Roadha Mihaaru
ވަކީލު ޖަލަށް ގޮސްގެން ބައްދަލުވުންތަކަށް ހުއްދަ ދެނީ

ވަކީލުން ޖަލަށް ގޮސްގެން ބައްދަލުވުންތައް ބާއްވަން ހުއްދަ ދޭން ފަށައިފި

22 ސެޕްޓެމްބަރ 2020

ވަކީލުން ޖަލަށް ޒިިޔާރަތް ކޮށްގެން ވަކީލު ބައްދަލުވުންތައް ދޭން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވަކީލުން ޖަލަށް ޒިިޔާރަތް ކޮށްގެން ވަކީލު ބައްދަލުވުންތައް ދޭން ފަށައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ވަކީލުން ޖަލަށް ގޮސްގެން ބައްދަލުވުންތައް ކުރިއަށް ގެންދަން ފުރުސަތު ދިނުން ކަރެކްޝަނަލް ސާވިސް އިން އޮތީ މަޑުޖައްސާލައިފަ އެވެ. އެހެން ނަމަވެސް ޚާއްސަ ހާލަތްތަކުގައި އެ ފުރުސަތު ކަރެކްޝަންސް އިން ފޯރުކޮށްދެ އެވެ.

ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ވަނީ މިއަދުން ފެށިގެން ޖަލަށް ގޮސްގެން ވަކީލު ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު ދޭނެ ކަމަށާއި އެކަމަކު ކ. މާފުށީ ޖަލާއި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް ޒިޔާރަތް ކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނަގަން ޖެހޭ ހުއްދަތައް ނަގަން ޖެހޭނީ އެ މީހަކު އަމިއްލަ އަށް ކަމަށެވެ. އަދި އެގޮތަށް ހަމަޖެއްސިޔަސް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު އަދިވެސް އޮންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެއްވެސް ޖަލަކުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ، ޖަލަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވަކީލުންނަށް ދިނުން ހުއްޓާލާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޖަލަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވަކީލުންނަށް ދިނުން ކުރިން ހުއްޓާލާފައި އޮތަސް، ޚާއްސަ ހާލަތްތަކުގައި ކޯޓުން އަންގައިގެން އެ ފުރުސަތު ދީފައިވެ އެވެ. ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންނަށް އެ ފުރުސަތު ދިނީ އެމަނިކުފާނުގެ އިސްތިއުނާފް ޝަރީއަތުގައި ހައި ކޯޓުން އެންގުމުންނެވެ.