Roadha Mihaaru
ނަޝީދު ނޫން ކެންޑިޑޭޓެއް އެމްޑީޕީގައި ނެތް!

ނަޝީދު ނޫން ކެންޑިޑޭޓެއް އެމްޑީޕީގައި ނެތް!

20 މެއި 2018

އިދިކޮޅު އެމްޑީޕީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫނީ، ވެރިކަމަށް ގާބިލް ބޭފުޅަކު ހަމަ ނެތީ ހެއްޔެވެ؟ ގަވާއިދުތަކާއި އުސޫލްތައް ކަނޑައަޅާފައިވާ ގޮތުން، އެއީ ރާއްޖޭގެ އެންމެ ޑިމޮކްރެޓިކް ޕާޓީ އެވެ. އެކަމަކު، ރިޔާސީ ޕްރައިމަރީ އަށް މި ފަހަރު ވެސް ކުރިމަތިލެއްވީ ނަޝީދު އެކަންޏެވެ. އެ މަނިކުފާނާ ވާދަކޮށްލާކަށް އެ ޕާޓީގެ އެހެން އެއްވެސް މެންބަރަކަށް ނުކެރުނެވެ. ކީއްވެ ހެއްޔެވެ؟

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު އެމްޑީޕީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނޫނީ، ވެރިކަމަށް ގާބިލް ބޭފުޅަކު ހަމަ ނެތީ ހެއްޔެވެ؟ ގަވާއިދުތަކާއި އުސޫލްތައް ކަނޑައަޅާފައިވާ ގޮތުން، އެއީ ރާއްޖޭގެ އެންމެ ޑިމޮކްރެޓިކް ޕާޓީ އެވެ. އެކަމަކު، ރިޔާސީ ޕްރައިމަރީ އަށް މި ފަހަރު ވެސް ކުރިމަތިލެއްވީ ނަޝީދު އެކަންޏެވެ. އެ މަނިކުފާނާ ވާދަކޮށްލާކަށް އެ ޕާޓީގެ އެހެން އެއްވެސް މެންބަރަކަށް ނުކެރުނެވެ. ކީއްވެ ހެއްޔެވެ؟

މި މަހު 30 ގައި ބާއްވާ ރިޔާސީ ޕްރައިމަރީ އަށް ފޯމު ހުށަހެޅުއްވީ ނަޝީދު އެކަނި ކަން އެމްޑީޕީން އިއްޔެ އިއުލާންކުރުމާ އެކު އެތައް ބައެއްގެ ފާޑުކިއުން އަމާޒުވީ ސަބަބުތަކެއް ހުރީމަ އެވެ. އެ ޕްރައިމަރީގައި، ޕާޓީ އަށް ފާޑުކިޔަން މާ ބޮޑަށް ވެސް އޮތީ ޖާގަ ދީފަ އެވެ.

އެމްޑީޕީ އަށް ފާޑުކިއުން އަމާޒުކުރައްވައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްރައިމަރީގައި ނަޝީދު އެކަނި ވާދަކުރެއްވުމުން ފެންނަނީ ޑިމޮކްރަސީގެ ނަމޫނާއެއް ކަމަށެވެ. އެ މަނިކުފާނާ ވާދަކޮށްލާނެ މީހަކު އެމްޑީޕީގައި ނެތް ކަމަށް ވިދާޅުވި އެވެ.

"ދެ ހާސް ތޭރައިގެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީ ފެއިލްވީ ނަޝީދުގެ ލީޑަޝިޕްގައި. އެމްޑީޕީގައި ނެތީބާ ރާއްޖޭގެ ވެރިކަން ކޮށްލެވޭނެ ފަދަ މީހެއް؟" ނިހާން ސުވާލު ކުރެއްވި އެވެ.

ރައީސް އަބްދުﷲ ޔާމީނާ ވާދަކުރަން ތިބި އެންމެން ޖަލަށް ލައި، ޕްރައިމަރީއަކާ ނުލައި އެ މަނިކުފާނަށް ކެންޑިޑެސީ ދޭން ނިންމާފައި ވަނީ ކިހާ ޑިމޮކްރެޓިކް ވެގެންތޯ ސުވާލުކޮށް ނަޝީދުގެ ސަޕޯޓަރުން ވަނީ ނިހާނަށް ރައްދު ދީފަ އެވެ.

މި ޖަވާބާއެކު، އުފެދުނު ބަހުސްގައި ދެން އޮތް ސުވާލަކީ، ޑިމޮކްރަސީގެ ނަމޫނާ ދައްކަން އެމްޑީޕީ ފަސްޖެހެނީ ކީއްވެ ހެއްޔެވެ؟ އެމްޑީޕީގެ އާއްމު މެމްބަރުން ގަބޫލުކުރާ ގޮތުގައި، ރާއްޖެ ޑިމޮކްރަސީގެ މަގަށް ރުޖޫއަކުރަން އެންމެ ބޮޑަށް މަަސައްކަތް ކުރައްވާ އެއް ލީޑަރަކީ ވެސް ނަޝީދެވެ. އެކަމަކު ރިޔާސީ ޕްރައިމަރީތަކަށް ބަލާއިރު، ނަޝީދު ނޫން ބޭފުޅަކަށް، އެ ޕާޓީގައި ފުރުސަތެއް ނެތެވެ.

ސިޔާސީ ޕާޓީތަކަކީ ވަކި ބޭފުޅަކު ވަށައިގެން އެނބުރޭ ޕާޓީއަކަށް ވެގެން ނުވާނެ ކަމަށް އެންމެ ބޮޑަށް އަޑުއުފުއްލެވި އެއްބޭފުޅަކީ ވެސް ހަމަ އެ މަނިކުފާނެވެ. އެކަމަކު އެމްޑީޕީގެ ވޭތުވެދިޔަ 12 އަހަރަށް ބަލާއިރު އެ ނަމޫނާއެއް ނުފެނުނެވެ.

ޕާޓީގެ އެތެރޭގެ އިންތިހާބުތަކުން ފެންނަން މި އޮތީ ޑިމޮކްރަސީގެ ރީތި އުސޫލްތަކެއް ވެސް ނޫނެވެ. ޕްރައިމަރީ ބޭއްވުމުގެ ގަރާރު، މި ފަހަރު ގައުމީ މަޖިލީހަށް ހުށަހަޅައި ފާސްކުރަން ޖެހުނީ ވެސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ކަމަށް ދެކޭ ބަޔަކު އެ ޕާޓީގައި އެބަތިއްބެވެ. ޕްރައިމަރީ ވެސް ހަމަ އެގޮތަށެވެ.

"ޕްރައިމަރީ ހިންގާނެ ގޮތުގެ ގަރާރު ހުށަހެޅުއްވީ އަމިއްލަ އަށް. ޕްރައިމަރީ ކުރިއަށް ގެންދަން ނެގި ކޮމެޓީގައި ތިއްބެވީ އެ މަނިކުފާނުގެ މަސްލަހަތު ހިމެނޭ ބޭފުޅުން. އެ ގަރާރު ފާސްކޮށްފައި ވަނީ އަސާސީ ގަވާއިދާ ފުށުއަރާ ގޮތަށް. މިހެން ގޮސް އިންތިހާބަށް އެހެން މީހަކު ކުރިމަތިލާން ސަބަބެއް ދޫކޮށްފައެއް ނެތް، މުޅި ޕްރައިމަރީ ކޮންޓްރޯލްކޮށްފައި އޮތީ ހުޅުވާލުމުގެ މާ ކުރިން ވެސް،" ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ.

"މީގައި މިއޮތީ، އަހަރެންގެ ހައްގު، އަހަރެންގެ އިންތިހާބު. އެހެން ޕާޓީތަކުގެ ވާހަކަ ބާއްވާ. އެމްޑީޕީ އަކީ ޑިމޮކްރެޓިކް އުސޫލުން އިންތިހާބުތައް ބާއްވަން، އުސޫލްތައް ލިއެފައި އޮތް ޕާޓީއެއް. އެ އުސޫލްތައް މުގުރާލާފައި ކަންކަން ކުރަންޏާ، ޑިމޮކްރަސީއޭ ނުކިޔޭނެ."

ނަޝީދު: ޖަޒީރާ ރައީސްގެ ނަމުގައި އެ މަނިކުފާނު ވަނީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފައްޓަވާފައި. --ފޮޓޯ/އެމްޑީޕީ

ނަޝީދު: ޖަޒީރާ ރައީސްގެ ނަމުގައި އެ މަނިކުފާނު ވަނީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފައްޓަވާފައި. --ފޮޓޯ/އެމްޑީޕީ

ނަޝީދު ނޫން ބޭފުޅަކު، އިންތިހާބުގައި ވާދަކޮށްފި ނަމަ ދެން ވާނެ ގޮތް އެ ޕާޓީގެ މާޒީން އެ އޮތީ ފެންނާށެވެ. އެއީ، ހިޔާލު ތަފާތުވުންތަކާ ހެދި އެ މީހަކު ލީޑަޝިޕުން އެކަހެރިވުމެވެ. ނުވަތަ ޕާޓީ ދޫކޮށްފައި ދާން މަޖުބޫރުވުމެވެ.

އަސާސީ ގަވާއިދާ އެއްގޮތަށް، އެންމެންނަށް ހުޅުވާލައިގެން އިންތިހާބު ބޭއްވި ނަމަވެސް އެ ޕާޓީގައި ނަޝީދު ބަލިކުރެވޭނެ ލީޑަރަކު ނެތް ކަން ކަށަވަރެވެ. އެއީ، އެ ޕާޓީގައި އަދިވެސް އެންމެ މަގުބޫލު ލީޑަރަކީ އެއީ ކަަމަށް ވާތީ އެވެ. އެހެންކަމުން، ޕްރައިމަރީގެ ކޮންޓްރޯލް ނެންގެވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ރިޔާސީ ޕްރައިމަރީ ނުބޭއްވިއަސް މިހާރު މިއޮތީ، އެމްޑީޕީގެ ކެންޑިޑެސީ ނަޝީދަށް ކަށަވަރުވެފަ އެވެ. އެކަމަކު، ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަ ކުރައްވަން ގާނޫނީ ހުރަސްތަކެއް އެބަހުއްޓެވެ. އެއީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ.

މި ހުކުމް އިއްވީ ބޭއިންސާފުން ކަމަށް ކަނޑައަޅައި އެ މަނިކުފާނު މިނިވަންކޮށް، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. މީގެ އިތުރުން ވެސް ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ގޮވާލުމާ އެއްގޮތަށް، އެ މަނިކުފާނަށް ފުރުސަތު ދޭން ސަރުކާރަށް މަޖުބޫރުވާނެތީވެ، އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެކަމަކު ސަރުކާރުން ބުނެފައި ވަނީ ވޯޓު ކަރުދާސްކޮޅުގައި ނަޝީދުގެ ނަމެއް ނޯންނާނެ ކަމަށެވެ. އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާތީ، އެ ހުކުމް ބާތިލުކުރެވޭނެ ގާނޫނީ މަރުހަލާއެއް ނެތް ކަމަށް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

މި ވާހަކައިގެ ރައްދެއްގެ ގޮތުގައި، އެމްޑީޕީން ދައްކަނީ، ނަޝީދު ހިމެނޭ ގޮތަށް ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި މިދިޔަ ފެބުރުއަރީ 1 ގައި ނެރުނު އަމުރެވެ. އެއީ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތުގައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ރިޝްވަތު ނަންގަވައިގެން ކުރެއްވި އަމުރެއް ތުހުމަތުކޮށް، ލީޑަރުން މިނިވަން ކުރަން އަމުރުކުރި ބައި، އެ ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ވަނީ ބާތިލްކޮށްފަ އެވެ.

އިންތިހާބާ ގުޅޭ ގޮތުން ނަޝީދާއި ސަރުކާރުން މި ދައްކާ ވާހަކައިގެ ހަގީގަތްތައް ތިލަވާން އަދި ދުވަސްކޮޅެއް އެބައޮތެވެ؛ އޭގެ ކުރިން ޑިމޮކްރަސީގެ ނަމޫނާ އަމިއްލަ ޕާޓީ ތެރެއިން ދައްކަން ފުރުސަތެއް ލިބުނެވެ. އެ ފުރުސަތުގައި، އެމްޑީޕީއަކީ ކިހާ ޑިމޮކްރެޓިކް ޕާޓީއެއް ކަން މިއޮތީ ފެންނާށެވެ.