Roadha Mihaaru
އުދައިގެ ސަބަބުން ބޮޑު ގެއްލުމެއް ނުވޭ: ޑިޒާސްޓާ

އުދަ އަރައިގެން ބޮޑު ގެއްލުމެއް ވެފައެއް ނެތް: ޑިޒާސްޓާ

22 އެޕްރީލް 2018

އުދަ އެރުމުގެ ސަބަބުން ބޮޑު ގެއްލުމެއް ވެފައި ނުވާ ކަމަށް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އުދަ އެރުމުގެ ސަބަބުން ބޮޑު ގެއްލުމެއް ވެފައި ނުވާ ކަމަށް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިއަދު ބުނެފި އެވެ.

ދިޔަވަރު ބޮޑު ގަޑިތަކުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށްތަކަށް އިއްޔެއިން ފެށިގެން ދަނީ އުދަ އަރަމުންނެވެ. މިއަދު ވެސް އުދައިގެ އަސަރުކުރާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ޑިޒާސްޓާއިން މިއަދު ތައްޔާރުކޮށްފައިވާ ހާލަތު ބަޔާން ކުރާ ރިޕޯޓަށް ބަލާއިރު މިހާތަނަށް ގިނަ ރަށްތަކަކަށް އުދައެރި ނަމަވެސް ގެއްލުމެއް ލިބިފައި ވަނީ މަދު ރަށަކަށެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ސ. މަރަދު އަށް އުދައެރުމުގެ ސަބަބުން ދެ ގެއެއްގެ ފާރު ވެއްޓިފައިވާ ކަމަށެވެ. ނަމަވެސް މީހަކަށް ވެސް އަދި ދިރިއުޅުމަށް ކުރާ މަސައްކަތަކަށް ވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ޑިޒާސްޓާއިން ބުނެ އެވެ.

ފުވައްމުލަކަށް ވަރަށް ބޮޑަށް އުދައެރި ނަމަވެސް އެ ރިޕޯޓުގައި ބުނެފައި ވަނީ އެ ރަށަށް ލިބުނު ގެއްލުންތައް އަދި ލިބިފައިނުވާ ކަމަށެވެ.

ހއ. އަތޮޅު ރަށަކަށް އުދައިގެ އަސަރު ކޮށްފައި ނުވާއިރު ހދ. މަކުނުދު އާއި ކުމުންދު އަށް ވަނީ އުދަ އަރައިފަ އެވެ. ކުމުންދޫގެ ނެރު ބައްތި ކަނޑައިގެން ގޮސްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އދ. ފެންފުށީގެ 500 މީޓަރު އެއްގަމަށް އުދަ އަރާފައިވާއިރު އެއް ގެއިން މީހުން ބަދަލުކުރަން ޖެހުނު ކަމަށް ޑިޒާސްޓާއިން ބުނެ އެވެ. އެ އަތޮޅު ދިއްދޫ 200 ފޫޓަށް އުދަ އަރާފައިވާއިރު އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ތ. އަތޮޅުގެ ގިނަ ރަށްތަކަކަށް އުދަ އަރާފައިވާއިރު ގެއްލުމެއް ލިބިފައިވަނީ ގުރައިދު އަށް އެކަންޏެވެ. އެ ރަށުގެ މަސް ކައްކާ ސަރަހައްދުން 600 ފޫޓަށް އުދަ އަރާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ލ. ކުނަހަންދު އަށް އުދަ އަރާފައިވާއިރު އެރަށުގެ ދަނޑުބިންތަކަށް ވަނީ ގެއްލުންވެފަ އެވެ.