Roadha Mihaaru
ބޯޑަރު ހުރަސްކުރައްވައި ކިމް ސައުތު ކޮރެއާ އަށް

ދެ ކޮރެއާގެ ބޯޑަރު ހުރަސްކުރައްވައި ކިމް ސައުތު ކޮރެއާ އަށް

27 އެޕްރީލް 2018

ސޯލް (އެޕްރީލް 27) - ކޮރެއާ ހަނގުރާމަ 1953 ވަނަ އަހަރު ނިމުނު ފަހުން ދެ ކޮރެއާގެ ބޯޑަރު ހުރަސްކޮށް ސައުތު ކޮރެއާ އަށް ފުރަތަމަ ވަދެވަޑައިގެންނެވި ނޯތު ކޮރެއާގެ ލީޑަރަކަށް ކިމް ޖޮން-އުން ވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ސޯލް (އެޕްރީލް 27) - ކޮރެއާ ހަނގުރާމަ 1953 ވަނަ އަހަރު ނިމުނު ފަހުން ދެ ކޮރެއާގެ ބޯޑަރު ހުރަސްކޮށް ސައުތު ކޮރެއާ އަށް ފުރަތަމަ ވަދެވަޑައިގެންނެވި ނޯތު ކޮރެއާގެ ލީޑަރަކަށް ކިމް ޖޮން-އުން ވެއްޖެ އެވެ.

ދެ ކޮރެއާގެ ބޯޑަރަށް ވަޑައިގެން ކިމް މިއަދު ވަނީ ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިންއާ ސަލާމް ކުރައްވައިފަ އެވެ. އޭގެ ފަހުން ސައުތު ކޮރެއާގެ ރައީސް ވަނީ ދެ ކޮރެއާ ބައިކުރާ ރޮނގު ހުރަސްކޮށް ސައުތު ކޮރެއާގެ ފަޅިއަށް ވަދެވަޑައިގަތުމަށް ކިމް އަށް ދައުވަތު ދެއްވައިފަ އެވެ. އަދި ދެ ބޭފުޅުން އަތުގުޅައި ލައްވައިގެން ތިއްބާ ބޯޑަރު ހުރަސް ކުރެއްވި އެވެ.

މަޝްވަރާތަކުގެ ފުރަތަމަ ސެޝަނަށް ފަހު މެންދުރުގެ ފަރިއްކޮޅަށް ކިމް އެނބުރި ނޯތު ކޮރެއާ އަށް ވަޑައިގަންނަވާނެ އެވެ. ކިމް ދަތުރު ކުރައްވާނީ ސަލާމަތީ ގޮތުން ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަޅު ކުލައިގެ ލިމޯއެއްގަ އެވެ.

ނޯތު ކޮރެއާގެ ލީޑަރަށް ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ނޯތު ކޮރެއާގެ ލީޑަރަށް ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވަނީ. --ފޮޓޯ:ގެޓީ އިމޭޖަސް

ދެ ބޭފުޅުންގެ ސަމިޓް ކުރިއަށް ދާނީ ދެ ކޮރެއާ ބައިކުރާ ސަރަހައްދުގައި ގާއިމްކޮށްފައިވާ ޑިމިލިޓަރައިޒް ޒޯން (ޑީއެމްޒެޑް) ގައިވާ އަވަށެއް ކަމަށްވާ ޕަންމުންޖޮމްގެ ޕީސް ހައުސްގަ އެވެ.

"ތާރީޚުގެ އާ ސަފްހާތަކެއް މި ވަނީ ފެށިފައި،" މެހްމާނުން ސޮއިކުރާ ފޮތުގައި ކިމް ލިޔުއްވާފައިވެ އެވެ. "އަޅުގަނޑު އުއްމީދު ކުރަން އަޅުގަނޑުމެން މި ގެނައި ނޫޑްލްސް ކަމުދާނެ ކަމަށް."

ސަމިޓުގައި ބޮޑަށް މަޝްވަރާ ކުރާނީ ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުންނެވެ. ކިމް މިދިޔަ ހަފުތާގައި ވަނީ އެ ގައުމުގެ ނިއުކްލިއާ ޓެސްޓްތައް ހުއްޓާލިކަން އިއުލާން ކުރައްވައިފަ އެވެ. ސަމިޓުގައި ނިންމާ ގިނަ ކަންކަމަށް ކުރިން ވަނީ އެއްބަސްވެފަ އެވެ.

ކޮރެއާ ހަނގުރާމަ އަށް ފަހު ސައުތު ކޮރެއާ އަށް ވަދެވަޑައިގެންނެވި ނޯތު ކޮރެއާގެ ފުރަތަމަ ލީޑަރަކީ ކިމް. --ފޮޓޯ:ގެޓީ އިމޭޖަސް

ކޮރެއާ ހަނގުރާމަ އަށް ފަހު ސައުތު ކޮރެއާ އަށް ވަދެވަޑައިގެންނެވި ނޯތު ކޮރެއާގެ ފުރަތަމަ ލީޑަރަކީ ކިމް. --ފޮޓޯ:ގެޓީ އިމޭޖަސް

މެންދުރުގެ ސެޝަނުގެ ކުރިން، ސުލްހައިގެ ރަމްޒެއްގެ ގޮތުން ދެ ލީޑަރުން ގަހެއް އިންދެވުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ފަހުން އަނެއްކާ ވެސް ޕަންމުންޖޮމް އަށް ވަޑައިގަންނަވާނެ އެވެ. ސަމިޓް ނިންމާލާނީ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ފަހު އވެ. އަދި އޭގެ ފަހުން ދެ ގައުމުން ގުޅިފައިވާ ބަޔާނެއް ނެރޭނެ އެވެ. ކިމް އެނބުރި ވަޑައިގަތުމުގެ ކުރިން ސައުތު ކޮރެއާއާވީ ފަޅީގައި ރޭގަނޑުގެ ޚާއްސަ ފަރިއްކޮޅެއް އޮންނާނެ އެވެ. އޭގެ ފަހުން "ސްޕްރިން އޮފް ވަން" ގެ ނަން ދީފައިވާ ވީޑިއޯއެއް ބެލުން އޮންނާނެ އެވެ.