Roadha Mihaaru
އެމްޑީޕީ ނުހިމަނައި ޖުމްހޫރީ ކޯލިޝަން އިއުލާނުކޮށްފި

އެމްޑީޕީ ނުހިމަނައި ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓް އިއުލާނުކޮށްފި

19 ޖޫން 2018

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ ބައިވެރިނުކޮށް، ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އިއުލާން ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ ބައިވެރިނުކޮށް، ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އިއުލާން ކުރައްވައިފި އެވެ.

ޖަރުމަނުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވާ ގާސިމް ވީޑިއޯ މެދުވެރިކޮށް، ދެއްވި ބަޔާނެއްގައި ވިދާޅުވީ، ޖުމްހޫރީ ކޯލިޝަންގެ ރައީސުލްޖުމްހޫރިއްޔާ އަކީ އޭނާ ކަމަށެވެ. ނައިބު ރައީސަކީ ގާސިމް ވިދާޅުވި ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓް:

1- ރައީސް: ގާސިމް އިބްރާހީމް

2- ނައިބު ރައީސް: މުހައްމަދު ޖަމީލް އަހުމަދު

3- ފޮރިން މިނިސްޓަރު: ދުންޔާ މައުމޫން

4- ފިނޭންސް މިނިސްޓަރު: ޑރ. މަހްމޫދު ޝައުގީ

5- ޑިފެންސް މިނިސްޓަރު: އަލީ ވަހީދު

6- ހޯމް މިނިސްޓަރު: އަބްދުﷲ ރިޔާޒް

7- ޓޫރިޒަމް މިނިސްޓަރު: މުހައްމަދު ނާޒިމް

8- ހައުސިން މިނިސްޓަރު: ޝޭހް އިމްރާން އަބްދުﷲ

9- އާޓްސް އެންޑް ކަލްޗަ މިނިސްޓަރު: ޔުމްނާ މައުމޫން

10- ނެޝަނަލް ޕްލޭނިން އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު: ޑރ. އަބްދުﷲ މައުސޫމް

11- އިކޮނޮމިކް މިނިސްޓަރު: މުހައްމަދު ރަޝީދު

12- ބަންޑާރަ ނައިބު: ނޫރުއްސަލާމް

13- ހަޔާ އެޑިއުކޭޝަން މިނިސްޓަރު: އަހުމަދު ރިޔާޒް

14- ހެލްތު މިނިސްޓަރު: ޑރ. ޝާހް މާހިރު

15- ޖެންޑާ އެންޑް ސޯޝަލް ސިކިއުރިޓީ މިނިސްޓަރު: ޝިދާތާ ޝަރީފް

16- ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު: މުހައްމަދު މަލީހް ޖަމާލް

17- ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު: އަމީން އިބްރާހީމް

18- ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓަރު: ޑރ. ހުސެއިން ރަޝީދު ހަސަން

19- ހިއުމަން ރިސޯސަސް އެންޑް ލޭބަ މިނިސްޓަރު: އަބްދުﷲ ކަމާލުއްދީން

20- އެންވަޔަރްމެންޓް އެންޑް އެނާޖީ މިނިސްޓަރު: މުހައްމަދު ފަޔާޒް

21- އިސްލާމިކް އެފެއާޒް މިނިސްޓަރު: އަލީ ޒާހިރު

22- އެޑިއުކޭޝަން މިނިސްޓަރު: ޑރ. އާސިމް އަހުމަދު

ޖުމްހޫރީ ކޯލިޝަނެއްގެ ވެރިކަމުގައި 20 މިނިސްޓްރީއެއް އުފައްދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން އޭނާ ވަނީ މިނިސްޓަރުންގެ ގޮތުގައި އައްޔަން ކުރައްވާނެ ބޭފުޅުން ވެސް އިއުލާން ކުރައްވައިފަ އެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހަމަޖައްސާނީ، ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސަކަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ހަމަޖައްސާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޖޭޕީގެ ކެބިނެޓަކީ، އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ލަފާކުރެވޭ ބޭފުޅުން ހިމަނައިގެން އެކުލަވާލާފައިވާ ކެބިނެޓެކެވެ.

ގާސިމް ވިދާޅުވީ، އެންމެ ފަހުން ބޭއްވި ދެ ރިޔާސީ އިންތިޚާބުގައި ވެސް ޖުމްހޫރީ ޕާޓީން ވަނީ އެކި ޕާޓީތަކާ އެކު ކޯލިޝަން ހަދައި، ވެރިކަން ހޯދައިދިނުމަށް އެހީތެރިވެފައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދެ އިންތިޚާބުގައި ވެސް، ދެ ފަޅިއަކަށް ރައްޔިތުން ވޯޓުލާފައިވާ ކަމަށެވެ. އެހެންވެ، މި ފަހަރު މެދުފަޅި، ޖުމްހޫރީ ޕާޓީ އަށް ވޯޓު ދިނުމަށް ގާސިމް ވަނީ އެދިވަޑައިގެންފައި ވެ އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީން ކެބިނެޓެއް އިއުލާން ކުރީ، އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު އަދިވެސް ކަނޑައަޅާފައި ނުވާތީ އެވެ. އަދި އިދިކޮޅު އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓަކު ނެރެވޭ ނަމަ، އެ ކެންޑިޑޭޓަކާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވި އެވެ.