Roadha Mihaaru
ބީއެމްއެލް މޮބައިލް ޕޭ އިން ބޭރަށް ފައިސާ ފޮނުވޭނެ

މޮބައިލް ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ބޭރަށް ފައިސާ ފޮނުވޭ ގޮތް ބީއެމްއެލް އިން ހަދައިފި

01 ޖުލައި 2018

މޮބައިލް ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފް ކޮށްފި އެވެ.

މޮބައިލް ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފް ކޮށްފި އެވެ.

ބީއެމްއެލް މޮބައިލް ޕޭ އެޕްލިކޭޝަން ބޭނުންކޮށްގެން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ތައާރަފްކުރީ އަމީނީ މަގު، މާލެ ސްކޮޔާގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭން ބޭރަށް މޮބައިލް ޕޭ އެޕްލިކޭޝަން ބޭނުންކޮށްގެން ފައިސާ ފޮނުވެން ފެށުމުން ކަސްޓަމަރުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި މި ޚިދުމަތާއެކު ބޭނުން ވަގުތަކު، ހެޔޮ އަގުގައި ބޭރަށް ފައިސާ ފޮނުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ގޭގައި ނުވަތަ ކޮންމެ ތާކު ހުންނަވައިގެން ވެސް ދަރިފުޅުގެ ޔުނިވާސިޓީ ފީ ދެއްކުމަށާއި ބޭރުގައި ބޭސްފަރުވާ ކުރުމަށްދާ ޚަރަދުތަކަށް ފައިސާ ދެއްކޭނެ. ރާއްޖޭގައި މަސައްކަތް ކުރައްވާ އެތައްހާސް ބިދޭސީންނަށް ވެސް މި ޚިދުމަތަކީ މަގްބޫލް ޚިދުމަތަކަށް ވެގެންދާނެ،" ބީއެމްއެލްގެ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ލިބޭ ޚިދުމަތާ ބެހޭ ގޮތުން ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްއިން އަލަށް ތައާރަފްކުރި ޚިދުމަތާ އެކު، ދުވާލަކު 3،000 ޑޮލަރު ބޭރަށް ފޮނުވޭނެ އެވެ. އަދި ބޭރަށް ފައިސާ ފޮނުވަން ފަސް ޑޮލަރުގެ ފީއެއް ނަގާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ، ރާއްޖޭން ބޭރަށް އާންމުކޮށް ފައިސާ ފޮނުވާ ގިނަ ގައުމުތަކަށް މިހާރު މޮބައިލް ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށެވެ.

އޮންލައިން ކޮށް ފައިސާ ފޮނުވޭނީ ރާއްޖެއިން ބޭރުގެ ކޭޝް އެޖެންޓަކަށް، ބޭންކް އެކައުންޓަކަށް ނުވަތަ މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭ ގައުމުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް ވޮލެޓުތަކަށެވެ.