Roadha Mihaaru
މީޑިއާތަކުން އުޅެނީ ވަގުން ވެރިކަމަށް ގެންނަން: ރަނިލް

ބައެއް މީޑިއާތަކުން ދަނީ ވަގުން އަލުން ވެރިކަމަށް ގެންނަން: ރަނިލް

24 ޖުލައި 2016

ކޮލަމްބޯ (ޖުލައި 24) - ސްރީ ލަންކާގެ ބައެއް ޕްރިންޓް މީޑިއާތަކުން ދަނީ ސަރުކާރު ވައްޓާލުމަށް ފަހު "ވަގުން" އަލުން ވެރިކަމަށް ގެނައުމަށް ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ޖުލައި 24) - ސްރީ ލަންކާގެ ބައެއް ޕްރިންޓް މީޑިއާތަކުން ދަނީ ސަރުކާރު ވައްޓާލުމަށް ފަހު "ވަގުން" އަލުން ވެރިކަމަށް ގެނައުމަށް ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާ ވިދާޅުވެއްޖެ އެވެ.

ޔުނައިޓެޑް ނޭޝަލް ޕާޓީ (ޔޫއެންޕީ) އަށް މެންބަރުން އިތުރު ކުރުމަށް ކެންޑީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރަނިލް ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި އިންތިޚާބުގައި ރައްޔިތުން ނޫނެކޭ ބުނެފައި ތިބި މީހުން އަނެއްކާ ވެސް ވައްކަން ކުރަން ވެރިކަމަށް އައުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ވެރިކަމުން ދުރުކޮށްފައި ތިބި މީހުން ކިތަންމެ ވަރަކަށް ޕްރެޝަރު ކުރި ނަމަވެސް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު ވައްޓާނުލެވޭ ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.

ލަންކާގެ ބޮޑު ވަޒީރު ވިދާޅުވީ ވަގުން ވެރިކަމަށް ގެނެސް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ޕްރިންޓް މީޑިއާތަކަކީ ކުރީގެ ސަރުކާރުން މާލީ އެހީތައް ލިބިފައިވާ ތަންތަން ކަމަށެވެ. އަދި ސަރުކާރަށް ކިތަންމެ ވަރަކަށް ފާޑުކީ ނަމަވެސް މައްސަލައެއް ނެތް ކަމަށާއި އެކަމަކު ކޮރަޕްޓް މީހުން ވެރިކަމަށް ގެނައުމަށް އުޅުމަކީ މައްސަލައެއް ކަމަށް ރަނިލް ވިދާޅުވި އެވެ.

ޔޫއެންޕީގެ 70 ވަނަ އަހަރީ ދުވަސް މި އަހަރު ފާހަގަކުރާ އިރު ޕާޓީ އަށް އަލަށް ތިން މިލިއަން މެންބަރުން ހަމަކުރުމުގެ ކެމްޕޭނުގެ ދަށުން ކެންޑީގައި ބައްދަލުވުން އިންތިޒާމް ކުރީ ހައިވޭ އެންޑް ހައި އެޑިއުކޭޝަން މިނިސްޓަރު ލަކްޝްމަން ކިރިއެއްލާ އެވެ. ކެންޑީ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބުގައި ވެސް ރައްޔިތުން އެ ޕާޓީ އަށް ތާއިދު ދިން ގޮތަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށެވެ.