Roadha Mihaaru
ޗެލްސީއާ ދެކޮޅަށް ކޮންޓޭ ދައުވާކުރަނީ

ޗެލްސީއާ ދެކޮޅަށް ކޮންޓޭ ދައުވާކުރަނީ

22 ޖުލައި 2018

ލަންޑަން (ޖުލައި 22) - ޗެލްސީގެ ކޯޗުކަމުން ވަކިކުރިއިރު ކަންތައް ކުރިގޮތާ މެދު ހިތްހަމަ ނުޖެހި އެ ޓީމާ ދެކޮޅަށް ދައުވާ ކުރަން އެންޓޯނިއޯ ކޮންޓޭ ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 22) - ޗެލްސީގެ ކޯޗުކަމުން ވަކިކުރިއިރު ކަންތައް ކުރިގޮތާ މެދު ހިތްހަމަ ނުޖެހި އެ ޓީމާ ދެކޮޅަށް ދައުވާ ކުރަން އެންޓޯނިއޯ ކޮންޓޭ ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ކޮންޓޭ އާއި ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. ޗެލްސީގެ ވެރިންނާއި ކޮންޓޭއާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދުނީ ކޮންޓޭގެ ޓްރާންސްފާ ޕްލޭންތަކާ އެއްގޮތަށް ކުރިއަށްދާން ޗެލްސީ ބޯޑުން ދެކޮޅު ހެދުމުންނެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމުން ކޮންޓޭ ވަކިކުރަން މިދިޔަ ޖެނުއަރީ މަހު އަބްރަމޮވިޗް ނިންމި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އޭގެ ފަހުން ޓީމުގެ އެކި މަގާމުތަކުގައި ތިބި މީހުންނާއި ކޮންޓޭއާ ގުޅުން ކުޑަވި އެވެ.

މުސްތަގުބަލާ މެދު ސުވާލުތަކެއް އުފެދިފައިވީ ނަމަވެސް ކޮންޓޭ ވަނީ މިދިޔަ ސީޒަނުގައި ޗެލްސީ އަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދީފަ އެވެ. ޗެލްސީގެ ކޯޗުކަމުން ކޮންޓޭ ވަކިކުރީ އެ ޓީމާ އެކު އޭނާ އެފްއޭ ކަޕް ކާމިޔާބު ކުރިތާ 55 ދުވަސް ފަހުންނެވެ. އަދި މަގާމުން ދުރުކުރިއިރު، ކޮންޓޭ ވަނީ ޕްރީ ސީޒަން ޕްރެކްޓިސް ވެސް ފަށައިފަ އެވެ.

ޗެލްސީން ނަޕޯލީގެ ކޯޗު މައުރީޒިއޯ ސާރީ ގެންނަން ކުރި މަސައްކަތް ލަސްވީ އޭނާގެ ކުރީގެ ކްލަބް ނަޕޯލީއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ސަބަބުންނެވެ. ނަޕޯލީއާ އެކު ސާރީ ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ 9 މިލިއަން ޑޮލަރު ދައްކަން ޗެލްސީން އެއްބަސްވީ ގާނޫނީ ލަފާ ހޯދުމަށް ފަހު އެވެ. ސާރީ ކޯޗަަކަށް ގެންނަން ކޮންޓޭ މަގާމުން ދުރުކުރިއިރު އޭނާ އަށް ބަދަލެއްގެ ގޮތުގައި 11.8 މިިލިއަން ޑޮލަރުގެ ކޮމްޕެންސޭޝަން ފީ އެއް ވެސް ދެއްކި އެވެ.

ރިޕޯޓްތައް ބުނާގޮތުން ކޮންޓޭ ޗެލްސީ ގޮވައިގެން ދައުވާ ކުރަން ނިންމީ އޭނާގެ ކެރިއަރުގެ އެއް އަހަރު އޮޅުވާލުމެއްގެ ތެރޭގައި ބެހެއްޓި ކަމަށް ބުނެ އެވެ. ޗެލްސީން ކޮންޓޭއާ މެދު ގޮތެއް ނުނިންމައި ހުއްޓައި އޭނާ އަށް ވަނީ ރަނގަޅު ދެ ހުށަހެޅުމެއް ގެއްލިފަ އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކޮންޓޭ އަށް ލިބުނު ދެ ހުށަހެޅުމުގެ ތެރޭގައި އިޓަލީގެ ގައުމީ ޓީމުގެ ކޯޗުކަމާއި ރެއާލް މެޑްރިޑްގެ ކޯޗުކަން ހިމެނެ އެވެ. އެ ދެ ވަޒީފާ އަށް ވެސް ކޯޗުން ހަމަޖެއްސީ ކޮންޓޭގެ މުސްތަގުބަލާ މެދު ޗެލްސީން ގޮތެއް ނުނިންމާ އޮއްވަ އެވެ.