Roadha Mihaaru
ގާސިމާ ބައްދަލުކުރަން ޖަމީލާއި އަލީ ވަހީދު ޖަރުމަނަށް

ގާސިމާ ބައްދަލުކުރަން ޖަމީލާއި އަލީ ވަހީދު ޖަރުމަނަށް

18 ޑިސެމްބަރ 2017

ބޭސްފަރުވާއަކަށް ޖަރުމަނުގައި މިވަގުތު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލު ކުރެއްވުމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު މިއަދު ޖަރުމަނަށް ވަޑައިގެންފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބޭސްފަރުވާއަކަށް ޖަރުމަނުގައި މިވަގުތު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލު ކުރެއްވުމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު މިއަދު ޖަރުމަނަށް ވަޑައިގެންފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ޖަރުމަނަށް ވަޑައިގެންނެވީ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ގާސިމާ މަޝްވަރާ ކުރެއްވުމަށެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އަލީ ވަހީދާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ވަކިއެއްޗެއް ހާމަކުރައްވަން ބޭނުން ނުވާ ކަމަށެވެ.

އަމިއްލައަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖަމީލާއި އަލީ ވަހީދު ދާދި ފަހުން ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ހިމެނޭ ގޮތުން ސިޔާސީ ބައެއް ބޭފުޅުންނާ ލަންޑަންގައި ބައްދަލުކުރައްވައިފަ އެވެ. އެ ދަތުރަށް ފަހު އެނބުރި ވަޑައިގެން އުމަރު މިދިއަ ބުރާސްފަތިދުވަހު ޖޭޕީއަށް ސޮއިކުރެއްވި އެވެ.

ޖޭޕީއާ އުމަރު ގުޅިވަޑައިގަތުމާ ބެހޭ ގޮތުން ޖަމީލާއި އަލީ ވަހީދު ވެސް ވަކި އެއްޗެކޭ އަދި ވިދާޅެއްނުވެ އެވެ. އެކަމަކު އެމްޑީޕީ ވެސް ހިމެނޭ އިދިކޮޅު ކޯލިޝަންގައި އެމްޑީޕީއާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް އުމަރު ވަނީ ފާޅުގައި ވިދާޅުވެ އެވެ. އެހެންކަމުން އޭނާ އަށް ޖޭޕީގެ ތެރެއިންނާއި އެމްޑީޕީގެ ތެރެއިން ވެސް ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި އަލީ ވަހީދު ވިދާޅުވެފައިވަނީ އިދިކޮޅުން ނެރެން ޖެހޭނީ އެއް ކެންޑިޑޭޓެއް ކަމަަށާއި އެފަދަ ގައުމީ ކެންޑިޑޭޓެއް ހޯދަން ސިކުންތުކޮޅެއް ވެސް ނުނަގާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ނެރޭ އެއް ކެންޑިޑޭޓަކީ ގާސިމް ކަމަށް ހަމަޖައްސަން ޖުމްހޫރީ ޕާޓީން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި އެމްޑީޕީީން ބޭނުންވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރޭށެވެ.

އެކަމަކު ނަޝީދާއި ގާސިމަށް ވެސް އިންތިހާބަށް ކުރިމަތިލެއްވޭނީ ގާނޫނީ ގޮތުން ހައްލުތަކެއް ހޯދިގެންނެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބުނާ ގޮތުން 65 އަހަރުން މަތީގެ މީހުންނަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ގާސިމްގެ އުމުރުން މިހާރު ވަނީ 65 އަހަރު ވެފަ އެވެ.

ނަޝީދު ހުންނެވީ ރައީސްކަމަށް ކުރިމަތިލާ މީހަކާ ބެހޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގަ އެވެ.