Roadha Mihaaru
އދ.ގައި ތަގްރީރު ނުކުރެއްވި ސަބަބު ޔާމީންގެ ދޫފުޅުން

އދ. ގައި ތަގްރީރު ނުކުރެއްވި ސަބަބުތައް ޔާމީންގެ ދޫފުޅުން

05 އޮކްޓޯބަރ 2019

ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އދ. ގެ އާންމު މަޖިލިހުގައި ތަގްރީރު ކުރައްވަން އެމެރިކާ އަށް ވަޑައިނުގެންނެވި ސަބަބުތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ހާމަކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އދ. ގެ އާންމު މަޖިލިހުގައި ތަގްރީރު ކުރައްވަން އެމެރިކާ އަށް ވަޑައިނުގެންނެވި ސަބަބުތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ހާމަކުރައްވައިފި އެވެ.

އދ. ގެ އާންމު ޖަލްސާއެއްގައި ރާއްޖޭގެ ރައީސަކު ތަގުރީރު ނުކުރައްވާތާ ހަތް އަހަރަށް ފަހު މިދިޔަ މަހުގެ ފަހުކޮޅު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ މަޖިލިހުގައި ތަގްރީރު ކުރައްވައިފަ އެވެ. މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެމަނިކުފާނު ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިންމާލެއްވީ އދ. ގެ މައި އޮފީހަށް ވަޑައިނުގަންނަވަ އެވެ. ޔާމީންގެ އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުން ފެށިގެން މިހާތަނަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އދ. ގައި ތަގުރީރުނުކުރައްވާ ހަމައެކަނި ރައީސަކީ ވެސް ޔާމީނެވެ. އެކަމާ ގުޅިގެން އެމަނިކުފާނަށް ބޮޑެތި ފާޑު ކިޔުންތަކެއް ވެސް އަމާޒުވި އެވެ.

ކ. ހިންމަފުށީގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އދ. ގެ އާންމު މަޖިލިހުގައި ބައިވެރިވެވަޑައިގެން ތަގްރީރު ނުކުރެއްވީ ދިވެހި ނުވަތަ އިނގިރޭސި ބަހުން ތަގްރީރު ނުކުރެއްވޭނެތީ ނޫން ކަމަށެވެ. އަދި އެމަނިކުފާނަށް ތަގްރީރު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ވާދަވެރިން ދައްކަވާ ވާހަކަތައް ޔާމީން ވަނީ ދޮގު ކުރައްވައިފަ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އދ. ގެ އާންމު މަޖިލިހަކީ ހުރިހާ ގައުމުތަކުގެ ވެރިން "ކޮނޑާއި ކޮނޑު" ޖައްސާލަން ލިބޭނެ ހަމައެކަނި ފުރުސަތެވެ. އެހެންވެ، އެއީ ވަރަށް ހައިބަތު ބޮޑު ޖަލްސާއެއް ކަމަށް ވިދާޅުވެ، އދ. ގެ އާންމު މަޖިލިހުގެ ޖަލްސާތަކަށް ޔާމީން ތައުރީފް ކުރެއްވި އެވެ. އޭގެ ފަހުގައި އެ ޖަލްސާތަކަށް ވަޑައިނުގެންނެވުނު ސަބަބުތައް ޔާމީން ވަނީ ތަފްސީލްކޮށް ދެއްވައިފަ އެވެ.

ޔާމީން ވިދާޅުވީ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު، 2014 ގައި އދ. ގެ އާންމު މަޖިލިހުގެ ޖަލްސާ ދިމާވީ ހައްޖު މޫސުމާ ކަމަށްވާތީ، އެމަނިކުފާނަށް އިސްކަން ދެއްވުނީ ހައްޖަށް ވަޑައިގަތުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖެހިގެން އައި އަހަރު، އެ ޖަލްސާ ދިމާވީ މޭޑޭގެ މުޒާހަރާއާ އެވެ.

މެއި 1، 2015 ވަނަ އަހަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ގިނަ ބަޔަކު ހައްޔަރު ކުރި އެވެ. އޭރު ގިނަ ބަޔަކު ސިފަ ކުރި ގޮތުން ނަމަ، ރާއްޖެ އޮތީ ދާހިލީ ބޮޑު ހަމަނުޖެހުންތަކެއްގެ ތެރޭގަ އެވެ. ޔާމީން ވިދާޅުވީ ދާހިލީ ހަމަނުޖެހުންތަކެއް އޮތީމަ، ރާއްޖޭގައި މަޑުކުރައްވަން މަޖުބޫރު ވެވަޑައިގެންނެވީ ކަމަށެވެ.

"އަޅުގަނޑު އަމިއްލަ އަށް އިހްތިޔާރުކޮށްގެން ރަށު ބަންދުގައި (ހުރީ) ރާއްޖޭގައި އެހާ ބޮޑެތި ދާހިލީ ހަމަނުޖެހުންތަކެއް ހިނގައިގެން ދިޔައީމަ، މިކޮޅުގައި ހުންނަން މަޖުބޫރުވޭ. ހަމަ މިކަހަލަ ކަންތައްތަކެއް މެދުވެރިވެގެން ދިޔައީ،" ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު ހިތްފަސޭހަ ކަމާ އެކު ވެރިކަން ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނާ އެއްކޮޅަށް ތިއްބެވި ބޭފުޅުންނާއި ވާދަވެރިން ދެއްވައިފައެއް ނުވެ އެވެ. ދަތިވާނެ އެތައް ކަންތައްތަކެއް އެ ބޭފުޅުން ކުރެއްވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވެ، އދ. އަށް ދިއުމަކީ އަޅުގަނޑަށް ދެ ވަނަ އަށް ކުރަން ޖެހުނު ކަމެއް ކަމަށް ދުށީ. އަޅުގަނޑަށް ފުރަތަމަ މުހިންމުވީ ރާއްޖެ ހަމައަކަށް އެޅުވުން. ރާއްޖޭގެ ރައްޔިތުން ކައިރީގައި ހުރެގެން ބޭނުންވާ ކަންތައްތައް ފުއްދައި ދިނުން،" ދެ ޕާޓީގެ ވެރިން ތިއްބެވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ ވާހަކަފުޅުގައި 2016، 2017 އަދި މިދިޔަ އަހަރު އދ. ގެ އާންމު މަޖިލިހުގައި ތަގްރީރު ކުރެއްވުމަށް ވަޑައިނުގެންނެވި ސަބަބުތައް ވަކިން ތަފްސީލްކޮށް ނުދެއްވަ އެވެ. އެކަމަކު، އެމަނިކުފާނު ވާހަކަފުޅުގައި ބޮޑަށް އަމާޒު ކުރެއްވީ ސަރުކާރަށް ކުރިމަތިވި އުނދަގޫތަކުގެ ވާހަކައަށެވެ.

ޔާމީން ވިދާޅުވީ އދ. އަށް ވަޑައިނުގެންނެވި ކަމުގައި ވިޔަސް، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުވި ކަމަށެވެ. އެ ބައްދަލުވުމުގައި އދ. ގައި ނުދެއްކެވޭހާ ގިނަ ވާހަކަތައް ދެއްކެވުނު ކަމަށް ޔާމީން ވިދާޅުވި އެވެ. ރާއްޖެ އަށް ހުރި ދަތިތަކުގެ ވާހަކަތައް އެ ބައްދަލުވުމުގައި ހިއްސާ ކުރެއްވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އދ. އަށް ކުރައްވާ ޒިޔާރަތަކުން ނުވަތަ އދ. ގެ ޖަލްސާއެއްގައި ދައްކާ ވާހަކައަކުން އެކަނި އެތައް ބައިވަރު އެހީތަކެއް ރާއްޖެއާ ދިމާލަށް މިސްރާބު ޖަހަނީކީ ނޫން. ރާއްޖޭގެ ކަންބޮޑުވުންތަކަކަށް ހައްލު އަންނަނީކީ ވެސް ނޫން. އެކަމަކު އަޅުގަނޑުމެންގެ ފަރާތުން ވާހަކަ ދެއްކުނީމަ އެކަން އޮންނާނެ ކޮންމެވެސް ދަފްތަރެއްގައި ނޯޓުކޮށްލެވިފައި. އެކަމަކު އަޅުގަނޑުމެން ޝިކާޔަތު ނޯޓު ނުކޮށް ލެވޭ ދަފްތަރެއް އެބައޮތްތޯ؟ ހުރިހާ ދަފްތަރެއްގައި އަޅުގަނޑުމެންގެ ޝިކާޔަތު އެ ދަނީ ނޯޓު ކުރެވެމުން،" ޔާމީން ވިދާޅުވި އެވެ.