Roadha Mihaaru
ޖޭޕީން ހުޅުވާލީ ކުރިއަށް ދާނެ އާ މަގެއް: އަލީ

ޖޭޕީން ހުޅުވާލީ ކުރިއަށް ދާނެ އާ މަގެއް: އަލީ ހުސެއިން

18 ޖޫން 2018

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ބާއްވާ ގޮތަށް ޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކުރުމަށް ގައުމީ ކޮމިޓީން ނިންމި ނިންމުމަކީ ހުޅުވާލި އާ މަގެއް ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ބާއްވާ ގޮތަށް ޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކުރުމަށް ގައުމީ ކޮމިޓީން ނިންމި ނިންމުމަކީ ހުޅުވާލި އާ މަގެއް ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ޖޭޕީގެ އަސާސީ ގަވާއިދު މިހާރު އޮންނަ ގޮތުން ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޕާޓީގެ ލީޑަރެވެ. ޖޭޕީ އުފެދި، 2008 ގެ ރިޔާސީ އިންތިހާބުގައި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވާދަކުރައްވަން ފެއްޓެވީންސުރެ އެ ޕާޓީގެ ލީޑަރަކީ އޭނާ އެވެ.

އެކަމަކު 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި މި ފަހުން ގާސިމްގެ މައްޗަށް އިއްވާފައިވާ ތިން އަހަރުގެ ހުކުމާ ގުޅިގެން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް އަދި ނެތެވެ.

ޖޭޕީގައި ވެސް ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާ ގޮތަށް އަސާސީ ގަވާއިދު އިސްލާހުކުރަން ބާއްވާ ގޮތަށް އެޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކުރުމަށް ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅަން ގައުމީ ހިންގާ ކޮމެޓީން މިހާރު ވަނީ ފާސްކޮށްފަ އެވެ. މިއީ ޖޭޕީގެ ތެރެއިން ގާސިމް އެހެން ބޭފުޅުންނަށް ހުޅުވާލަދެއްވާ ފުރުސަތެއް ކަމަށް، ސިޔާސީ ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް --މިހާރު ފޮޓޯ/ނިޝާން އަލީ

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް --މިހާރު ފޮޓޯ/ނިޝާން އަލީ

އަލީ ހުސެއިން ވިދާޅުވީ ޖޭޕީން ޕްރައިމަރީއެއް ބޭއްވުމުގެ ވިސްނުން ގެންގުޅުމަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާވަމުންދާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

"ސިޔާސީ ގޮތުން ކުރިއަށް ދާން ބޭނުންވާ މީހުންނަށް ލީޑަޝިޕްގެ މަގާމުތަކަށް ހަރުފަތަކަށް ފަހު ހަރުފަތަކަށް އާދެވޭނެ މަގު ހުޅުވިގެން މި ދިޔައީ. އަސްލު މިވަގުތު ބޭއިންސާފުން ގާސިމާ ދެކޮޅަށް ހުރި ހުރަސްތައް ނައްތާލައި ޖޭޕީއަކީ ހުޅުވާލެވިފައިވާ ޕާޓީއަކަށް ހެދުމުގެ ގޮތުން ކުރައްވާ ކަމެއް އެއީ،" އަލީ ވިދާޅުވި އެވެ.

މި ފުރުސަތު ޕާޓީގެ މެމްބަރުންނަށް ހުޅުވާނުލާ ނަމަ، ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޖޭޕީއަށް ވާދަކުރެވޭނެ މަގެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޖޭޕީން ކެންޑިޑޭޓަކު ކަނޑައެޅުމަކީ މިވަގުތަށް އޮތް އެންމެ ބުއްދިވެރި ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އޮތްހާ ދުވަހަކު، ރިޔާސީ ކެންޑިޑޭޓަކަށް ގާސިމްގެ ނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަންނާނެ ކަމަށެވެ. ގާސިމް، ރިޔާސީ ކެންޑިޑޭޓަކަށް ހަދަން ޖޭޕީން ބޭނުންވިޔަސް، އެ ފުރުސަތު ފަހިވެފައި މިހާރު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ އަލި ވިދާޅުވީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ގާސިމް ނޫން ބޭފުޅަކު ހަމަޖައްސާފައި އޮތުމަކީ މި ވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން، ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާސިމްގެ ނަން ފޮނުވައިފި ނަމަ، އިލެކްޝަންސް ކޮމިޝަނުން އެ ނަން ގަބޫލު ކުރާނެ ކަމަކަށް ނުފެނޭ. އެމްޑީޕީގެ ޕްރައިމަރީ ވެސް ދިޔަ ގޮތުން ފުރުސަތު އޮންނާނެ ކަމަކަށް ނުފެނޭ،" އަލީ ވިދާޅުވި އެވެ.

ޖޭޕީން ރިޔާސީ ޕްރައިމަރީއެއް ބޭއްވުމުގެ ވިސްނުން ހުރިއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ވަނީ ރިޔާސީ ޕްރައިމަރީއެއް ބާއްވައި، އެ ޕާޓީގެ ޓިކެޓު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަރުއްވައިފަ އެވެ.

ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު ބައިވެރިވިކޮށްގެން އެމްޑީޕީގެ ޕްރައިމަރީ ކުރިއަށް ދިޔައީ ގާނޫނާ ހިލާފަށް ކަމަށާއި ޕްރައިމަރީގައި އިސްކޮށް އުޅުނު މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އަލީ ވިދާޅުވި ގޮތުގައި ޖޭޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމުގެ ފުރުސަތު އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ހުރިހާ މެމްބަރުންނަށް ވެސް އޮންނާނެ އެވެ. އެ ކޮމިޓީގައި 80 އަށް ވުރެ ގިނަ މެމްބަރުން ތިބެ އެވެ. ގައުމީ ހިންގާ ކޮމިޓީ އެކުލެވިގެން ވަނީ ޕާޓީގެ ލީޑާޝިޕް ވެސް ހިމެނޭ ގޮތަށެވެ. ނަމަވެސް، ޕްރައިމަރީ ބާއްވަން ފެންނަ ނަމަ، އެ ޕާޓީގެ ކޮންގްރެސް އިން އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނެ އެވެ.

އަލީ ވިދާޅުވީ މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ގާސިމް މިނިވަންވެފައި ވަނިކޮށް، އެ ކޯޓުން ކުރީގެ އަމުރު ބަދަލުކުރި ގޮތް ޖޭޕީން ގަބޫލު ނުކުރާނެ ކަމަށެވެ.

އެކަމަކު އަލީ ވިދާޅުވި ގޮތުގައި ޖޭޕީން ވެސް އެންމެ އިސްކަން ދޭނީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އެއްބަސްވެވޭ ކޮމަން ކެންޑިޑޭޓެއް ނެރޭށެވެ. އެއް ކެންޑިޑޭޓަކު ނެރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށް އަލީ ވިދާޅުވި އެވެ.

ޖޭޕީގެ ކޮންގްރެސްގައި ސިއްރު ވޯޓަކުން އިންތިހާބު ކުރާ މުހިންމު މަގާމުތަކުގެ ތެރޭގައި ޕާޓީގެ ލީޑަރާއި ރައީސް އާއި ނައިބު ރައީސް އާއި ހަތަރު ނައިބު ލީޑަރުންގެ އިތުރުން ޒުވާނުންގެ ލީގާއި އަންހެނުންގެ ލީގުގެ ރައީސް އާއި ނައިބު ރައީސް އާއި ސެކްރެޓަރީ އާއި ދެ މެމްބަރުން ހިމެނެ އެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ޖޭޕީން ބުންޏެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އޮންނަ ޖޭޕީގެ ކޮންގްރެސްގައި 400 އެއްހާ މީހުން ބައިވެރިވާނެ އެވެ.