Roadha Mihaaru
ނެސްލޭ އިން ސްޓާބަކްސް ވިއްކަން ފަށަނީ

ނެސްލޭ އިން ސްޓާބަކްސް ވިއްކަން ފަށަނީ

09 މެއި 2018

ސްވިޓްޒަލެންޑްގެ މަޝްހޫރު ބްރޭންޑް ނެސްލޭ އިން އެމެރިކާގެ ސްޓާބަކްސްއާ އެކު އެއްބަސްވުމެއް ހަދައި، އެ ކުންފުނީގެ އުފެއްދުންތައް ނެސްލޭގެ ދަށުން ވިއްކާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްވިޓްޒަލެންޑްގެ މަޝްހޫރު ބްރޭންޑް ނެސްލޭ އިން އެމެރިކާގެ ސްޓާބަކްސްއާ އެކު އެއްބަސްވުމެއް ހަދައި، އެ ކުންފުނީގެ އުފެއްދުންތައް ނެސްލޭގެ ދަށުން ވިއްކާ ގޮތަށް ނިންމައިފި އެވެ.

މިކަން ރަސްމީކޮށް އިއުލާންކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ނެސްލޭ އިން ބުނި ގޮތުގައި މި އެއްބަސްވުމާ އެކު، ދެ ކުންފުނީގެ ފައިދާތައް ވެސް އިތުރުވެގެން ދާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނެސްލޭއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓާބަކްސް އަށް ފައިދާގެ ގޮތުގައި 20 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ އެވެ. ސްޓާބަކްގެ އުފެއްދުންތައް ވިއްކައިގެން މިހާރު ވެސް އެ ކުންފުންޏަށް އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ.

އާންމުންގެ މެދުގައި މަޝްހޫރު މި ދެ ކުންފުނިން ހެދި އެއްބަސްވުމާ ބެހޭ ގޮތުން ނެސްލޭގެ ޗީފް އެކްޒެކެޓިކް އޮފިސަރު (ސީއީއޯ) މާކް ޝްނެއިޑާ ވިދާޅުވީ ސްޓާބަކްސްއާ އެކު ހެދި އެއްބަސްވުމާ އެކު މިހާރު ނެސްލޭ ކުޑައިގެ ދަށުގައި ކޮފީގެ މަޝްހޫރު ތިން ބްރޭންޑެއް އެބަ އޮތް ކަމަށެވެ. އެއީ ނެސްކެފޭ އާއި ނެސްޕްރެސޯގެ އިތުރުން ސްޓާބަކްސް އެވެ

އަންނަ އަހަރު ނެސްލޭގެ ނެސްޕްރެސޯ އާއި ޑޯލްޝް ގަސްޓޯ ކެޕްސޫލްތަކުގައި ސްޓާބަކްސް ބްރޭންޑްގެ ނަން ބޭނުން ކުރަން ފަށާނެ އެވެ.

"މިއީ ކޮފީ އަށް ލޯބިކުރާ މީހުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވެގެން ދާނީ،" މާކް ވިދާޅުވި އެވެ.

ސްޓާބަކްސްގެ ސީއީއޯ ކެވިން ޖޯންސަން ވިދާޅުވި ގޮތުގައި ނެސްލޭ ފަދަ އާންމުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏަކާ އަތުގުޅައިލުމަކީ ކަސްޓަމަރުންނަށް ސްޓާބަކްސްގެ ތަޖުރިބާތައް ކުރިއަށް ވުރެ މާ ފުރިހަމަކޮށް ތަޖުރިބާކޮށްލެވޭނެ ކަމެކެވެ.

"މި އެއްބަސްވުމުގެ ދަށުން އަހަރެމެންގެ މައިގަނޑު ފޯކަސްއަކީ ވެސް ކަސްޓަމަރުންގެ ބޭނުންވާ ގޮތަށް އަހަރެމެންގެ ވިޔަފާރި ވެސް ބައްޓަންކޮށް، ވިޔަފާރި އިތުރަށް ފުޅާ ކުރުން،" އޭނާ ވިދާޅުވި އެވެ. "ނެސްލޭއާ އެކު އެއްބަސްވުމަކަށް އާދެވުމަކީ ފަހުރެއްގެ ގޮތުގައި އަހަރެމެން ދެކެނީ."