Roadha Mihaaru

ޖަމާލުއްދީން ސްކޫލުގައި އައުޓްޑޯ ކްލާސްރޫމެއް، ވަރަށް ހިތްގައިމު

ވަރަށް ހިތްގައިމު، ރީތި އައުޓްޑޯ ކްލާސްރޫމެއް ޖަމާލުއްދީން ސްކޫލުގައި މިއަދު ހުޅުވައިފި އެވެ. މިއީ މާލޭގެ ސްކޫލެއްގައި ހުޅުވި މިފަދަ ފުރަތަމަ ކްލާސްރޫމެވެ.

ޖަމާލުއްދީން ސްކޫލުގައި ހިތްގައިމު އައުޓްޑޯ ކްލާސްރޫމެއް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

10 މެއި 2018

ވަރަށް ހިތްގައިމު، ރީތި އައުޓްޑޯ ކްލާސްރޫމެއް ޖަމާލުއްދީން ސްކޫލުގައި މިއަދު ހުޅުވައިފި އެވެ. މިއީ މާލޭގެ ސްކޫލެއްގައި ހުޅުވި މިފަދަ ފުރަތަމަ ކްލާސްރޫމެވެ.

އެ ސްކޫލުގެ ބަގީޗާ ކުރިން ހުރި ތަނުގައި "ޖަމާލުއްދީން ދާލަ"ގެ ނަމުގައި ހެދި އެ ތަން ހުޅުވައިދެއްވީ، ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި، ދެ ލައްކައެއްހާ ރުފިޔާ ހަރަދު ކޮށްގެން އެފަދަ ކްލާސްރޫމެއް ހެދީ، ތަފާތު މާހައުލެއްގައި ދަރިވަރުންނަށް ކިޔެވުމަށް ފުރުސަތު ދިނުމަށެވެ. އެހެން ކްލާސްރޫމްތަކާ އެއް ވަރަށް، އައުޓްޑޯ ކްލާސްރޫމުން ވެސް ދަރިވަރުންނަށް ޖާގަ ލިބޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.

ޖަމާލުއްދީން ސްކޫލުގައި މިއަދު ހުޅުވި އައުޓްޑޯ ކްލާސްރޫމް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ބައްލަވައިލައްވަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖަމާލުއްދީން ސްކޫލުގައި މިއަދު ހުޅުވި އައުޓްޑޯ ކްލާސްރޫމް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ބައްލަވައިލައްވަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައިި، އެ ކްލާސްރޫމް ހުރިހާ ގްރޭޑެއްގެ ދަރިވަރުން ވެސް ބޭނުންކުރާނެ އެވެ. އެގޮތުން އެކި މާއްދާތައް އެ ކްލާސްރޫމުގައި ނަގާއިރު، އެތަން ބޭނުންކުރުމަށް ޖެހޭނީ ބުކް ކުރާށެވެ.

ހަސަން ވިދާޅުވީ، މިހާރު ކްލާސްރޫމުތައް ހުންނަ ގޮތުން، ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން އެންމެ ފުރިހަމައަށް ނުދެވެ އެވެ.

"ބަންދު ތަނެއްގައި ދަރިވަރުން ކިޔަވަން ތިބޭއިރު، އެ ސަމާލުކަން ދޭންޖެހޭ ވަރަށް ނުދެވޭ. އޯޕަން ތަނަކަށް ނުކުމެލާ ގަޑީގައި އެބަ ފެނޭ އެ ކުދިންގެ މޫނުމަތިން ފެންނަ ހިނިތުންވުމާއި ލިބޭ ހިތްހަމަޖެހުން. އެހެންވެ އޯޕަން ކްލާސްރޫމެއް ހުޅުވި އެންމެ ބޮޑު ބޭނުމަކީ، ހިތްގައިމު ރީތި މާހައުލެއްގައި ކިޔަވައިދޭނެ ޖާގަ ހޯދައިދިނުން،" ހަސަން ވިދާޅުވި އެވެ.

ޖަމާލުއްދީން ސްކޫލުގައި މިއަދު ހުޅުވި އައުޓްޑޯ ކްލާސްރޫމްގައި، ދަރިވަރުންތަކެއް ކިޔަވަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖަމާލުއްދީން ސްކޫލުގައި މިއަދު ހުޅުވި އައުޓްޑޯ ކްލާސްރޫމްގައި، ދަރިވަރުންތަކެއް ކިޔަވަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ބަގީޗާގައި ހުރި ގަސްތައް މިހާރު ވަނީ، ހިޔާކޮށްފައި ހުރި ދާލައިގެ މައްޗަށް ބަދަލުކޮށްފަ އެވެ. އަދި އެ ތަނުގެ ބޭރުގައި ބޮޑު ގަހެއް ހުރުމުން، ދަރިވަރުންނަށް ލިބޭ ހިތްފަސޭހަކަން ބޮޑުވެގެން ދެ އެވެ.

ޖަމާލުއްދީން ދާލަ ހަދާފައިވަނީ، ދަރިވަރުން އިށީނުމަށް ތިން ބެންޗަކާއި ޓީޗަރަށް ކުޑަ އުނދޯއްޔެއް ހާއްސަކޮށްގެންނެވެ. އަދި އެ ތަނުގެ ވަށައިގެން ވެސް، އިށީނދެވޭނެ ގޮތަށް ބެންޗު ހަދާފައި ވެ އެެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ޖަމާލުއްދީން ސްކޫލުގައި މިއަދު ވަނީ ގިނަ ހަރަކާތްތަކެއް ބާއްވައިފަ އެވެ. އެގޮތުން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން ވަނީ އެ ސްކޫލުގައި ތިބޭ، އަޑުއިވުމުގެ މަހުރޫމު ވެފައި ތިބި ދަރިވަރުންނަށް، ފްރިކުއެންސި މޮޑިއުލޭޝަން ސިސްޓަމެއް (އެފްއެމްސީ) ހަދިޔާކޮށްފަ އެވެ.