Roadha Mihaaru
ޗެލްސީން ޕޮޗެޓީނޯ އަށް ރެކޯޑް މުސާރައެއް ހުށައަޅައިފި

ޗެލްސީން ޕޮޗެޓީނޯ އަށް ރެކޯޑް މުސާރައެއް ހުށައަޅައިފި

16 މެއި 2018

ލަންޑަން (މެއި 16) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެންނަން ޗެލްސީން މަސައްކަތް ފަށާފައިވާއިރު އޭނާ އަށް އެ ކްލަބުން ރެކޯޑް މުސާރައެއް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 16) - ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެންނަން ޗެލްސީން މަސައްކަތް ފަށާފައިވާއިރު އޭނާ އަށް އެ ކްލަބުން ރެކޯޑް މުސާރައެއް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެފި އެވެ.

ޕޮޗެޓީނޯ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އަންނަ ސީޒަނަށް ޓޮޓެންހަމް ވަރުގަދަ ކުރުމުގެ ގޮތުން 150 މިލިއަން ޕައުންޑުގެ ބަޖެޓެއް ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް އެ ޓީމު އަންނަ ސީޒަނުގައި އާ ސްޓޭޑިއަމަށް ބަދަލުވާތީ އެ ވަރުގެ ހަރަދެއް ކުރެވޭނެ ކަމަށް ނުބެލެވެ އެވެ. ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީ ވަނީ ޕޮޗެޓީނޯ ކްލަބުގައި މަޑުކުރުމަކީ މުހިއްމު ކަމެއް ކަމަށް ބުނެފަ އެވެ.

މި ސީޒަނުގައި ޗެލްސީ އަށް އިރުޝާދުދިން އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން އެ ޓީމު ލީގު ނިންމާލީ ފަސް ވަނައިގައި އޮވެ އެވެ. އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ޗެލްސީ އަށް ގެއްލުނުއިރު، ސީޒަނުގައި އެ ޓީމަށް ބާކީ އޮތީ މެންޗެސްޓާ ޔުނައިޓެޑާ އެކު ކުޅޭ އެފްއޭ ކަޕް ފައިނަލެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީން އެފްއޭ ކަޕް ކުރި ނަމަވެސް އެ ޓީމުގެ ވެރިޔާ ރަޝިއާގެ ރޯމަން އަބްރަމޮވިޗް ވަނީ ކޮންޓޭ މަގާމުން ދުރުކުރަން ނިންމައިފަ އެވެ.

ޗެލްސީން ވަނީ މީގެ ކުރިން ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ އާއި ނަޕޯލީގެ ކޯޗު މައުރީސިއޯ ސާރީ ގެންނަން ވާހަކަ ދައްކައިފަ އެވެ. އެހެން ނަމަވެސް ސީޒަން ނިމުމުގެ ކުރިން ސާރީ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވެ އެވެ. އެންރީކޭއާ އެކު ބޭއްވި މަޝްވަރާތަށް މަޑުޖެހުނީ އޭނާ ކީ މުސާރަ ބޮޑުވުމުންނެވެ. އެންރީކޭ ބޭނުންވަނީ އަހަރަކު 16.5 މިލިއަން ޕައުންޑް އެވެ.

ޗެލްސީން މިހާރު ހުރި ކޮންޓޭ އަށް މުސާރައިގެ ގޮތުގައި ދެނީ އަހަރަކު 9.5 މިިލިއަން ޕައުންޑް އެވެ. ރިޕޯޓްތައް ބުނާގޮތުގައި ޕޮޗެޓީނޯގެ އޭޖެންޓާ އެކު ޗެލްސީން ބޭއްވި މަޝްވަރާތަކުގައި ވަނީ ރެކޯޑް މުސާރައެއް ހުށަހަޅައިފަ އެވެ. އެއީ އަހަރަކު 13 މިލިއަން ޕައުންޑް ދޭ ގޮތަށެވެ.

އަންނަ ހަފްތާ ތެރޭގައި ޕޮޗެޓީނޯ އާއި ޓޮޓެންހަމްގެ ބޯޑު މެމްބަރުންގެ ބައްދަލުވުމެއް ތާވަލްކޮށްފައިވާއިރު، އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.