Roadha Mihaaru
އުއްތަމަ ފަނޑިޔާރާ ކުޅުން، ފަސޭހަ ކަމެއް!

އުއްތަމަ ފަނޑިޔާރާ ކުޅުން، ފަސޭހަ ކަމެއް!

21 ޖޫން 2018

ގާނޫނީ ހުކޫމާތު ފުރިހަމަ އަށް ހިނގާ ގައުމެއް ނަމަ، ފަނޑިޔާރުންނަށް ވެސް އެ ބޭފުޅުންގެ މަގާމުގެ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަން ޖެހެ އެވެ. އެކަމަކު ރާއްޖޭގައި އެކަން ވެސް މިހާރު މި ވަނީ ތަފާތުވެފަ އެވެ؛ ގާނޫނުއަސާސީން ފަނޑިޔާރުންނަށް ފުރިހަމަ ބާރުވެރިކަމާއި، ހިމާޔަތާއި ރައްކާތެރިކަން ލިބިދީފައި އޮތް ނަމަވެސް، ރާއްޖޭގައި އެންމެ ފަސޭހަ އެއް ކަމަކީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭނުން އިރަކު ބަދަލު ގެނައުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލު ކޮށްލުމެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގާނޫނީ ހުކޫމާތު ފުރިހަމަ އަށް ހިނގާ ގައުމެއް ނަމަ، ފަނޑިޔާރުންނަށް ވެސް އެ ބޭފުޅުންގެ މަގާމުގެ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަން ޖެހެ އެވެ. އެކަމަކު ރާއްޖޭގައި އެކަން ވެސް މިހާރު މި ވަނީ ތަފާތުވެފަ އެވެ؛ ގާނޫނުއަސާސީން ފަނޑިޔާރުންނަށް ފުރިހަމަ ބާރުވެރިކަމާއި، ހިމާޔަތާއި ރައްކާތެރިކަން ލިބިދީފައި އޮތް ނަމަވެސް، ރާއްޖޭގައި އެންމެ ފަސޭހަ އެއް ކަމަކީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ބޭނުން އިރަކު ބަދަލު ގެނައުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލު ކޮށްލުމެވެ.

ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކޮށްލުމުގެ ސަގާފަތެއް މިވަނީ އުފެދިފަ އެވެ. އެކަމަކު، ދައުލަތުގެ އަނެއް ދެ ބާރުގެ އެންމެ އިސް ފަރާތް ކަމަށްވާ ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރަން މިހާތަނަށް ކުރި ހުރިހާ މަސައްކަތަކަށް ސަރުކާރުން ވަނީ ހުރަސްއަޅައިފަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، އެއް އަހަރާއި ދެ މަހަށް ޖަލަށް ލާން ކުރި ހުކުމް ރަނގަޅު ކަމަށް، ސުޕްރީމް ކޯޓުން އިއްޔެ ނިންމުމާ އެކު އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެވެ. އަނެއްކާ ވެސް މިއޮތީ އާ އުއްތަމަ ފަނޑިޔާރެއް އައްޔަން ކުރަން ޖެހިފަ އެވެ. މިއީ، 2008 ގައި އާ ގާނޫނުއަސާސީ އަށް އަމަލު ކުރަން ފެށި ފަހުން، އައްޔަންކުރާ ތިން ވަނަ އުއްތަމަ ފަނޑިޔާރެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް މަގާމުން ވަކި ކުރީ، ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހެއްގައި، އޭރު އޮތް ހަތް ފަނޑިޔާރުންގެ ބެންޗު ފަހަކަށް ތިރިކޮށްފަ އެވެ. އެ އިސްލާހާ އެކު އުއްތަމަ ފަނޑިޔާރު ކަމުގެ ޝަރުތުތައް އެ މަނިކުފާނުގެ ކިބައިން އުނިވެފައިވާ ކަމަށް ބަލައި މަގާމުން ވަކިކުރީ އެވެ. އެކަމަކު ޖޭއެސްސީން އެގޮތަށް ހުށަހެޅި ހުށައެޅުން، ސަރުކާރުގެ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްލީ، އެމަނިކުފާނުގެ ކިބައިން އުނިވީ ނުވަތަ ފުރިހަމަނުވަނީ ކޮން ޝަރުތެއްތޯ ވެސް ބަލައިނުލަ އެވެ.

އޭގެ ފަހުން އައްޔަން ކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މަގާމު މި ގެއްލުނީ، އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ހެދި އެވެ.

އެ އަމުރު ތަންފީޒުކުރަން ސަރުކާރުން ދެކޮޅުހަދައި، އެއީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ވެސް ބައިވެރިވެވަޑައިގެން، ވެރިކަން ބަދަލުކުރަން ނެރުނު އަމުރެއް ކަމަށް ސަރުކާރުން ތުހުމަތުކުރި އެވެ. އަދި ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށް އެރޭ ހައްޔަރު ކުރުމަށް ފަހު، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް ކަނޑައަޅައި ދައުވާ އުފުލި އެވެ. އެ ހުކުމް، ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ދެމެހެއްޓުމުން އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިވީ އެވެ.

ފަނޑިޔާރުންގެ އަމަލުތައް ވެސް ގޯސް!

މިހާ ފަސޭހަ އިން ފަނޑިޔާރުން ބަދަލުކުރަން ޖާގަ ލިބެނީ ކީއްވެ ހެއްޔެވެ؟

ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ފަނޑިޔާރުންގެ ވެސް މައްސަލަތަކެއް އެބަ ހުއްޓެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެ ވަކީލުން ދައްކަވަނީ، ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބެލުމެއް ނެތި ފަނޑިޔާރުން ނިންމުންތައް ނިންމަވާ މައްސަލަ އެވެ.

"އާ ގާނޫނުއަސާސީ އައި ފަހުން ވެސް އަޅުގަނޑަކަށް ނުފެނޭ، މާ ބޮޑު ބަދަލުތަކެއް ފަނޑިޔާރުން ހުކުމް ކުރައްވާ ގޮތާއި މައްސަލަތައް ބައްލަވާ ގޮތަކަށް އައިހެނެއް. ހަމަ ކުރީގެ އުސޫލުން ހިތުހުރި ގޮތަކަށް، ހުކުމްތަކާ އެއްޗެހި ނެރެނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި އޮންނަ އެއްޗަކަށް ބެލުމެއް ނެތި،" ގާނޫނީ ވަކީލު، އަދި މަޖިލީހުގެ މެމްބަރު އަލީ ހުސައިން ވިދާޅުވި އެވެ.

ގާނޫނުއަސާސީ އަށް ރިއާޔަތްކުރައްވައި މިސާލެއް ދައްކަވަމުން އޭނާ ވިދާޅުވީ އެކަށީގެންވާ ސަބަބެއް ނެތި މީހަކު ބަންދުކޮށްފައި ނުބެހެއްޓޭނެ ކަމަށެވެ. އެކަމަކު އެކަށީގެންވާ ސަބަބެއް ނެތި މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ފަހު 24 ގަޑިއިރު ވުމުން ދޫކޮށްލާ ކަމަށް ވިދާޅުވި އެވެ. އެގޮތަށް ދޫކޮށްލަން ކޯޓުން ނިންމައިފި ނަމަ، ގާނޫނުއަސާސީގައިވާ ގޮތުން އެ މީހަކަށް ބަދަލު ދޭން ޖެހެ އެވެ. އެކަމަކު، އެ އުސޫލާ ޚިލާފަށް، މީހުން ބަންދުކުރުމުގައި ވެސް އަމަލުކުރަނީ ހިތުހުރި ގޮތަކަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ސުޕްރީމް ކޯޓަށް ބަދަލު ގެނައުމުގައި ސަރުކާރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިޚްލާސްތެރިކަމެއް ނެތުން ވެސް ހިމެނެ އެވެ. އެއް މިސާލަކަށް، އަލީ ހުސައިން ދެއްކެވީ، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެސް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް މަގާމުން ވަކިކުރި ގޮތެވެ.

"ފާއިޒް ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވޯޓު ދީގެން. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރަނގަޅަށް ވިސްނައިގެން ވޯޓުލީ ނަމަ އެ ވޯޓެއް ނުލާނެ. މެމްބަރުން ރަނގަޅަށް ވިސްނި ނަމަ، އެއް ދުވަހަކުން ގާނޫނަށް ގެނައި އިސްލާހަކުން އުއްތަމަ ފަނޑިޔާރުގެ ޝަރުތު ހަމަނުވާންވީ ސަބަބެއް ނެތް،" އަލީ ހުސައިން ވިދާޅުވި އެވެ.

"އެ އިރެއްގައި އޮންނަ ސަރުކާރުގެ ބާރުވެރިކަމުގައި ފަނޑިޔާރުން ބަދަލުކުރަނީ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އެ ތިބެނީ ސަރުކާރު ޒިންމާދާރުކުރުވާކަށް ނޫން. ރައީސުލްޖުމްހޫރިއްޔާ، އެއީ މާ މަތީ މީހަކަށް ހަދައިގެން ރައީސުލް ޖުމްހޫރިއްޔާގެ މުވައްޒަފުންގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް މި ތިބެނީ. އެ މަނިކުފާނު ވިދާޅުވެއްޖިއްޔާ ކޮންމެ ވޯޓެއް ވެސް ލާ ގޮތަށް."

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުތަކުގައި ބުނާ ރައްކާތެރިކަން ފަނޑިޔާރުންނަށް އޮންނަން ޖެހެ އެވެ. އެއާ އެކު ސަރުކާރުން ކޮންމެ ގޮތެއް ހެދިއަސް، ފަނޑިޔާރުން ވެސް މަގުން ކައްސާލައިގެން ނުވާނެ ކަމަށާއި ހުކުމްތަކާއި މައްސަލަތައް ބެލުމުގައި އަމަލުކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ މުޅި ދައުލަތް ގަޑުބަޑުވެ، ހުރިހާ ބާރަކުން ވެސް ހިތުހުރި ގޮތަކަށް އަމަލުކުރަމުން އަންނަ ކަމަށެވެ.

ގާނޫނީ ވަކީލު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މަގާމު ނުގެއްލޭ ކަމަށެވެ. ފަނޑިޔާރުން މަގާމުން ވަކިކުރެވޭނެ ގޮތް ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައި އޮއްވައި އެއާ ޚިލާފަށް، މަގާމުން ވަކި ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެ މާއްދާގައިވާ ގޮތުން، ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރު ކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫން ކަމަށް، ނުވަތަ އެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.

"ގާނޫނުއަސާސީގައި ކަނޑައެޅިގެން އެހެން އޮއްވައި ފަނޑިޔާރުންގެ މަގާމު ގެއްލިއްޖެ ކަމަށް ކަނޑައެއް ނޭޅޭނެ. ހާލަތުއްޟަރޫރާގެ ދަށުން ވެސް ނިންމޭނެ ކަންކަމެއް ނޫން އެއީ،" ވައްޑެ ވިދާޅުވި އެވެ.

ވައްޑެ އެހެން ވިދާޅުވި ނަމަވެސް، ފަނޑިޔާރުންގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން، ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވެ ޝަރުއީ ހުރިހާ މަރުހަލާތަކުން އެ ހުކުމް ދަމަހައްޓައިފި ނަމަ، އެ ފަނޑިޔާރަކު މަގާމުން ވަކިވާނެ އެވެ. އަދި އެފަދަ ހާލަތުގައި ކަނޑައަޅާ ހުކުމަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ތައުދީބީ ނުވަތަ ސުލޫކީ މައްސަލައަކާ ގުޅިގެން ފިޔަވަޅު އެޅުން ކަމުގައެއް ނުވާނެ އެވެ. އެހެންކަމުން ޝަރުއީ ހުކުމަކާ ގުޅިގެން ފަނޑިޔާރަކު މަގާމުން ވަކިވާ ހާލަތުގައި، ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއް މަގާމުން ވަކި ކުރުމަށް އޮންނަ އިޖުރާއާތު ނުހިނގާނެ ކަމަށް ވެސް ފަނޑިޔާރުންގެ ގާނޫނުގެ 27 ވަނަ މާއްދާ އަށް ގެނައި އިސްލާހުގައިވެ އެވެ.

އެހެން ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓާ ކުޅެން ގާނޫނީ ގޮތުން އެހާ ފަސޭހަވެގެން ނުވާނެ އެވެ. އެކަމަށް ހުރަސްއަޅަން ޖެހޭނީ، އެ ވަކީލުން ވިދާޅުވާ ގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނެވެ. އެކަމަކު އުއްތަމަ ފަނޑިޔާރު ކަމުން ފާއިޒް ވަކި ކުރީންސުރެ މަޖިލިހުން ދައްކަމުން ގެންދަނީ، މަޖިލިހާއި ޝަރުއީ ނިޒާމުގެ މިނިިވަންކަމަށް އަރައިގަންނަ މަންޒަރު ކަމަށް އެ ވަކީލުން ވިދާޅުވެ އެވެ.