ ތަރި ރޮނާލްޑޯ ހެދި ހެޓްރިކަކީ އޭނާގެ ކެރިއަރުގައި ހެދި 43 ވަނަ ހެޓްރިކެވެ.

ރޭ ގްރަނާޑާ ކޮޅަށް ބާސެލޯނާގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 48 ވަނަ މިނިޓްގައި ރަފީނިއާ އެވެ. މި މެޗުގައި ބާސެލޯނާ އަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ގްރަނާޑާ ޑިފެންޑަރުން ވަނީ ބާސެލޯނާގެ ލިއޮނަލް މެސީ އާއި ނޭމާ އަދި ލުއިސް ސުއަރޭޒް ހިފެހެއްޓުމުގައި ކުރި ހޯދައިފަ އެވެ.