Roadha Mihaaru
ޗައިނާ އިން ސެމީކޮންޑަކްޓާ ސިނާއަތް ބާރުގަދަކުރަނީ

ޗައިނާ އިން ސެމީކޮންޑަކްޓާ ސިނާއަތް ބާރުގަދަކުރަނީ

09 މެއި 2018

ސެމީކޮންޑަކްޓާ ސިނާއަތް ފުޅާކޮށް ބާރުގަދަކުރުމަށް ޗައިނާއިން 47.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ފަންޑެއް ހުޅުވަނީ އެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް، ސަރުކާރުން އިސްނަގައިގެން ވަނީ މަޝްވަރާތައް ފަށައިފަ އެވެ. އެ ގޮތުގައި، ޗިޕް ސިނާއަތުގައި ނަގާކިޔާ ކުންފުނިތަކާ އެއް މޭޒު ދޮށުން ބައްދަލުކޮށް ޚިޔާލު ހޯދަން ވަނީ ފަށައިފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސެމީކޮންޑަކްޓާ ސިނާއަތް ފުޅާކޮށް ބާރުގަދަކުރުމަށް ޗައިނާއިން 47.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ފަންޑެއް ހުޅުވަނީ އެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް، ސަރުކާރުން އިސްނަގައިގެން ވަނީ މަޝްވަރާތައް ފަށައިފަ އެވެ. އެ ގޮތުގައި، ޗިޕް ސިނާއަތުގައި ނަގާކިޔާ ކުންފުނިތަކާ އެއް މޭޒު ދޮށުން ބައްދަލުކޮށް ޚިޔާލު ހޯދަން ވަނީ ފަށައިފަ އެވެ.

އިގްތިސޯދީ ގޮތުން ދަތިކުރަން އެމެރިކާއިން އަޅާފާނެ ފިޔަވަޅަކަށް ޗައިނާ ހޭލާ އޮތްކަން މިކަމުން ދޭހަވެ އެވެ. ޗައިނާ ސަރުކާރުން އިސްނަގައިގެން މި ވަރުގެ ބިޔަ ފަންޑެއް ތަނަވަސްކުރަން މަސައްކަތް ފަށާފައި ވަނީ، އެ ގައުމުގެ ސްމާޓްފޯން އުފައްދާ ކުންފުނިތަކަށް އެމެރިކާއިން ދަތިކުރަން ފަށާފައި ވާތީ އެވެ.

ޗައިނާގެ ވާވޭ ކުންފުނިން އުފައްދާ ސްމާޓްފޯނުތައް އެމެރިކާގައި ނުވިއްކޭނަހޭ ގޮތެއް، އެމެރިކާ ސަރުކާރު އިސްވެ އޮވެގެން ދަނީ ހަދަމުންނެވެ. އެމެރިކާގެ މޮބައިލް އޮޕަރޭޓަރުންނާ ގުޅިގެން ވާވޭ ފޯނުތައް އެމެރިކާގައި ވިއްކަން ކުރި ހުރިހާ ކަމެއް ފޭލިކޮށްލީ ސީދާ ސަރުކާރުން ސްޕޮންސާކޮށްގެންނެވެ. އަނެއްކޮޅުން މިހާރު ވަނީ އެމެރިކާގެ މަޝްހޫރު ރީޓެއިލް ފިހާރަތަކުގައި ވެސް ވާވޭ ފޯނު ނުވިއްކުމަށް އެދިފަ އެވެ.

ޒެޑްޓީއީ ކޯޕޮރޭޝަނަކީ ވެސް ޗައިނާ ކުންފުންޏެކެވެ. އީނާނަށް ދަތިކުރުމަށް އެމެރިކާ އަޅާފައިވާ ފިޔަވަޅާ ޚިލާފުވެ، ޒެޑްޓީއީ އިން ވަނީ އީރާނަށް މުދާ ވިއްކާފަ އެވެ. މި މައްސަލާގައި އެމެރިކާއިން ނިންމާފައި ވަނީ އެމެރިކާގައި އުފައްދާ ޗިޕްތައް އަދި ސެމީކޮންޑަކްޓާ ބައިތައް އެ ކުންފުންޏަށް ނުވިއްކުމަށެވެ. އެމެރިކާއިން މި ގަވައިދު ދަމަހައްޓައިފި ނަމަ ޒެޑްޓީއީ ސްމާޓްފޯނުތަކަށް ބޭނުންވާ ޗިޕްތައް ނުލިބޭނެ އެވެ. ސްމާޓްފޯންތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ކުއަލްކޮމް މޯޑެމްތައް އަދި ގުޅުން ހުރި އުފެއްދުންތައް ޒެޑްޓީއީ އަށް ނުލިބޭނެ އެވެ.

ވާވޭ އަކީ އެ ކުންފުނީގެ ސްމާޓްފޯނުތަކަށް ބޭނުންވާ މައިގަނޑު ޗިޕްތައް އަމިއްލަ އަށް އުފައްދާ ކުންފުންޏެކެވެ. އެހެން ނަމަވެސް، ވާވޭއިން ވެސް އީރާނަށް މުދާ ވިއްކި ކަމަށް އެމެރިކާ ދަނީ ބުނަމުންނެވެ. ޒެޑްޓީއީ އަށް އިއްވި ކަހަލަ ހުކުމެއް ވާވޭ އަށް އިއްވައިފި ނަމަ، އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރުން ވާވޭ އަށް ދަތިވާނެ އެވެ.

ސެމީކޮންޑަކްޓާ ސިނާއަތަށް އަމާޒުކޮށް އެމެރިކާއިން ޗައިނާ ކުންފުނިތަކަށް ދަތިކޮށްފާނެ ކަމަށް ވިސްނައި، އިންވެސްޓްމަންޓް ފަންޑެއް ހުޅުވަން އެ ގައުމުން ވަނީ ނިންމާފަ އެވެ.

ޗައިނާއިން ސެމީކޮންޑަކްޓާ ސިނާއަތް ބާރުގަދަކޮށް، ގައުމުން ބޭރު ކުންފުނިތަކަށް ބަރޯސާކުރުން ހުއްޓާލަފާނެތީ ދުނިޔެ މިހާރު ވަނީ ވަރަށް ބޮޑަށް ސަމާލުވެފަ އެވެ. އަދި އެމެރިކާ ކުންފުނިތަކުން ވެސް ސަރުކާރަށް ޕްރެޝަރުކޮށް ކުސްތަޅާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ޗައިނާ ސްމާޓްފޯން ކުންފުނިތަކަށް ބޭނުންވާހާ ޗިޕެއް އެ ގައުމުގައި އުފައްދަން ފަށައިފި ނަމަ ކުއަލްކޮމް ފަދަ ކުންފުނިތަކަށް ބޮޑު ގެއްލުމަކަށް ވާނެ އެވެ. އެހެންވިޔަސް، ޗައިނާއިން މި ފަހަރު ދޫކުރާނެ ކަމަކަށް ނުބެލެވެ އެވެ.