Roadha Mihaaru
ގައިދީންނަށް ކޮންމެ ދުވަހަކު ވަކީލުންނާ ބައްދަލުކުރެވޭނެ

ގައިދީންނަށް ކޮންމެ ދުވަހަކު ވަކީލުންނާ ބައްދަލު ކުރެވޭނެ

23 އެޕްރީލް 2018

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ބަންދު ކޮށްފައި ތިބޭ މީހުންނަށް އެ މީހުންގެ ގާނޫނީ ވަކީލުންނާ ކޮންމެ ދުވަހަކު ވެސް ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް އެ އިދާރާ އިން ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ބަންދު ކޮށްފައި ތިބޭ މީހުންނަށް އެ މީހުންގެ ގާނޫނީ ވަކީލުންނާ ކޮންމެ ދުވަހަކު ވެސް ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް އެ އިދާރާ އިން ނިންމައިފި އެވެ.

ކަރެކްޝަންސް އިން ބުނި ގޮތުގައި ވަކީލުންގެ ބައްދަލުވުންތައް ދިނުމުގައި އަމަލު ކުރަމުން އައި އުސޫލަށް މި ބަދަލު ގެނައީ، ކުރިން އަމަލު ކުރަމުން އައި ގޮތާ މެދު ބައެއް ވަކީލުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ކުރާތީ އެވެ.

މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި ސިޔާސީ ބޭފުޅުންނާ ބައްދަލުކުރުމުގެ ފުރުސަތު ދެނީ ކަރެކްޝަންސް އިން ބޭނުން އިރެއްގައި ކަމަށް ވަކީލުން ތުހުމަތު ކުރެ އެވެ. އަދި ވަކީލުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ކަރެކްޝަންސް އަށް ހުށަހަޅައިފަ އެވެ.

ކަރެކްޝަނަލް ސާވިސްގެ ވެބްސައިޓްގައި ބުނެފައިވަނީ މީގެ ކުރިން އޮތް ގޮތަށް، ހަފުތާގެ ވަކި ދުވަސްތަކެއްގައި ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ގައިދީންނަށް ދިނުމުގެ ބަދަލުގައި، ހަފުތާގެ ކޮންމެ ދުވަހަކު ވެސް ބައްދަލުވުން ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ފުރުސަތު ދޭނީ އެދޭ މީހުންގެ ތަރުތީބުން ކަމަށް ކަރެކްޝަނުން ބުނެ އެވެ.

އެ އިދާރާ އިން ބުނި ގޮތުގައި ކޮންމެ ގައިދީއަކަށް ލިބޭނީ ގިނަވެގެން ދެ ވަކީލުންނާއެކު، ދުވާލަކު އެއް ބައްދަލުވުމެވެ. އެއީ މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނާ އެކުގައި ދެ ގަޑިއިރު، އަދި މާލޭ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނާ އެކު އެއް ގަޑިއިރު ކަމަށް އެ އިދާރާ އިން ބުންޏެވެ.

ވަކީލުންނާ ބައްދަލުކުރުމަށް ބޭނުންކުރާ ތަނުގެ އިތުރުން، މާފުށީ ޖަލުގައި އާއިލާއާ ބައްދަލުކުރަން ހާއްސަކޮށްފައިވާ ތަން ވެސް ވަކީލު ބައްދަލުވުމަށް ދޫކުރަން މިހާރު ވަނީ ފަށައިފަ އެވެ.

"އާއިލީ ބައްދަލުވުން ދޭ ތަނުގައި ވަކީލުންގެ ބައްދަލު ވުމެއް ދޭ ނަމަ، ކޮންމެވެސް ގައިދީއެއް ނުވަތަ ބަންދު މީހެއްގެ އާއިލީ ބައްދަލުވުމުގެ ފުރުސަތު ފަސްކުރެވިގެން ދާނެ. އަދި އާއިލާއާ ބައްދަލުވުމަށް ހަމަޖެހިފައިވާ ގައިދީ ނުވަތަ ބަންދު މީހާ އަށް ފަހުން އެ ބައްދަލުވުން ދެވޭނެ." ކަރެކްޝަނަލް ސާވިސްގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ބަންދުގައިވާ މީހާއާ ބައްދަލުކުރުމަށް ވަކީލަކު އެދުމާއެކު، އެ ވަކީލަކީ އެ ގައިދީއެއްގެ ވަކީލުގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނެ އެވެ.