Roadha Mihaaru
ޓްރަމްޕް-ކިމްގެ ބައްދަލުވުން ސަންތޯސާ އައިލެންޑުގައި

ޓްރަމްޕް-ކިމްގެ ބައްދަލުވުން ސަންތޯސާ އައިލެންޑުގައި

06 ޖޫން 2018

ވޮޝިންޓަން (ޖޫން 6) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަންނަ އަންގާރަ ދުވަހު ސަމިޓް ބާއްވާނީ ސިންގަޕޫރުގެ ސަންތޯސާ އައިލެންޑުގެ ކަޕެއްލާ ހޮޓަލުގައި ކަމަށް ވައިޓް ހައުސް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖޫން 6) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަންނަ އަންގާރަ ދުވަހު ސަމިޓް ބާއްވާނީ ސިންގަޕޫރުގެ ސަންތޯސާ އައިލެންޑުގެ ކަޕެއްލާ ހޮޓަލުގައި ކަމަށް ވައިޓް ހައުސް ބުނެފި އެވެ.

ތާރީޚީ ސަމިޓް ފަށާނީ ޖޫން 12 ވަނަ ދުވަހު ސިންގަޕޫރު ގަޑިން ހެނދުނު 9 ޖަހާއިރު (ރާއްޖޭ ގަޑިން ހެނދުނު 6 ޖަހާ އިރު) އެވެ. ވޮޝިންޓަން ގަޑިން ޖޫން 11 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު އެވެ.

މިއީ އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ނޯތު ކޮރެއާގެ ލީޑަރަކާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. ޓްރަމްޕް އިއްޔެ ވިދާޅުވީ ސަމިޓުގެ ތައްޔާރީތައް ވަރަށް ރަނގަޅަށް ކުރިއަށް ދާ ކަމަށާއި ވަރަށް ރަނގަޅު ގުޅުންތަކެއް ބަދަހިވެ، ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވިއްޖެ ކަމަށެވެ.

ސަންތޯސާ އަކީ މިހާރު ސިންގަޕޫރުގެ ޓޫރިޒަމްގެ މުހިންމު ރަށެއް. --ފޮޓޯ:ގެޓީ އިމޭޖަސް

ސަންތޯސާ އަކީ މިހާރު ސިންގަޕޫރުގެ ޓޫރިޒަމްގެ މުހިންމު ރަށެއް. --ފޮޓޯ:ގެޓީ އިމޭޖަސް

ސަމިޓް ބާއްވަނީ ސަންތޯސާގެ ފަސް ތަރީގެ ކަޕެއްލާ ހޮޓަލުގައިކަން ޔަގީންކޮށްދީފައި ވަނީ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސާރާ ސެންޑާސް އެވެ.

ސަންތޯސާ އަކީ ސިންގަޕޫރު އެކުލެވިގެންވާ 63 ޖަޒީރާގެ ތެރޭން އެއް ރަށެވެ. ގާތްގަނޑަކަށް 500 ހެކްޓަރުގެ ސަންތޯސާގައި ލަގްޒަރީ ރިސޯޓްތަކާއި ޕްރައިވެޓް މެރީނާތައް އަދި ގޮލްފް ކްލަބްތައް ހިމެނެ އެވެ. ޔުނިވާސަލް ސްޓޫޑިއޯ ވެސް ހުންނަނީ ސަންތޯސާގަ އެވެ.

ސަންތޯސާގައި ސަމިޓް ބާއްވާ ގޮތަށް ހަމަޖެއްސީ ސެކިއުރިޓީ އަށް ބަލައިފަ އެވެ. ސަންތޯސާ އަށް ދިއުމަށް ކޭބަލް ކާރު، މޮނޮރެއިލް، ކޯސްވޭ އަދި ވެހިކަލް ޓަނަލެއް ބޭނުން ކުރާތީ ސަލާމަތީ ގޮތުން ފަސޭހަތަކެއް ލިބޭނެ އެވެ.

ސިންގަޕޫރު ސަރުކާރުން އިއްޔެ ވަނީ ސަންތޯސާ ވަށައިގެންވާ ސަރަހައްދަކީ ޖޫން 10-14 އަށް "ޚާއްސަ އިވެންޓް އޭރިއާ"އެއްގެ ގޮތުގައި ގެޒެޓްކޮށްފަ އެވެ. އަދި ޚާއްސަ ހުއްދައެއް ލިބިގެން ނޫނީ ސަންތޯސާ އައިލެންޑަށް ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.