Roadha Mihaaru
ޗެލްސީ މާޔޫސްވާންޖެހޭ ސަބަބެއް ނެތް: ކޮންޓޭ

ޗެލްސީ މާޔޫސްވާންޖެހޭ ސަބަބެއް ނެތް: ކޮންޓޭ

12 މެއި 2018

ލަންޑަން (މެއި 12) - މި ސީޒަނަކީ ޗެލްސީގެ އެންމެ ދަށް ސީޒަން ކަމަށް ދެކިގެން މާޔޫސްވާން ޖެހޭ ސަބަބެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 12) - މި ސީޒަނަކީ ޗެލްސީގެ އެންމެ ދަށް ސީޒަން ކަމަށް ދެކިގެން މާޔޫސްވާން ޖެހޭ ސަބަބެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ލީގުގެ ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު ޗެލްސީ އަަށް އޮތީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. ޗެލްސީ އަށް ހަތަރު ވަނަ އަށް އެރެން އޮތީ ލީގުގައި މާދަމާ ބްރައިޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުން ބަލިވެ، އަދި ނިއުކާސަލް ޔުނައިޓެޑް ދަނޑުގައި ޗެލްސީ ކުޅޭ މެޗުން މޮޅުވެގެންނެވެ. ލިވަޕޫލް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ގަދަ ހަތަރެއް ލިބޭނެ އެވެ. އެއީ ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ.

ކޮންޓޭ ބުނީ ފުރަތަަމަ ސީޒަނުގައި އޭނާ އަށް ޗެލްސީ ގޮވައިގެން ޕްރިމިއާ ލީގު ކާމިޔާބު ކުރެވުނަސް އެއީ ފަސޭހައިން ތަކުރާރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ތެދެއް މި ފަހަރު އަހަރެމެން މި މަސައްކަތް ކުރަނީ ގަދަ ހަތަރަކަށް. އަންނަ އަހަރު ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ހޯދަން. އެކަމަކު ކޮންމެ މީހެއް ވެސް ގަބޫލުކުރަން ޖެހޭ. ގަދަ ހަތަރެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫން. މި ލީގުގައި ވަރުގަދަ ހަ ޓީމު އެބައޮތް،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ މިއީ ޗެލްސީ އަށް ކާމިޔާބު ސީޒަނަކަށް ހެދުމުގެ ފުރުސަތު އަދިވެސް އެއްކޮށް ނުގެއްލޭ ކަމަށެވެ.

"މީގެ ދެ އަހަރު ކުރިން ޗެލްސީ ލީގު ނިންމީ 10 ވަނައިގައި. އެ ފަހަރު ނުދޭ ލީގު ކަޕް ސެމީ އަށް. ނޫނީ އެފްއޭ ކަޕް ފައިނަލަށް. ޗެލްސީން މާޔޫސްވާން ނުޖެހޭ. ތަށްޓެއް ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް. މީގެ ދެ އަހަރު ކުރިން މި ކްލަބް ސީޒަން ނިންމާލީ ހުސްއަތާ ފައިނަލެއްގެ ނަސީބު ވެސް ނުލިބި،" ކޮންޓޭ ބުންޏެވެ.

މި ސީޒަނަށް ފަހު ޗެލްސީން ކޮންޓޭ ދޫކޮށްލާނެ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާއިރު، އޭނާ ވަނީ އެ ސުވާލުތަކަށް ޖަވާބުދޭން ދެކޮޅު ހަދައިފަ އެވެ. އަދި ވަކިގޮތެއް ނިންމާނީ ކްލަބުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޗެލްސީގެ ވެރިޔާ ރަޝިއާގެ ރޯމަން އަބްރަމޮވިޗް ބޭނުންވަނީ އެ ޓީމުގެ ކޯޗުކަމަށް ނަޕޯލީގެ ކޯޗު މައުރީޒިއޯ ސާރީ ގެންނާށެވެ.