Roadha Mihaaru
ދިއްލީ ގޭންގް ރޭޕިސްޓުން ދަންޖެއްސުން ފަސްކޮށްފި

ދިއްލީ ގޭންގް ރޭޕިސްޓުން ދަންޖެއްސުން ފަސްކޮށްފި

18 ޖެނުއަރީ 2020

ނިއު ދިއްލީ (ޖެނުއަރީ 18) - އިންޑިއާގައި 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި ސްކޫލް ދަރިވަރަކު ރޭޕްކުރި ހަތަރު މީހުންނަށް އިއްވާފައިވާ މަރުގެ އަދަބު ތަންފީޒް ކުރުން އަންނަ މަހު 1 އަށް ފަސްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ޖެނުއަރީ 18) - އިންޑިއާގައި 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި ސްކޫލް ދަރިވަރަކު ރޭޕްކުރި ހަތަރު މީހުންނަށް އިއްވާފައިވާ މަރުގެ އަދަބު ތަންފީޒް ކުރުން އަންނަ މަހު 1 އަށް ފަސްކޮށްފި އެވެ.

މުޅި އިންޑިއާގެ ސަމާލުކަން ހުއްޓުނު އެ ހާދިސާގައި އަކްޝޭ ތަކޫރު، ވިނޭ ޝަރުމާ، ޕަވަން ގުޕްްތާ އަދި މުކޭޝް ސިންގު މަރަން އަވަސް ނިޔާގެ ކޯޓަކުން ހުކުމްކުރީ 2013 ވަނަ އަހަރު އެވެ. އެ މީހުން ދަންޖައްސާ މަރަން ދިއްލީގެ ކޯޓަކުން ކުރިން ނިންމީ މި މަހު 22 ވަނަ ދުވަހު އެވެ. ނަމަވެސް އެ މައްސަލައިގައި މަރަން ހުކުމްކޮށްފައިވާ މުކޭޝް ސިންގް ވަނީ ރައީސް ރާމް ނާތު ކޮވިންދުގެ އަރިހުން އަފޫއާއްމަކަށް އެދިފަ އެވެ. އެކަމަކު ރައީސް ވަނީ އަދަބު މައާފް ކުރުމަށް ދެކޮޅު ހައްދަވައިފަ އެވެ.

ހަތަރު މީހުންނަށް މަރުގެ އަދަބު ދިނުން ހަމައެކަނި ފަސް ކުރެވޭނީ އެ މީހުންގެ އިސްތިއުނާފް ސުޕްރީމް ކޯޓުން ބަލައިގަތުން އަދި އިންޑިއާގެ ރައީސް އެ މީހުންނަށް އަފޫއާއްމެއް ދިނުމުންނެވެ. މުކޭޝްގެ މައްސަލަ ސުޕްރީމް ކޯޓުން ވެސް ބަލައިނުގަތުމުން އިސްތިއުނާފުގެ ހުުރިހާ މަރުހަލާއެއް އޭނާ އަށް ނިމުނީ އެވެ. މައާފް ކުރުމަށް ރައީސް ދެކޮޅު ހެއްދެވުމުން، އަދަބު ތަންފީޒް ކުރުމާ ދެމެދު 14 ދުވަސް ލިބޭނެ އެވެ. ރޭޕުގެ ޝިކާރައަކަށްވި ދަރިވަރުގެ މަންމަ ވަނީ އެކަކަށް ވެސް މައާފް ނުދެއްވުމަށް ރައީސްގެ އަރިހުން އެދިފަ އެވެ.

ޑިސެމްބަރު 16، 2012 ވަނަ ދުވަހުގެ ރޭ ހިންގި ގޭންގް ރޭޕުގެ ހާދިސާއާ ގުޅިގެން މުޅި އިންޑިއާގައި މުޒާހަރާތައް އިތުރުވި އެވެ. އަދި ރޭޕު ކުރާ މީހުންނަަށް މަރުގެ އަދަދު ދިނުމަށް ވަނީ ގޮވާލައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ވަނީ ރޭޕާ ގުޅޭ ގާނޫނުތައް ހަރުކަށިކޮށްފަ އެވެ.

ގޭންގް ރޭޕާ ގުޅިގެން އެންމެ ފުރަތަމަ ހަ މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭން އެކަކު ކަމަށްވާ ރާމް ސިންގް ވަނީ މާޗް 2013 ގައި ޖަލުގައި އަމިއްލަ އަށް މަރުވެފަ އެވެ. އެ މައްސަލައިގައި ދެން ހިމެނޭ ކުޑަ ކުއްޖާ އަށް އޭރު 17 އަހަރު ފުރިފައި ނުވާތީ އެ ކުއްޖާ ވަނީ އިސްލާހީ މަރުކަޒެއްގައި ތިން އަހަރު ބަންދުކޮށްފަ އެވެ. އެއީ އިންޑިއާގެ ގާނޫނު ބުނާ ގޮތުން ކުޑަ ކުދިންނަށް ދެވޭނެ އެންމެ ބޮޑު އަދަބެވެ. އެ ކުއްޖާގެ ހުކުމް ތަންފީޒްކޮށް ނިމުމުން 2015 ވަނަ އަހަރު ވަނީ ދޫކޮށްލައިފަ އެވެ.

އިންޑިއާގައި މަރުގެ އަދަބު ދެނީ ވަރަށް މަދުންނެވެ. ދެހާސް ހަތަރު ވަނަ އަހަރުގެ ފަހުން މިހާތަނަށް މަރުގެ އަދަބު ދީފައި ވަނީ ހަތަރު މީހުންނަށެވެ. އެންމެ ފަހުން މަރުގެ އަދަބު ދީފައި ވަނީ 1993 ވަނަ އަހަރުގެ މުމްބާއީ ބޮމުގެ ހަމަލާ އަށް ޚަރަދު ކުރިި ޔައުގޫބު މެނަން އަށެވެ. އޭނާ ދަންޖައްސާފައި ވަނީ 2015 ވަނަ އަހަރު އެވެ.