Roadha Mihaaru
ގާސިމަށް އެންމެ އިސް ތާޖު ހައްގު: އަލީ ވަހީދު

ގާސިމަށް އެންމެ އިސް ތާޖު ހައްގު، އޮޅުންބޮޅުންގަނޑު ހައްލުކޮށްދެވޭނެ: އަލީ ވަހީދު

26 މެއި 2018

ރާއްޖެ އަށް ދިމާވެފައިވާ އޮޅުންބޮޅުންގަނޑު ހައްލުކޮށް ދެވޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމަށް ކަމަށާއި ގާސިމަށް ރާއްޖޭގެ އެންމެ އިސް "ތާޖު" ހައްގު ކަމަށް ޖުމްހޫރީ ޕާޓީއާ މިރޭ ގުޅިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އަށް ދިމާވެފައިވާ އޮޅުންބޮޅުންގަނޑު ހައްލުކޮށް ދެވޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމަށް ކަމަށާއި ގާސިމަށް ރާއްޖޭގެ އެންމެ އިސް "ތާޖު" ހައްގު ކަމަށް ޖުމްހޫރީ ޕާޓީއާ މިރޭ ގުޅިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ފްރޭންކްފަޓްގައި ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި، އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ފަހު ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ގާސިމްގެ ތަޖުރިބާ އަށް ބަލާއިރު، ރާއްޖެ އަށް ދިމާވެފައިވާ "ކާރިސާ" ހައްލުކޮށް ދެވޭނެ "ސަމުގާ" އަކީ ގާސިމް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގާސިމަކީ އިގްތިސާދީ ގޮތުން މުފައްކިރެކެވެ. އިޖުތިމާއީ ގޮތުން ގާސިމަކީ "މުދައްބިރެއް" ކަމަށާއި ސިޔާސީ ގޮތުން އޭނާ އަކީ "ހުދަންބަރެއް" ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަހަތްޕުޅުގައި ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގެން އެމަނިކުފާނު އުފެއްދެވި ޑީއާރުޕީގައި އިސްކޮށް މަސައްކަތް ކުރެއްވި އަދި ރާއްޖޭ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވި އަލީ ވަހީދު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ބޭނުންވަނީ ބައިބައި ވެފައި އޮތް އިޖުތިމާއީ ފޭރާން މެދަށް ގެނެސް، އަމުނާލެވޭނެ ވެރިކަމެކެވެ. އަދި އޭނާ ވިދާޅުވީ، ރައްޔިތުންގެ ފިކުރާއި ހިޔާލާތަށް ތަސައްލީއެއް ގެނެވޭނީ ޖޭޕީ އަށް ކަމަށެވެ.

ޖަރުމަނުގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމާއި އަމީން ސަލާމް ކުރައްވާއިރު، އަލީ ވަހީދު (ވ) އާއި ޖަމީލް 
 (ކ) ކައިރީގައި. - ފޮޓޯ: ޖޭޕީ

ޖަރުމަނުގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމާއި އަމީން ސަލާމް ކުރައްވާއިރު، އަލީ ވަހީދު (ވ) އާއި ޖަމީލް (ކ) ކައިރީގައި. - ފޮޓޯ: ޖޭޕީ

"ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ހަޔާތްޕުޅުގައި ވަނީ އެކަން ސާބިތުކޮށް ދެއްވާފައި. ސިޔާސީ ގޮތުން، އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ވަކި ރޮނގެއް ނެގުމެއް ނެތި ކޮންމެ ކަމެއް ކުރެއްވުމުގައި ހުރިހާ އެންމެން ގޮވައިގެން އުޅުމާއި އަދި އެމީހަކު ނިސްބަތްވީ އާއިލާއެއް ބެލުމެއް ނެތި، ކޮންމެ މީހެއްގެ ހިޔާލަކީ އެކޮމޮޑޭޓިވް ހިޔާލެއްގެ ގޮތުގައި ބައްލަވައިގެން އެމަނިކުފާނު މަސައްކަތް ކުރެއްވީ،" އަލީ ވަހީދު ވިދާޅުވި އެވެ.

ގާސިމަށް ތައުރީފް ކުރައްވައި އަލީ ވަހީދު ވިދާޅުވީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީގެ ފުރިހަމަ މިނިވަންކަން ރައްޔިތުންނަށް ގެނެސް ދިނުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ވެސް ގާސިމް ކަމަށެވެ. އޭރު އޮތް މާހައުލުގައި އެކަން އެހެން ބޭފުޅަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ހަތަރު މަހަށްވީ އިރު، ރާއްޖޭގައި މިހާރު އޮތް އަނިޔާވެރިކަން ނިންމުމަށް "ތަރުތީބުވެލަން" ޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އަނިޔާވެރިކަން ނިންމުމަށް އިދިކޮޅު ޕާޓީތަކުން ނުކުންނަންވީ އެއް ކެންޑިޑޭޓަކު ގޮވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ، އިދިކޮޅު ހަތަރު ލީޑަރުން މަޝްވަރާ ކުރައްވައި، އިދިކޮޅު ކެންޑިޑޭޓަކީ ކޮންމެ ޕާޓީއެއްގެ ބޭފުޅަކަށް ވިޔަސް، އެ ބޭފުޅެއްގެ ފަހަތުގައި ދެމި ހުންނަވައި، "ދާ ގޮތަށް ގޮސް މި އަނިޔާވެރިކަން" ނިންމާނެ ކަމަށެވެ.

އެކަމަކު، ހަމަ އެ ނޭވާގައި އަލީ ވަހީދު ވިދާޅުވީ ގާސިމްގެ އެންމެ ބޮޑު ހުވަފެނަކީ، ރާއްޖެ އިސްލާހީ މަގަށް ގެންގޮސް، އިސްލާހީ މަސައްކަތް ފުރިހަމަކުރުން ކަމަށެވެ. އެ މަސައްކަތުގެ އެންމެ މަތީ ތާޖުގައި ގާސިމް ބައިންދާނެ ކަމަށާއި އެ ދުވަސް އޮތީ މާ ދުރުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހިން މިއަދު ބޭނުންވަނީ ޖުމްހޫރީ ފުރިހަމަ ވެރިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަމަށްޓަކައި ޖުމްހޫރީ ޕާޓީގެ އާންމު މެމްބަރުން އަރުވާ ޖަހައި ނުކުތުމަށް އަޅުގަނޑު ގޮވާލަން. އެއީ ޑިޒާވް [ހައްގުވާ] ބޭފުޅެއް [ގާސިމް]. އެއީ އިތުރު ތައާރަފެއް ދީ، ހެކިތަކެއް ދައްކައި، ބަހުސް ކުރަން ޖެހޭ ކަމެއް ނޫން. އެއީ އެމްޑީޕީ އަށް ވެސް އެންމެ ބޮޑު ގުރުބާނީއެއް ވި އެއް ބޭފުޅާ. ޖުމްހޫރީ ޕާޓީ އުފެއްދަވައި ދެން ހުރި ޕާޓީތަކަށް ވެރިކަން ހޯއްދަވަން އެންމެ ބޮޑު ގުރުބާނީއެއް ވި ބޭފުޅާ،" ގާސިމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާގެ ވާހަކައިގައި ނުސީދާ ގޮތެއްގައި އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލަތަކެއް ދެއްވި އެވެ. އެމްޑީޕީގައި ހަތް އަހަރު ދުވަހު އުޅުއްވި އަލީ ވަހީދު ވިދާޅުވީ މޭ 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާ އަށް ފަހު އިނގިރޭސި ވިލާތަށް ވަޑައިގެން ސްކައިޕް މެދުވެރި ކުރައްވައި ހަރަކާތްތައް ހިންގަން ފެށުމުން އެކަން ބައެއް މީހުންނަށް ވީ ޖޯކަކަށް ކަމަށެވެ. އެކަން ވެގެން ދިޔައީ މަގާމުން ދުރުކުރުމަށް ދެއްކި ބަހަނާ އަކަށް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

ނަމަވެސް، މި އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، އެމްޑީޕީން ކެމްޕެއިންގެ ހަރަކާތްތައް ސްކައިޕް މެދުވެރިކޮށް ކުރިއަށް ގެންދާ ކަމީ އުފާ ކުރައްވާ ކަމެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު އެ އިޝާރާތް ކުރެއްވީ، ސްކައިޕް މެދުވެރިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި މިހާރު ބައްދަލުވުންތައް ބާއްވާތީ އެކަމަށެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނުކުންނަ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީ މި މަހުގެ 30 ގައި ބާއްވާއިރު، އެ ޕްރައިމަރީ އަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ނަޝީދެވެ. އަދި ސްރީ ލަންކާގައި ހުންވައިގެން، ސްކައިޕް މެދުވެރި ކުރައްވައި ނަޝީދު ގެންދަވަނީ ފުޅާދާއިރާއެއްގައި ކެމްޕެއިން ކުރައްވަމުންނެވެ.

އަލީ ވަހީދު މިރޭ ވިދާޅުވި ގޮތުގައި އެމްޑީޕީން ވަކިވެވަޑައިގަތަސް، އެ ޕާޓީގެ މެމްބަރުންގެ މެދުގައި އޮތް ހިތާއި ހިތުގެ ގުޅުމެއް ނުފޮހެވޭނެ އެވެ. އެކަމަކު، ކާމިޔާބީއެއް ހޯދުމުގައި ހިޔާލު ތަފާތުވެދާނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވިއިރު، އޭނާއާ އެކު، ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ރައީސް އައްސަދު އަލީ (އަޑުބަރޭ) އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސް ހަސަން ސުޖާއު އާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މަތިވެރި ދާއިރާގެ ރައީސް މުހައްމަދު ސަމީރާއި އެމްޑީޕީގެ މެންބަރު މުހައްމަދު ޝައްފާޒާއި އއ. އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަލީ ސަމީރު ވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއިކޮށްފަ އެވެ. އޭގެ އިތުރުން، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ލީގަލް ހެޑް، ވަކީލާ ހަނީފާ ހާލިދު ވެސް މިރޭ ވަނީ އެ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.