Roadha Mihaaru
އެއް ކެންޑިޑޭޓާ މެދު އުއްމީދު ކަނޑާލަން ގާތްވެސް ނުވޭ

އެއް ކެންޑިޑޭޓާ މެދު އުއްމީދު ކަނޑާލަން އަދި ގާތްވެސް ނުވޭ: ނަޝީދު

29 މެއި 2018

ގުޅިިފައިވާ އިދިކޮޅު ޕާޓީތަކުން ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނުނެރޭވޭނެ ކަމަށް ދެކި، އެކަމާ މެދު އުއްމީދު ކަނޑާލަން އަދި ގާތް ވެސް ނުވާ ކަމަށާއި އިންތިހާބަށް ޕާޓީތައް ނުކުންނާނީ އެކުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު އަދި އަހުމަދު ހަމްދޫން

ގުޅިިފައިވާ އިދިކޮޅު ޕާޓީތަކުން ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނުނެރޭވޭނެ ކަމަށް ދެކި، އެކަމާ މެދު އުއްމީދު ކަނޑާލަން އަދި ގާތް ވެސް ނުވާ ކަމަށާއި އިންތިހާބަށް ޕާޓީތައް ނުކުންނާނީ އެކުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގައި ހުންނަވައި ސްކައިޕް މެދުވެރިކޮށް "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބާ މެދު ވެސް އުއްމީދު ކަނޑާލަން ޖެހޭ ހިސާބަށް ނުދާ ކަމަށެވެ. މި އިންތިހާބަކީ މިނިވަން އިންސާފުވެރި، އަދި ޕާޓީތަކުން ޚިޔާރުކުރާ ކެންޑިޑޭޓަކަށް ބައިވެރިވެވޭނެ އިންތިހާބެއް ކަމަށް ވިދާޅުވި އެވެ.

"އަދި އޭގެ އިތުރުން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް، ގުޅިފައިވާ ޕާޓީތަކަށް އެއްބަސްވެވޭނެ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކީ އަޅުގަނޑުމެންގެ ރަނިން މޭޓަކަށް. އަޅުގަނޑު ދެކޭ ގޮތުގައި އޮނަރަބަލް ގާސިމް އިބްރާހީމަށް ވެސް ކުރިމަތި ލެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ގާސިމަށް ކުރިމަތި ނުލެއްވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން، އުމުރުން 65 އަހަރު ވެފައިވާ މީހުންނަށް، ވެރިކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

އެ އިސްލާހަކީ ވަރަށް ބޮޑަށް ސީދާ ވަކި މީހަކަށް އަމާޒުކޮށްގެން ގެނައި އިސްލާހެއް ކަމަށާއި އެ އިސްލާހު ބަދަލުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަދިި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ރައީސް މައުމޫންގެ ފެކްޝަނާ، އަޅުގަނޑުމެން ހުރިހާ އެންމެން ގުޅިގެން މި ރިޔާސީ އިންތިހާބަށް ނުކުމެވޭނެ. މިކަމާ އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ސްކައިޕް މެދުވެރިކޮށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

ސްކައިޕް މެދުވެރިކޮށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

އިދިކޮޅު ޕާޓީތަކަށް އެއް ކެންޑިޑޭޓަކު ނެރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އިރު، އެއް ކެންޑިޑޭޓަކާ މެދު ޕާޓީތަކަށް އެއްބަސްނުވެވި އުޅެނިކޮށް އަމިއްލަފުޅަށް ކެމްޕޭން ކުރައްވާތީވެ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ އެމަނިކުފާނަށް ފާޑުވިދާޅުވަމުންނެވެ. އެމަނިކުފާނު އިންތިހާބުގައި ވާދަކުރައްވާނެ ކަަމަށް ވިދާޅުވުމަކީ ރައްޔިތުންނަށް ލިބޭނެ މާޔޫސްކަމެއް ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖޭގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށާއި ރާއްޖޭގައި ހިންގާ ގޯސްތަކަށް އެ މީހުންގެ ނަޒަރު ހުއްޓުނީ ހަމައެކަނި މިދިޔަ ފެބުރުއަރީ މަހު ހިނގި ކަންކަމާ ހިސާބުން ނޫން ކަމަށެވެ. އެ މަނިކުފާނު އެ އިޝާރާތް ކުރެއްވީ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒު ނުކޮށް، އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ އެހެން ފަނޑިޔާރަކާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ހައްޔަރުކޮށްފައިވާ މައްސަލަ އަށެވެ.

ފެބުރުއަރީ 1 ގެ އަމުރަކީ ރިޝްވަތު ހުށަހަޅައިގެން ސަރުކާރު ވައްޓާލަން ކުރި ބަޣާވާތެއް ކަަމަށް ސަރުކާރުން ބުނާއިރު، މިހާރު އެ ކޯޓުގައި ތިއްބެވި ތިން ފަނޑިިޔާރުން ވަނީ ފަސް ފަނޑިޔާރުންގެ އަމުރުގައި ހިމެނޭ ސިޔާސީ ލީޑަރުން މިނިވަންކުރުމުގެ ބައި ބާތިލުކޮށްފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން، ރައީސް އަބްދުﷲ ޔާމީން، ބޭރުގެ ފަރާތްތަކާ ވެސް ވާހަކަފުޅު ދައްކަވާނެ އެވެ. ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެގެން ދާނަމަ، އަމާޒުކުރެވޭ ވަކި ބަޔަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ކައުންސިލުން ދީފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީ އަށް ހުރަސްއަޅައި ޕާޓީ އުވާލުމުގެ އިންޒާރު ދިނުމަކީ ހާލަތު ގޯސްވުން ކަމަށެވެ.

"ސިޔާސީ ޕާޓީތަކަށް ހަމަލާދިނުމަކީ ހާލަތު އިތުރަށް، ވަރަށް ބޮޑަށް ގޯސްވުން. އަޅުގަނޑު ދަންނަ ޔޫރަޕްގެ މުޖުތަމައުގައި ސުޕްރީމް ކޯޓެއް ރޫޅާލުމަށް ވުރެން ސިޔާސީ ޕާޓީއެއް ރޫޅާލީމާ ކަންބޮޑުވުން ބޮޑުވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ހުރިހާ ކަމެއް ތަރުތީބުވެގެން އަންނައިރު، މިނިވަން އިންސާފުވެރި، ޕާޓީތަކަށް ބައިވެރިވެވޭ އިންތިހާބަކަށް މަގު ފަހިވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.