Roadha Mihaaru
ބީއެމްއެލް އިން ހިއްސާއަކަށް 50ރ. ބަހަނީ

ބީއެމްއެލް އިން ހިއްސާއަކަށް 50ރ. ބަހަނީ

28 މެއި 2024

ބީއެމްއެލް އިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލް އިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.

ޖެން ހޮޓެލްގައި މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްވީ، ޖަލްސާގައި ބައިވެރިވި ހިއްސާދަަރުން އެކަމާ ހަވާލުކޮށްގެންނެެވެ.

މިއީ މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހި އަދަދަށް ވުރެ 10 ރުފިޔާ އިތުރު އަދަދެކެވެ. ހިއްސާއަކަށް 50 ރުފިޔާގެ މަގުން، ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި އެ ބޭންކުން 269 މިލިއަން ރުފިޔާ ބަހާނެ އެވެ.

މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި އެ ކުންފުނިން ވަނީ ޖުމްލަ 215 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހައިފަ އެވެ.

އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްކުރުމުން، ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް ޑިވިޑެންޑް ނުވަތަ ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ ލިބޭނެ އެވެ.

ބީއެމްއެލް އިން މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ބައެއް ހިއްސާދާރުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ބީއެމްއެލް އިން މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ބައެއް ހިއްސާދާރުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މިރޭގެ ޖަލްސާގައި ބީއެމްއެލްގެ މިއަހަރުގެ އޮޑިޓަރަކަށް ކަނޑައެޅީ އާނަސްޓް އެންޑް ޔަންގް އެވެ. އެ ކުންފުނިން ހުށަހަޅާފައިވާ އަގަކީ 1.6 މިލިއަން ރުފިޔާ އެވެ.

މި ޖަލްސާގައި ވަނީ އެ ކުންފުނީގެ ބޯޑުގައި ސަރުކާރުގެ ފަރާތުން ކަނޑައަޅާ މެންބަރުންނާއި އާންމު ހިއްސަަދާރުންގެ ފަރާތުން ކަނޑައަޅާ ދެ މެންބަރުން ވެސް ހޮވާފަ އެވެ.

ބީއެމްއެލް ބޯޑަށް ސަރުކާރުގެ ފަރަަތުން ހޮވުނު މެންބަރުން

- ކާލް ސްޓުމްކަ

- އައިޝަތު ނޫރައްދީން

- އައިޝަތު ސަޖްނީ

- އަލީ ފާރިޝް މުހައްމަދު

- އާދިލް މޫސާ

- ޑރ މަރިޔަމް ސުޒީ އާދަމް

އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަަށް ހޮވުނީ އަހުމަދު މުހައްމަދާއި އިބްރާހިމް މުހައްމަދާއި އަބްދުﷲ ނަސީމެވެ.

މިދިޔަ އަހަރު ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބުނެ އެވެ. އެއީ ބީއެމްއެލްގެ ތާރީހުގައި އެންމެ ބޮޑު ފައިދާއެއް ލިބުުނު އަހަރެވެ.

މިރޭ ބޭއްވި ބީއެމްއެލްގެ އަހަރީ ޖަލްސާގައި އެ ބޭންކުގެ ބޯޑު މެމްބަރުން ހޮވުމަށް ވޯޓު ދޭނެ ގޮތް ބީއެމްއެލްގެ ސީނިއާ މުވައްޒަފަކު ހިއްސާދާރަކަށް ކިޔައި ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މިރޭ ބޭއްވި ބީއެމްއެލްގެ އަހަރީ ޖަލްސާގައި އެ ބޭންކުގެ ބޯޑު މެމްބަރުން ހޮވުމަށް ވޯޓު ދޭނެ ގޮތް ބީއެމްއެލްގެ ސީނިއާ މުވައްޒަފަކު ހިއްސާދާރަކަށް ކިޔައި ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މީގެ ކުރިން އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނީ 2021 ވަނަ އަހަރު އެވެ. އެ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 1.7 ބިލިއަން ރުފިޔާ އެވެ. ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެ ކުންފުނީގެ ފައިދާ 325 އަށް އެރި އެވެ. ކުންފުނީގެ ފައިދާ 70 ޕަސެންޓަށް ދަށްވި ނަމަވެސް، ވޭތުވެދިޔަ ތިން އަހަރު އެ ކުންފުނިން ވަނީ ކޮވިޑްގެ ކުރީގެ ހާލަތަށް ވުރެ ވެސް ބޭންކްގެ މާލީ ހާލަތު ރަނގަޅުކޮށްފަ އެވެ.

މިދިޔަ އަހަރު އެ ކުންފުނިން ވަނީ ފަސް ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފަ އެވެ. އެއާ އެކު މިހާތަނަށް ދޫކޮށްފައިވާ ލޯނުގެ އަަދަދު 19 ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ. އަދި ޑިޕޮސިޓްކޮށްފައިވާ އަދަދު 31 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކް، ބީއެމްއެލްގެ ރައުސުލްމާލުގެ އަގު 45 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެ ބޭންކުން 340،000 ކަސްޓަމަރުން ހިދުމަތް ހޯދާ އިރު 85 މިލިއަންގެ އިންޓަނެޓް ޓްރާންސެކްޝަން ހިންގާފައިވެ އެވެ.