Roadha Mihaaru
ކޯޓުން ޗެލްސީ ބަލިކޮށް ކޮންޓޭގެ މިސްރާބު އިންޓަ އަށް

ކޯޓުން ޗެލްސީ ބަލިކޮށް ކޮންޓޭގެ މިސްރާބު އިންޓަ އަށް

23 މެއި 2019

ލަންޑަން (މެއި 23) - ޗެލްސީއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބުކޮށް އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ، އިންޓަ މިލާނުގެ ކޯޗުކަމާ ހަވާލުވާން ހުރިިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 23) - ޗެލްސީއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބުކޮށް އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ، އިންޓަ މިލާނުގެ ކޯޗުކަމާ ހަވާލުވާން ހުރިިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ޖުލައި މަހު ތެރޭ ޗެލްސީ ކޯޗުކަމުން ކޮންޓޭ ވަކިކުރިއިރު ކަންތައްތައް ދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން އޭނާ އެ ޓީމު ގޮވައިގެން ކޯޓަށްދާން ނިންމީ ބަދަލެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ހޯދުމަށެވެ. އިއްޔެ ކޯޓުން ވަނީ ޗެލްސީން ކޮންޓޭއާ މެދު ގޮތެއް ނުނިންމައި ހުއްޓައި އޭނާ އަށް ރަނގަޅު ދެ ހުށަހެޅުމެއް ގެއްލުމުން އޭގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު ދޭން އަންގައިފަ އެވެ.

ޗެލްސީގެ ކޯޗުކަމަށް ސާރީ ހަމަޖެއްސީ މި ސީޒަނަށް ކޮންޓޭ އެ ޓީމުގެ ޕްރީ ސީޒަން ޕްރެކްޓިސް ވެސް ފަށާފައިވަނިކޮށެވެ. ކޮންޓޭއާ ޗެލްސީގެ ކޯޗު ރޯމަން އަބްރަމޮވިޗް މައްސަަލަ ޖެހި މިދިޔަ އަހަރު ޖެނުއަރީ މަހު ކޮންޓޭ މަގާމުން ދުރުކުރަން ނިންމި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ޗެލްސީގެ ކޯޗުކަން ކޮންޓޭ އަށް ގެއްލުނީ އެ ޓީމަށް އެފްއޭ ކަޕް ކާމިޔާބުކޮށްދިންތާ 55 ދުވަސް ފަހުންނެވެ. މައްސަލަ ކޯޓުން ބޭރުން ނިންމަން ޗެލްސީން ހުށަހެޅި ނަމަވެސް ކޮންޓޭ އެ ގޮތަށް ބޭނުމެއްނުވި އެވެ.

ޗެލްސީއާ 2003 ވަނަ އަހަރު އަބްރަމޮވިޗް ހަވާލުވިފަހުން ކޮންޓްރެކްޓްގައި ހުރި ކޯޗުން މަގާމުން ވަކިކޮށްގެން ބަދަލުގެ ގޮތުގައި 10 ކޯޗުންނަށް 117 މިލިއަން ޑޮލަރު ވަނީ ދައްކައިފަ އެވެ. އެންމެ ބޮޑު އަދަދެއް ދެއްކީ 2007 ވަަނަ އަހަރު ހޯސޭ މޮރީނިއޯ ވަކިކުރިއިރު އޭނާ އާއި ކޯޗިން ސްޓާފުންނަށެވެ. އެ ފަހަރު ޗެލްސީން ބަދަލެއްގެ ގޮތުގައި 29.5 މިލިއަން ޑޮލަރު ދެއްކި އެވެ.

ކޮންޓޭ ހޯދަން އިޓަލީގެ ގިނަ ކްލަބްތަކުން ވަނީ މަސައްކަތް ކޮށްފަ އެވެ. އޭނާގެ ކުރީގެ ޓީމު ޔުވެންޓަސްއާ ހަވާލުވާން ކޮންޓޭ ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާގައި އަޑުފެތުރުނު ނަމަވެސް މިހާރު ކޮންޓޭގެ މިސްރާބު ހުރީ އިންޓަ އަށެވެ.

އުމުރުން 49 އަހަރުގެ ކޮންޓޭ ކުރިއަށް އޮތް ހަފްތާގައި އިންޓައާ އެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް އިނގިރޭސި މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. ޗެލްސީ ދޫކޮށްލުމަށް ފަހު ކޮންޓޭ ބުނީ އޭނާ ފެނުން އެންމެ ގާތީ އިޓާލިއަން ލީގުން ކަމަށެވެ.