Roadha Mihaaru
ވިޔަފާރިން ގެއްލުނު މަގާމު އަލުން ހޯދާނަން: ވާވޭ

ފޯނުގެ ވިޔަފާރިން ގެއްލުނު މަގާމު އަލުން ހޯދާނަން: ވާވޭ

19 އޯގަސްޓް 2021

ސްމާޓްފޯނުގެ ވިޔަފާރީގައި ގެއްލުނު މަގާމު އަލުން ހޯދާނެ ކަމަށް ޗައިނާގެ ވާވޭ އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްމާޓްފޯނުގެ ވިޔަފާރީގައި ގެއްލުނު މަގާމު އަލުން ހޯދާނެ ކަމަށް ޗައިނާގެ ވާވޭ އިން ބުނެފި އެވެ.

އެ ކުންފުނީގެ ޗެއާމަން ގުއޯ ޕިންގްއާ އެކު ރޮއިޓާސް އަށް ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނެއްގައި ވިދާޅުވީ ފޯނުގެ ވިޔަފާރިގައި ހިފަހައްޓަމުން އައި މަގާމު ގެއްލުމުގެ މައިގަނޑު ސަބަބަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރިމަތިކުރި ފިއްތުންތަކާއި ބްލެކްލިސްޓްކުރުން ކަމަށެވެ. އޭގެ ފަހުން ފޯނު އުފެއްދުމަށް ބޭނުންވާ ޗިޕްގެ ދަތިކަން އިންތިހާ އަށް ކުރިމަތިވެ، ވިޔަފާރި އަޑިއަޅާލީ ކަމަށް ވިދާޅުވި އެވެ.

ޗެއާމަން ވިދާޅުވި ގޮތުގައި ވާވޭ އަށް ކުރިމަތިވި ތާށިތައް ފިލުވައި ސްމާޓްފޯނުގެ ވިޔަފާރީގައި ކުރިން ވެސް އޮތް މަގާމު ނުވަތަ އެއަށް ވުރެ ކުރި ހޯދަން ވެސް ކުރަން ޖެހޭ މަސައްކަތްތައް ހުއްޓާނުލާނެ އެވެ.

"ދޫދިނުމެއް ނެތް. އޮތީ ހިތްވަރުކުރުން. އެކަން ކުރާނަން،" ގުއޯ ވިދާޅުވި އެވެ. "އަހަރެމެން ދޭން އޮތް ޔަގީން ކަމަކީ ފޯނުގެ ވިޔަފާރީން އަހަރެމެން ގެއްލިގެން ނުދާނެކަމާއި ކުރިއަށް ވުރެ ވަރުގަދަކޮށް އެނބިރު އަންނަން މަސައްކަތްކުރާކަން."

ކުރިން ފޯނުގެ ވިޔަފާރޯގައި ރަސްކަންކުރަމުން އައި ވާވޭގެ ފޯނު ވިޔަފާރި އަށް އައި ވެއްޓުމާ އެކު އެ ކުންފުނިން މިހާރު ފޯނުގެ ވިޔަފާރީގެ ގަދަ 5 ގައި ވެސް ލައްވައެއް ނުލަ އެވެ. ބައިނަލްއަގްވާމީ މާކެޓްގެ ފޯނުގެ ވިޔަފާރި އަށް ބަލާ އިރު މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު އެއް ވަނައިގައި އޮތީ ދެކުނު ކޮރެއާގެ ސެމްސަންގެވެ. ދެވަނަގައި ޗައިނާގެ ޝޯމީ އޮތް އިރު، ތިން ވަނައިގައި އޮތީ އެމެރިކާގެ އެޕަލް އެވެ.

ހަތަރަކާއި ފަހެއްގައި އޮތީ ޗައިނާގެ އޮޕޯ އާއި ވީވޯ އެވެ.

އެޕަލް ފަހަތަށް ޖައްސާލައި ޝޯމީ އަށް ދެވަނަ މަގާމު ލިބުމާ އެކު އެ ކުންފުނިން މިހާރު ވަނީ އެ މަގާމު ގެއްލިޔަނުދީ ހިފަހެއްޓުމުގެ މަސައްކަތް ޗެސް ފަށައިފަ އެވެ. އަދި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ފޯނުގެ ވިިޔަފާރީގެ ކުރިއަތުލަން ވެސް ޝޯމީން އަންނަނީ ޕްލޭންތަކެއް އެކުލަވައިލަމުންނެވެ.