Roadha Mihaaru
ދެ ފަނޑިޔާރުންގެ ޝަރީއަތެއް އަނެއްކާވެސް ސިއްރުކޮށްފި

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ޝަރީއަތް އަނެއްކާ ވެސް ސިއްރުކޮށްފި

22 އެޕްރީލް 2018

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ސިއްރުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިިޔާރު އަލީ ހަމީދުގެ މައްޗަށް ކުރާ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ސިއްރުކޮށްފި އެވެ.

މިއަދަށް ތާވަލް ކޮށްފައިވާ ޝަރީއަތްތަކުގެ ތެރެއިން ސިއްރު ކޮށްފައި ވަނީ ދެ ފަނޑިޔާރުންގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތެވެ. މި މަހުގެ 12 ގައި ބޭއްވި މި މައްސަލައިގެ ޝަރީއަތް ވެސް ސިއްރުކޮށްފައިވެ އެވެ.

ނަމަވެސް، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތް ސިއްރުކޮށްފައެއް ނުވެ އެވެ. އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ނޫސްވެރިންނަށް ވަދެވޭއިރު، ޝަރީއަތް އޮތީ މިއަދު މެންދުރު ފަހު 3:00 ގަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި، ހައްޔަރުކުރި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރާއިރު، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ތިން ދައުވާއެއް ކުރެ އެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ދެ ފަނޑިޔާރުން ޖިނާއީ ބޮޑެތި ތުހުމަތުތަކެއްގައި މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރުމަށް ފަހު، އެ ބޭފުޅުން ތިއްބެވީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަންގަ އެވެ. އެކަމަކު އެ މައްސަލަތަކާ ގުޅިގެން އެ ބޭފުޅުންނަށް މިހާރު ދައުވާ އުފުލާފައިވާތީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން، މިހާރު ސަސްޕެންޝަންގައި ތިއްބަވަނީ މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައި ވަނިކޮށް، ޖިނާއީ ކުށެއް ސާބިތުވާ ފަނޑިޔާރުން އޮޓަމެޓިކުން މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އެހެންވެ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތުވެގެން އިސްތިއުނާފް މަރުހަލާތައް ނިމިއްޖެ ނަމަ، މަޖިލީހުގެ ދައުރެއް ނެތި އޮޓަމެޓިކުން އެ ބޭފުޅުން މަގާމުން ވަކިވާނެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ވަނީ ރައީސް ޔާމީންގެ ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގަ އެވެ.

މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފުލުހުން ބުނެފައި ވަނީ ވިލާ ކުންފުނިން 2.4 މިލިއަން ޔޫއެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި އަލީ ހަމީދަށް ދީފައިވާކަން ޔަގީން ކުރެވޭ ކަމަށެވެ. އަދި ހަމަ އެ ކުންފުނިން 2.4 މިލިއަން ޑޮލަރުގެ މަންފާއެއް އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ރާއްޖެ އިން ބޭރުން އަގު ބޮޑު މުދާ ބައްލަވައިގަތުމަށް ދެ ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.