Roadha Mihaaru

އިންތިޚާބުގެ ކުރިން ޖުމްހޫރީ ޕާޓީ އަށް މެމްބަރުން އިތުރުކުރަނީ

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން، ޖުމްހޫރީ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން އެ ޕާޓީން ނިންމައިފި އެވެ.

އިންތިޚާބުގެ ކުރިން ޖޭޕީ އަށް މެމްބަރުން އިތުރުކުރަނީ
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

09 މެއި 2018

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން، ޖުމްހޫރީ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދަން އެ ޕާޓީން ނިންމައިފި އެވެ.

"ޖޭޕީ ހޭވައްލާ" ގެ ނަމުގައި ދެ މަސް ދުވަހަށް ކުރިއަށް ގެންދާ އެ ހަރަކާތް ފެށުމަށް ނިންމާފައި ވަނީ މާދަމާ ރޭ ޖުމްހޫރީ ޕާޓީގެ ޖަގަހަ، މ. ކުނޫޒްގައި ބާއްވާ ހަރަކާތެއްގަ އެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އެކްޓިވިޓީސް ކޮމެޓީގެ ޗެއާ، ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އެ ހަރަކާތުގެ އަމާޒަކީ ތަފާތު ސަބަބުތަކާ ހުރެ ޖުމްހޫރީ ޕާޓީގެ ދަފްތަރުން ވަކިވެފައިވާ މެމްބަރުންނާއި އިތުރު މެމްބަރުން އެ ޕާޓީ އަށް ވެއްދުން ކަމަށެވެ.

އަދި ސްކޫލް ނިންމާފައިވާ ޒުވާނުންނާއި ސިޔާސީ ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ޖުމްހޫރީ ޕާޓީގެ ތެރެއިން ފުރުސަތު ދިނުމަކީ ވެސް އެ ހަރަކާތުގެ މަގްސަދެއް ކަމަށް މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ހަރަކާތް މާދަމާ ރޭ ނުވައެއް ޖަހާއިރު ކުނޫޒްގައި ފަށާނެ. އެ ހަރަކާތުގެ ތެރެއިން ވަރަށް ހިތްހަމަޖެހޭ ޚަބަރުތައް ލިބިގެންދާނެ،" ކެލާ ދާއިރާގެ ކުރީގެ މެމްބަރު މައުސޫމް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން، ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދާ ހަވާލާ ދެއްވައި، އެ ޕާޓީގެ ތަރުޖަމާން އަލީ ސޯހިލް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ. އަދި އެ ޕާޓީ ހިންގަމުން ގެންދަނީ ގާސިމްގެ ވިސްނުމާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއާ ދާދި ފަހުން ގުޅުނު ކުރީގެ ހޯމް މިނިސްޓަރު އަދި ގާސިމްގެ އެޑްވައިޒަރު އުމަރު ނަސީރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން ވަނީ އިއުލާން ކޮށްފަ އެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން މައުސޫމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު ބުނާގޮތުން ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ކަމަށާއި އިތުރު މީހަކަށް އެ ޓިކެޓް ލިބޭނީ އަސާސީ ގަވައިދު އިސްލާހު ކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ވަރަށް އަވަހަށް ބޭއްވުމަށް ނިންމާފައިވާއިރު، އެ އިސްލާހު ގެނެސްފި ނަމަ އެ ޕާޓީގެ ޓިކެޓު ހޯދުމުގެ ފުރުސަތު އެހެން މެމްބަރުންނަށް އޮންނާނެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމާފައިވާތީ، ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީއެއްގެ ކެންޑިޑޭޓް ވީހާ ވެސް އަވަހަށް ދެއްކުން މުހިންމު ކަމަށް މައުސޫމް ވިދާޅުވި އެވެ.