Roadha Mihaaru
ޓްރަމްޕާއި ކިމްގެ ސަމިޓް ފެއްޓެވީ ފަރިއްކޮޅަކުން

ޓްރަމްޕާއި ކިމްގެ ސަމިޓް ފެއްޓެވީ ރޭގަނޑުގެ ފަރިއްކޮޅަކުން

27 ފެބުރުއަރީ 2019

ހެނޮއި (ފެބްރުއަރީ 27) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ސަމިޓް ރޭގަނޑުގެ ފަރިއްކޮޅަކުން މިރޭ ފައްޓަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ހެނޮއި (ފެބްރުއަރީ 27) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ސަމިޓް ރޭގަނޑުގެ ފަރިއްކޮޅަކުން މިރޭ ފައްޓަވައިފި އެވެ.

ވިއެޓްނާމުގެ ވެރިރަށް ހެނޮއީގެ މަޝްހޫރު ފަސް ތަރީގެ މެޓްރޯޕޯލް ހޮޓެލްގައި ދެ ބޭފުޅުންގެ ސަމިޓް ފެއްޓެވުމުގެ ކުރިން މީޑިއާގެ ކުރީމަތީގައި ވަނީ ސަލާމް ކުރައްވައިފަ އެވެ. ދެ ދުވަހުގެ ސަމިޓުގައި ދެ ލީޑަރުން ވަނީ ނޯތު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މަގު ޗާޓެއް ތައްޔާރު ކުރުމަށް ނިންމަވައިފަ އެވެ. ޓްރަމްޕާއި ކިމްގެ ފުރަތަމަ ސމިޓް މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި ނަމަވެސް ހޯދިފައި ވަނީ ކުޑަ ކުރިއެރުމެކެވެ.

ޓްރަމްޕް ވިދާޅުވީ މި ފަހަރުގެ ބައްދަލުވުން ވަރަށް ކާމިޔާބުވާނެ ކަމަށެވެ. އަދި އިގްތިސާދީ އާ މަރުހަލާއަކަށް ނޯތު ކޮރެއާ ގެންދިއުމަށް ކިމް އަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ކިމް ވިދާޅުވީ ކޮންމެ މީހަކު ވެސް މަރުހަބާ ކިޔާނެ ފަދަ ކަންކަން މި ފަހަރުގެ ސަމިޓުން ހާސިލް ކުރެވޭނެ ކަމަށެވެ.

"ސަމިޓް ކާމިޔާބު ކުރަން އަޅުގަނޑަށް ވެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރާނަން،" ރޭގަނޑުގެ ފަރިއްކޮޅު ފެއްޓެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކިމް ވިދާޅުވި އެވެ.

ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ ޓްރަމްޕާއި ކިމްގެ ފަރިއްކޮޅުގައި ބައިވެރިވުން ވަނީ ހަތަރު ނޫސްވެރިއަކަށް މަނާކޮށްފަ އެވެ. އެއީ ބްލޫމްބާގް ނިއުސް، ލޮސް އެންޖަލިސް ޓައިމްސް، އެސޯސިއޭޓެޑް ޕްރެސް އަދި ރޮއިޓާސްގެ ނޫސްވެރިންނެވެ. ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސާރާ ސެންޑާސް ވިދާޅުވީ ނޫސްވެރިންގެ އަދަދު މަދުކުރަން ޖެހުނީ ހާލަތުގެ ގޮތުން ކަމަށެވެ.