Roadha Mihaaru

ޖޭޕީގެ ލީޑަރުގެ ބާރުތައް ރައީސަށް ނުދީ ނައިބު ލީޑަރަށް ދޭން ނިންމައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ނެތް ހާލަތެއްގައި އެ ޕާޓީގެ އެންމެ އިސް ބޭފުޅަކީ ކައުންސިލުން ކަނޑައަޅާ ޑެޕިއުޓީ ލީޑަރެއް ކަމަށް ނިންމައި އެ ޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ގެންނަން ކޮންގްރެސްއިން މިއަދު ފާސްކޮށްފި އެވެ.

ޖޭޕީ ލީޑަރުގެ ބާރުތައް ނައިބު ލީޑަރަށް ދޭން ނިންމައިފި
އަހުމަދު ސާއިލް އަލީ
ޕެރެޑައިސް އައިލެންޑް ރިސޯޓުން އަހުމަދު ސާއިލް އަލީ

22 ޖޫން 2018

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ނެތް ހާލަތެއްގައި އެ ޕާޓީގެ އެންމެ އިސް ބޭފުޅަކީ ކައުންސިލުން ކަނޑައަޅާ ޑެޕިއުޓީ ލީޑަރެއް ކަމަށް ނިންމައި އެ ޕާޓީގެ އަސާސީ ގަވައިދަށް ބަދަލު ގެންނަން ކޮންގްރެސްއިން މިއަދު ފާސްކޮށްފި އެވެ.

ޕެރެޑައިސް އައިލެންޑު ރިސޯޓުގައި މިއަދު ފެށި ޖޭޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ލީޑަރުގެ މަގާމަށް އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލައްވަ އެވެ. ޖޭޕީގެ ލީޑަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ގާސިމް އިބްރާހީމަށް، ކުރިމަތި ނުލެއްވުނީ އޭނާ އަށް އިއްވާފައިވާ ތިން އަހަރުގެ ޖަލު ހުކުމާ ހެދި އެވެ.

އަސާސީ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، އެއްވެސް ސަބަބަކާ ހުރެ ޕާޓީގެ ލީޑަރުގެ މަގާމު ހުސްވެއްޖެ ނަމަ ނުވަތަ އެ މަގާމު ފުރުއްވުމަށް އުޒުރުވެރިވެއްޖެނަމަ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ޕާޓީގެ ކައުންސިލުން ކަނޑައަޅާ ނައިބު ލީޑަރެކެވެ.

ލީޑަރުގެ ބާރުތައް، އެ ޕާޓީގެ ރައީސްގެ ބަދަލުގައި ނައިބު ލީޑަރަކަށް ދޭން ހަމަޖެއްސިއިރު، ރައީސް ކަމަށް ކުރިމަތިލެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެކަންޏެވެ. ވަރަށް ފަހުން ޖޭޕީއާ ގުޅިވަޑައިގަތް އަލީ ވަހީދަށް ރައީސް ކަން ދޭން އެ ޕާޓީގެ އާއްމު ބައެއް މެމްބަރުން ދެކޮޅެވެ.

ޖޭޕީގައި ކުރިން ރައީސާއި ނައިބު ރައީސްގެ މަގާމެއް ނޯވެ އެވެ. އެ ދެ މަގާމް އުފެއްދީ ކޮންގްރެސްގައި އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހުންނެވެ.

ޖޭޕީގެ ރައީސަކީ ޕާޓީގެ އިދާރީ ކަންކަން ހިންގުމުގެ އެންމެ އިސްވެރިޔާ އެވެ. އަދި ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ ޒިންމާ އުފުލާނީ ނައިބު ރައީސް ކަމަށް ވެސް ކޮންގްރެސް އިން ވަނީ ނިންމައިފަ އެވެ.

ޖޭޕީގެ ނައިބު ރައީސަކަށް ކުރިމަތިލެއްވީ ކެލާ ދާއިރާގެ ކުރީ މެމްބަރު އަބްދުﷲ މައުސޫމެވެ.

އެ ޕާޓީ އަށް ހަތަރު ނައިބު ލީޑަރުން މިރޭ އިންތިހާބު ކުރަން ވަނީ ނިންމައިފަ އެވެ. އެ މަގާމަށް ކުރިމަތިލެއްވީ، މިހާރު ވެސް އެ މަގާމުގައި ތިއްބެވި ތިން ބޭފުޅުން ކަމަށްވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި ޑރ. ހުސެއިން ރަޝީދު ހަސަނާއި ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީންގެ އިތުރުން ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް (އެފްއޭ) އެވެ.

ނައިބް ލީޑަރުގެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުން--

ނައިބް ލީޑަރުގެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުން--

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ރިޔާސަތު ބަލަހައްޓަވާ ކޮންގްރެސްއަށް އެ ޕާޓީގެ މެމްބަރު އިބްރާހިމް ހަނީފް ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅައިފަ އެވެ. އަސާސީ ގަވައިދު ފާސްކުރީ އެ އިސްލާހުތަކާއެކު 303 މީހުންގެ ވޯޓުންނެވެ. ކޮންގްރެސްގައި ބައިވެރިވީ ގާތްގަނޑަކަށް 400 މެމްބަރުންނެވެ.

އަސާސީ ގަވާއިދަށް ގެނައި އިސްލާހުގެ ތެރޭގައި، ޖޭޕީގެ ކައުންސިލް މެމްބަރެއް ނުވަތަ ކޮމެޓީއެއްގެ ޗެއާމަން، ބައްދަލުވުމަކަށް ހާޒިރުވާން އުޒުރުވެރިވާ ހާލަތްތަކުގައި މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވޯޓް ލެއްވޭނެ ކަމަށް ވަނީ ފާސްކޮށްފަ އެވެ.

ކޮންގްރެސްގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ޖުމްހޫރީ ޕާޓީގެ އާ ލޯގޯ އާއި ދިދަ ފާސްކޮށްފަ އެވެ. ޖޭޕީގެ ލޯގޯގައި ކުރިން އިންނަ ހަނދުފަޅި، ލޯގޯ އިން މިހާރު ވަނީ އުނިކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީގެ އާ ލޯގޯ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ޖުމްހޫރީ ޕާޓީގެ އާ ލޯގޯ-- ފޮޓޯ: ނިޝާން އަލީ/މިހާރު

ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން މަނާކުރީ އެ ދިދަ އާއި ލޯގޯ އިން ރައީސުލްޖުމްހޫރިއްޔާގެ ދިދަ ރަމްޒުކޮށްދޭ ކަމަށް ބުނެ އެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަ އިސްލާހުތައް ދިރާސާކުރަން ކުޑަކޮމެޓީއެއް ހަދައި މެމްބަރުންނަށް ކުރިން ވަނީ ފުރުސަތު ދީފަ އެވެ. މިއަދުގެ ކޮންގްރެސްއަށް އެ އިސްލާހުތައް ހުށަހެޅީ އެޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ފާސްކުރުމަށް ފަހު އެވެ. އެހެންވެ ވަކިވަކި އިސްލާހު ހުށަހެޅުމަށް މާބޮޑު ފުރުސަތެއް ނުދެ އެވެ.