Roadha Mihaaru
"އެއްބައިވަންތަ ސަރުކާރަށް އެންމެންގެ އެހީ ބޭނުންވޭ"

އެއްބައިވަންތަ ކަމުގެ ސަރުކާރަކަށް އެންމެންގެ އެހީތެރިކަން ބޭނުންވޭ: ގާސިމް

20 ޑިސެމްބަރ 2017

ރާއްޖޭގެ ޑިމޮކްރެސީ ހަމަ މަގަށް ގެނުވައި، ރައްޔިތުން އެދޭ ފަދަ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަން ލިބުމަކީ ރައްޔިތުންގެ އުއްމީދު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ޑިމޮކްރެސީ ހަމަ މަގަށް ގެނުވައި، ރައްޔިތުން އެދޭ ފަދަ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން ހުރިހާ ފަރާތްތަކެއްގެ އެހީތެރިކަން ލިބުމަކީ ރައްޔިތުންގެ އުއްމީދު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގައި ހުންނެވި ގާސިމް ކުރެއްވި ޓުވީޓެއްގައި މިގޮތަށް ވިދާޅުވީ، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާ އެކު މިއަދު ބޭއްވެވި ބައްދަލުވުމަށް ފަހު އެވެ.

އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ ޖަމީލާއި އަލީ ވަހީދު ގާސިމްއާ ބައްދަލުކުރައްވަން ޖަރުމަނަށް ވަޑައިގަތީ މިދިޔަ ހޯމަ ދުވަހެވެ. މި ބޭފުޅުން ޖަރުމަނަށް ވަޑައިގެން ގާސިމާ ބައްދަލުކުރެއްވުމުން އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމަށް ފަހު، އަލީ ވަހީދު، ގާސިމްއާ ސަލާމްކުރައްވަނީ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ބޭއްވި ބައްދަލުވުމަށް ފަހު، އަލީ ވަހީދު، ގާސިމްއާ ސަލާމްކުރައްވަނީ.

އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ދުލާއި ހިތަށް ވުރެ، ސިކުނޑި އިސްކޮށްގެން ނޫނީ މި ހާލަތުން ރާއްޖެ އަރައިގަންނަން ދަތިވާނެ އެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި ތަފާތު ފިކުރުގެ ޕާޓީތައް ހިމެނޭ، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން ގާސިމް ތައްޔާރު ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ މަހު އެ މަސައްކަތް ފެށޭނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަތަރު ޕާޓީއަށް އިންސާފުވެރި ހަމަހަމަ، ޑިމޮކްރެޓިކް ޕްރައިމަރީ އަކުން ގައުމީ ކެންޑިޑޭޓެއް އިންތިހާބު ކުރަން ގާސިމް ތާއީދުކުރެއްވީތީ ވެސް އުފާކުރައްވާ ކަމަށެވެ. މަޝްވަރާއިން ގޮތެއް ނުނިމިއްޖެ ނަމަ "ދުރުނުކުރެވޭ ވަރަށް ކައިރި ނުވެ، ކައިރި ނުވެވޭވަރަށް ދުރުނުވެ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަން ޖެހޭ" ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

ޑިމޮކްރަސީއަށްޓަކައި ގާސިމް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި ޖަމީލް ވިދާޅުވީ، ގާސިމާ އެކު ބޭއްވީ ވަރަށް ފައިދާ ހުރި ބައްދަލުވުމެއް ކަމަށެވެ.

ރާއްޖޭގައި މިހާރު އޮތް ހާލަތު ބަދަލުކުރެވޭނީ އެއް ކެންޑިޑޭޓަކު ނެރެގެން ކަމަށް، ގުޅިފައިވާ ޕާޓީތަކުން ގަބޫލުކުރެ އެވެ. ރައީސް އަބްދުﷲ ޔާމީން ބަލިކުރަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީތަކަށް ހުށަހެޅުއްވީ އިންތިގާލީ ކެންޑިޑޭޓަކު ނެރުމުގެ ފޯމިއުލާ އެވެ. އެ ފޯމިއުލާގެ ދަށުން، ވެރިކަމަށް އިންތިހާބުކުރާނީ އެމަނިކުފާނު ވިދާޅުވާ ގޮތުގައި އިންތިގާލީ ވެރިއެކެވެ.

އެ ރައީސްގެ ޒިންމާއަކީ، ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، މިހާރު މަސްހުނިކޮށްފައިވާ ބާރުތައް ވަކިކޮށް، ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އިސްލާހުކުރެއްވުމެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެ ޖާގަ ހޯދައި ދެއްވުމެވެ.

މި ވިސްނުމުގައި، ގޮތްތަކެއް ހޯދަން ޕާޓީތަކުގެ އަތް މައްޗަށް ދޫކޮށްލެއްވި ނަމަވެސް މި ހިޔާލަށް ޕާޓީތަކުން އެއްބަސްނުވެވި ފޭލްވީ އެވެ.

ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ގާސިމް ނެރުމަށެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެކަމަކު ނަޝީދާއި ގާސިމަށް ވެސް އިންތިހާބަށް ކުރިމަތިލެއްވޭނީ ގާނޫނީ ގޮތުން ހައްލުތަކެއް ހޯދިގެންނެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބުނާ ގޮތުން 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ގާސިމްގެ އުމުރުން މިހާރު ވަނީ 65 އަހަރު ވެފަ އެވެ. ނަޝީދު ހުންނެވީ ރައީސްކަމަށް ކުރިމަތިލާ މީހަކާ ބެހޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގަ އެވެ.