Roadha Mihaaru
އިދިކޮޅުގެ ސާފު ކެންޑިޑޭޓަކަށް ވާނީ ކޮން ބޭފުޅެއް؟

އިދިކޮޅުގެ ސާފު ކެންޑިޑޭޓަކަށް ވާނީ ކޮން ބޭފުޅެއް؟

11 ޖޫން 2018

އެންމެން ވެސް ކުރީ މި ސުވާލެވެ؛ ތަފާތު ފިކުރުގެ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރެވިދާނެ ހެއްޔެވެ؟ ރައީސް އަބްދުﷲ ޔާމީން ބަލިކުރަން "އަޅުގަނޑުމެން މިތިބީ އެކުގައި" ކަމަށް ޖޯޝާއި ފޯރީގައި އިދިކޮޅު ޕާޓީތަކުން ބުނަމުން އައީ ހަގީގަތް ސިއްރުކޮށްފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެންމެން ވެސް ކުރީ މި ސުވާލެވެ؛ ތަފާތު ފިކުރުގެ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރެވިދާނެ ހެއްޔެވެ؟ ރައީސް އަބްދުﷲ ޔާމީން ބަލިކުރަން "އަޅުގަނޑުމެން މިތިބީ އެކުގައި" ކަމަށް ޖޯޝާއި ފޯރީގައި އިދިކޮޅު ޕާޓީތަކުން ބުނަމުން އައީ ހަގީގަތް ސިއްރުކޮށްފަ އެވެ.

ހަގީގަތަކީ މިއެވެ؛ އެއް ކެންޑިޑޭޓަކު ކަނޑައަޅަން ޕާޓީތަކުން ކުރި މަޝްވަރާތަކުން މިހާތަނަށް ނުކުތް ނަތީޖާއެއް ނެތެވެ. އެހެން ނޫން ނަމަ، އިންތިޚާބަށް ދެ މަހަށް ވިއިރު އޮންނާނީ ކޮންމެވެސް ފޯމިއުލާއެއް ހޯދިފަ އެވެ. އަދި، އިދިކޮޅުގެ ކެންޑިޑޭޓު ވެސް ހުންނާނީ ރައްޔިތުންގެ ކުރިމަތީގަ އެވެ.

އެކަން ދިގުދެމިގެން ދިޔަ ވަރަކަށް، ފުރަތަމަ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާ ބަދަލުކުރީ އެވެ. އެތެރޭގައި ހުޅުފަޅައިގެން ދިޔަ މައްސަލަގަނޑު އެންމެ ފަހުން، މިއޮތީ އާއްމުންނާ ހަމައަށް ބޭރުކޮށްލައިފަ އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް، އެކުގައި މަސައްކަތް ނުކުރެވޭހާ ބޮޑެތި ތުހުމަތުތަކަކާ ވެސް އެކުގަ އެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ކޯލިޝަންގައި، ކެންޑިޑޭޓުންގެ ވާދަވެރިކަން އޮތީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދެވެ. ކެންޑިޑޭޓަކު ކަނޑައެޅުމާ ގުޅޭ ގޮތުން މައުމޫން އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާއިރު، އަދާލަތުގެ ވިސްނުމަކީ ޝަރުތު ހަމަވާ ކެންޑިޑޭޓަކާ އެކު އެއްބައިވަންތަކަމާ އެކު ކުރިއަށް ދިއުމެވެ.

އެންމެންނަށް އެއްބަސްވެވޭ މި ވިސްނުމުގައި "ބުރެކި ޖެހިފައި އޮތީ" ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާ ހަމައިންނެވެ. ރިޔާސީ ކެންޑިޑޭޓުގެ ސަފުން ދެ ބޭފުޅުން ވެސް ފަހަތަށް ޖެހިވަޑައިނުގަތުމެވެ. އުޒުރަކަށް ދައްކަނީ، ގާނޫނާ ޚިލާފު ޝަރީއަތަކުން، ބޭއިންސާފުން ހުކުމް އިއްވާފައިވުމެވެ. އެއީ، އެކަން ހިނގައިދިޔަ ގޮތް ކަމަށްވިއަސް، އެ ވާހަކަ އުޒުރަކަށް ދައްކައިގެން، މޮޅެއް ލިބެން ނެތް ކަން ދެ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވަ އެވެ.

ހިތްހަމަނުޖެހުންތަކާ އެކު ގާސިމް ފަހަތަށް، ހުރަހަކީ ނަޝީދު؟!

އެއް ކެންޑިޑޭޓަކު ކަނޑަނޭޅި ލަސްވާ މައްސަލައިގައި ގާސިމް މިވަނީ، އޭނާގެ އުދާސްތައް ބޭރުކޮށްލައްވައިފަ އެވެ. ގާނޫނީ ހުރަސްތައް ހުރުމާ އެކު އިންތިޚާބުގައި ވާދަކުރެއްވެން ނެތް ކަން ގަބޫލުކުރައްވައި، ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. މި ޔަގީންކަން ދެއްވިއިރު، އެމްޑީޕީ އާއި ނަޝީދަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެއްވި އެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރިއިރު ބޭއްވި މުޒާހަރާއެއްގައި ނަޝީދާ އެކު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ރާއްޖެޑޮޓްއެމްވީ

ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރިއިރު ބޭއްވި މުޒާހަރާއެއްގައި ނަޝީދާ އެކު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ރާއްޖެޑޮޓްއެމްވީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދު ކަމަށް ވިއަސް އިންތިޚާބުން އެމަނިކުފާނަށް ފުރުސަތެއް ނެތް ކަމަށް ފާޅުގައި ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ނަޝީދު ހަމަޖައްސައި، ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަމުން އަންނަނީ ކޯލިޝަންގެ ބައިވެރިވުމެއް ނެތި އެވެ. މިއާ އެކު، ސާފު ނަމެއް ހުށަހަޅައިގެން މަޝްވަރާކުރަން ވެސް މިހާތަނަށް އެމްޑީޕީން އެއްބަސްނުވާ ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.

ޖަލު ހުކުމެއްގައި ހުންނެވި ގާސިމް ވިދާޅުވީ ކޯލިޝަން ކެންޑިޑޭޓަކަށް ވިސްނާއިރު، އެމްޑީޕީން މިއަދާ ހަމައަށް ވެސް ގަބޫލުކުރަނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމް ހައްގު ވަނީ އެ ޕާޓީއަށެވެ. އެ ޕާޓީގެ އާއްމު މެމްބަރުން އެގޮތަށް ގަބޫލުކުރާ، ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

އެއް ކަމަކަށް، އެންމެ ބޮޑު އިދިކޮޅު ޕާޓީއަށް އެމްޑީޕީ ވުމާއި 2013 ގެ ރިޔާސީ އިންތިޚާބުގައި ބޮޑު ކޯލިޝަނަކާ ދެކޮޅަށް ނުކުންނަވައި، އެއް ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު އެ ޕާޓީން ވާދަކުރެއްވި ކުރީގެ ރައީސް ނަޝީދު ހޯއްދަވާފައި ވުމެވެ. އެހެންކަމުން، އެމްޑީޕީން ގަބޫލުކުރާ ގޮތުގައި، ރައްޔިތުންގެ މެދުގައި އަދިވެސް އެންމެ މަގްބޫލް ކެންޑިޑޭޓަކީ ނަޝީދެވެ.

މި ސަބަބުތައް ދައްކައި، ޖުމްހޫރީ ޕާޓީން ހުށަހަޅާ ގޮތަށް، އެއްވެސް މައްސަލައެއް ނެތް، ސާފު ކެންޑިޑޭޓަކު ނެރުމަށް ބާރުއަޅައި ދައްކާ ވާހަކަ ވެސް އެމްޑީޕީން ގަބޫލެއް ނުކުރުމަކީ ގާސިމްގެ ހިތްހަމަނުޖެހުން އޮތް ކަމެކެވެ.

"އެމްޑީޕީ ނޫން ބަޔަކަށް ކެންޑިޑޭޓް ކަން ދޭން އެމްޑީޕީން ދުލެއް ނުދޭ ކަމަށް ވަނީ ނަމަ، އަދި އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކާއި ރަނިންމޭޓެއް ނުވަތަ އެ ކަހަލަ 2 ޕެއާއެއް ދެ ޕާޓީއެއްގެ ނަމުގައި އިންތިޚާބަށް ކުރިމަތިލައި ފަހުން ހުރިހާ ކަމެއް ކްލިއާވީމައި އެތަނުން ޕެއާއަކަށް އެއްބަސްވާ ގޮތަށް މިއަދު އަޅުގަނޑުމެންނަށް އެއްބަސް ނުވެވޭ ނަމަ، އިތުރަށް ދައްކަން އޮތީ ކޮން ވާހަކައެއްތޯ އެވެ،؟" ޖަރުމަނުގައި ހުންނަވައިގެން ފޮނުއްވި ސިޓީއެއްގައި ގާސިމް ސުވާލު ކުރެއްވި އެވެ.

"މިވަގުތު ވެސް މި ކޯލިޝަންގެ ހަރަކާތުގެ ތެރެއިން ނުހައްގުން އަނިޔާ ލިބި ޖަލުގައި އެންމެ ގިނައީ އަޅުގަނޑުމެންގެ ޕާޓީގެ މީހުން ދެއްތޯ އެވެ. އަޅުގަނޑާއި ޖޭޕީ ރިސްކު ނެގި ވަރު ވެސް ވަކި ކުޑައެއް ނޫން ދެއްތޯ އެވެ؟ ގުޅިފައިވާ ޕާޓީތަކަށް ދޫދޭވަރު ވެސް ވަކި ކުޑައެއް ނޫން ދެއްތޯ އެވެ؟"

މި ވާހަކަތަކަށް ރައްދު ދެއްވައި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ، ރައީސް ޔާމީނާއި ވާދަވެރި ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރާ މަސައްކަތުގައި އެމަނިކުފާނު ހުރަހަކަށް ނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ކޯލިޝަނުން ނެރޭނީ އެއް ކެންޑިޑޭޓަކު ކަމަށާއި ރައީސް ޔާމީން ބަލިކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެއް ކެންޑިޑޭޓަކު ނެރެން ކުރާ މަސައްކަތުގައި ހުރަހަކަށް ނުވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓަކާ އެކު ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް މިހާތަނަށް ސީދާ ވިދާޅެއް ނުވެ އެވެ. ނަޝީދުގެ ސަޕޯޓަރުންނަށް އަދިވެސް ޔަގީން ކަން ދެއްވާ ގޮތުގައި، ރިޔާސީ އިންތިޚާބުން އެމަނިކުފާނަށް ފުރުސަތު ލިބޭނެ އެވެ. ހެއްކަކަށް ދައްކަވަނީ، އދ. ހިމެނޭ ގޮތުން އެމަނިކުފާނު މިނިވަންކުރަން ގޮވާލާފައިވާ ގޮވާލުންތަކާއި 2008 ގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިގަތް ގޮތެވެ.

އެންމެންނަށް އެއްބަސްވެވޭ ނަމެއް ނެތް؟!

ޚިޔާލުތަފާތުވުންތައް ހުއްޓަސް ކޯލިޝަންގައި ހިމެނޭ އެންމެން ވެސް އެއްބަސްވާ ކަމަކީ މިއެވެ؛ ރައީސް ޔާމީން ބަލިކުރެވޭނީ، އިދިކޮޅު އެންމެން ގުޅިގެން ނެރޭ ކެންޑިޑޭޓަކަށެވެ. ސުވާލަކީ އެފަދަ ބޭފުޅަކު އެބަހުރި ހެއްޔެވެ؟ ހުރި ނަމަ، އެ ބޭފުޅަކު އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ސަރުކާރުން ދޭނެ ހެއްޔެވެ؟

އިދިކޮޅުން ކޮންމެ ނަމެއް ހުށަހެޅިއަސް، އިންތިޚާބުގައި ވާދަކުރިޔަ ނުދޭން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ކޯލިޝަންގެ އިސް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. ސަރުކާރުގެ އަމަލުތައް ހުރި ގޮތުންނެވެ.

ކޯލިޝަންގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް އާއްމުވި އެއް ނަމަކީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ނަމެވެ. ކޯލިޝަންގެ ބައެއް ބޭފުޅުން އިބޫއަށް ތާއީދު ކުރައްވާއިރު، ކެންޑިޑޭޓަކަށް އިބޫ ނެރުމަކީ ރިސްކެއް ކަމަށް ގަބޫލުކުރައްވާ ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ.

އިބޫ: ރިޔާސީ ކެންޑިޑޭޓަކަށް އޭނާ ނެރެން ކޯލިޝަނުގެ ބައެއް ބޭފުޅުން ތާއީދުކުރޭ . - ފޮޓޯ: ސޯޝަލް މީޑިއާ

އިބޫ: ރިޔާސީ ކެންޑިޑޭޓަކަށް އޭނާ ނެރެން ކޯލިޝަނުގެ ބައެއް ބޭފުޅުން ތާއީދުކުރޭ . - ފޮޓޯ: ސޯޝަލް މީޑިއާ

ސަބަބަކީ، ރައީސް ޔާމީންގެ "ރާޑަރަށް" އިބޫ ވެސް އަރާފައި ވުމެވެ. އިދިކޮޅު މުޒާހަރާއެއްގައި، ޖުމްހޫރީ މައިދާނަށް ވެންނެވި މައްސަލައިގައި އިބޫ ހައްޔަރުކޮށް، ކުރި ތަހުގީގު ފައިލްކޮށްފައި އޮތަސް އެއީ، ސަރުކާރުން ބޭނުން ކޮންމެ ވަގުތަކު އިބޫގެ "ކަރަށް މެހިދާނެ މަޅިއެއް" ކަމަށް އިދިކޮޅުން ދެކެ އެވެ. އެ މީހުންގެ ވިސްނުމުގައި ކެންޑިޑޭޓަކަށް އިބޫގެ ނަން ހުށަހަޅައިފި ނަމަ ކޮންމެވެސް ބަހަނާއަކާ އެކު، މައްސަލަ އަލުން ހިނގައިގަނެ، ކެންޑިޑެސީ ގެއްލުވައިލާނެ އެވެ. އެހެންކަމުން އިބޫގެ ނަން ވެސް މުޅިން ފައިނަލް ކުރެވޭކަށް އަދި ނެތެވެ.

މި ހާލަތުގައި ދެން ވެސް އޮތީ ގާސިމްގެ ހުށަހެޅުއްވުމެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ސާފު ނަމެއް (އެއްވެސް ކަހަލަ ދައުވާއެއް ނުކުރެވޭ ހާލަތުގައި ހުރި) ހުށަހަޅައިގެން މަޝްވަރާ ކުރަންވީ ވަގުތު ޖެހިއްޖެ އެވެ. އެކަމަށް އޭނާ ޝަރުތެއް ކުރިމަތި ކުރެއްވިއިރު އޭނާގެ ވިސްނުމުގައި ހުރީ ކޮން ނަންތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.

"އެމްޑީޕީން ވެސް ކޯލިޝަނަށް ހުށަހަޅަން ވާނީ، ފުލުސް އޮފީހުގައި ތަހުގީގެއް ނެތް، ޕީޖީ އޮފީހުގައި ފައިލްކޮށްފައިވާ މައްސަލައެއް ވެސް ނެތް އެއްވެސް ކޯޓެއްގައި މައްސަލައެއް ނެތް އަދި އެއްވެސް ދުވަސްވަރެއްގައި ޑުއަލް ސިޓިޒެންޝިޕް ކަން ވެސް ނެތް ނަމެކެވެ،" ގާސިމް ވިދާޅުވި އެވެ.

އެ ބޭފުޅަކީ ކޮބައި ހެއްޔެވެ؟ އިދިކޮޅުން ދައްކާ އެ ބޭފުޅަކު ވާން ޖެހޭނީ، ގައިމުވެސް ވެރިކަމަށް ގާބިލް، ރައްޔިތުންގެ މެދުގައި މަގްބޫލް ބޭފުޅަކަށެވެ.

ޚިޔާލުތަފާތުވުންތައް އެއްކައިރިކޮށްފައި، އިދިކޮޅު ކެންޑިޑޭޓަކު ނުދެއްކިއްޖެ ނަމަ، އިންތިޚާބަށް އިދިކޮޅު ޕާޓީތަކުން ވާދަކުރަން ޖެހޭނީ ވަކިވަކިންނެވެ. އޭރުން، އެއް ކެންޑިޑޭޓުގެ ނަމުގައި ރައްޔިތުންނަށް ދެއްކި ހުވަފެން ވާނީ ބިލާހަކަށެވެ.