މިހާރު މާލެ ކައިރީގައި ހުރި ހުރިހާ ފަޅު ރަށެއް ހެން ރިސޯޓު ހަދަން ކުއްޔަށްދީފި އެވެ. އޭގެ އިތުރުން ހިއްކައިގެން ރިސޯޓެއް ހެދޭނެ ހެން ހީވާ ހުރިހާ ފަޅެއްހެން ވެސް ވަނީ ރިސޯޓު ހަދަން އެކި ފަރާތްތަކަށް ވަނީ ދޫކޮށްފަ އެވެ.
04 ޖުލައި 2018
މިހާރު މާލެ ކައިރީގައި ހުރި ހުރިހާ ފަޅު ރަށެއް ހެން ރިސޯޓު ހަދަން ކުއްޔަށްދީފި އެވެ. އޭގެ އިތުރުން ހިއްކައިގެން ރިސޯޓެއް ހެދޭނެ ހެން ހީވާ ހުރިހާ ފަޅެއްހެން ވެސް ވަނީ ރިސޯޓު ހަދަން އެކި ފަރާތްތަކަށް ވަނީ ދޫކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މާލެ އަތޮޅުން ވަނީ ރިސޯޓު ހަދަން 27 ފަޅެއް ކުއްޔަށް ދީފަ އެވެ. އޭގެ އިތުރުން ކުރިން ޕިކްނިކް އައިލެންޑަށާއި އެނޫން ބޭނުންތަކަށް ހުރި އެތައް ފަޅުރަށެއް ވެސް ވަނީ ރިސޯޓު ހަދަން ދޫކޮށްފަ އެވެ. ރައީސް އަަބްދުﷲ ޔާމީން އެންމެ ފަހުން އިއުލާންކުރެއްވީ ރިސޯޓު ހަދަން އިތުރު ފަސް ފަޅެއް މާލެ އަތޮޅުން މި އަހަރު ކުއްޔަށްދޭން ނިންމާފައިވާ ކަމަށެވެ.
ރައީސް އެހެން ވިދާޅުވުމުން އުފެދޭ ސުވާލަކީ މިހާރު މާލެ އަތޮޅުގައި ތަރައްގީކޮށްފައިވާ ރިސޯޓުތަކާއި ހަދަމުން އަންނަ ރިސޯޓުތައް މަދީ ހެއްޔެވެ؟ ނުވަތަ މާލެ އަތޮޅުން އިތުރު ފަޅުތަކެއް ކުއްޔަށްދޭން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟
ރިސޯޓު ހަދަން ކ. އެނބޫދޫފަޅު ހިއްކާފައި: މިއަހަރު އިތުރު ފަސް ފަޅު މާލެ އަތޮޅުން ކުއްޔަށް ދޭން ވަނީ ނިންމާފައި.
ހިތްގައިމު އެތައް ފަޅުރަށެއް އޮންނަ އެންމެ އުތުރުގެ ހއ. ހދ. އަދި ށ އަތޮޅުގައި ހިންގަނީ ހައެއްކަ ރިސޯޓެވެ. އެ ސަރަހައްދުގައި ރިސޯޓު ހަދަން ހުޅުވާލާ ތަނަކަށް ވެސް މާ ގިނަ ބަޔަކު ޝައުގުވެރިކަމެއް ފާޅެއްނުކުރެ އެވެ. އޭގެ ސަބަބުތައް ވެސް އެބަހުއްޓެވެ.
ޓޫރިޒަމް އިންޑަސްޓްރީގެ ތަޖުރިބާކާރަކު ވިދާޅުވީ އެންމެ އުތުރުގެ އަތޮޅުތަކަށް އިންވެސްޓަރުން ޝައުގުވެރިކަން ކުޑައީ އިކުއިޒިޝަން ކޮސްޓް ބޮޑުވުމާއި ރީތި ފަޅެއް ނުވަތަ ގޮނޑުދޮށެއް އޮންނަ ރަށްތައް މަދުވުން ކަމަށެވެ.
"ރިސޯޓު ހަދަން ކަމުދާ ވަރަށް މަދު ރަށެއް އެންމެ އުތުރުގައި ހުރީ. އެހެންވެ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް އެހާ ބޮޑު ޑިމާންޑެއް ނެތީ،" އޭނާ ވިދާޅުވި އެވެ.
އެންމެ އުތުރުގައި ރިސޯޓު ހަދަން ކުރިން ދޫކޮށްފައިވާ ގިނަ ރަށްރަށުގައި ވަށައިގެން ރީތި ފަޅެއް އަދި ހިތްގައިމު ގޮނޑުދޮށެއް ވެސް ނެތެވެ. މިސާލަކަށް ހއ. އަލިދު އާއި ށ. ގާކޮށިބީ އަކީ ރިސޯޓު ހަދަން އެހާ ކަމުދާ ރަށްތަކެއް ނޫނެވެ. ނަމަވެސް އޭރު އިތުރު ގޮތެއް ނެތުމުން އެ ދެ ރަށުގައި ރިސޯޓު ހެދީ އެވެ.
ރ. މާމިގިލީގައި ހިންގާ ލޯމަ ރިސޯޓް: މިދިޔަ ތިން އަހަރުގެ ތެރޭގައި އެންމެ ގިނަ ރިސޯޓު ހުޅުވީ ރ. ބ އަދި ޅ. އަތޮޅުގައި.
"އަލިދޫގެ ވޯޓާ ވިލާތައް ކައިރިއަށް ބައެއް ދުވަސްވަރު ބިޔަ ރާޅު ބިންދާ. އެހެންވެ އެ ރަށް ހިންގަންވާ ގޮތަށް ނުހިންގިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ. އެހެންވެ މިހާރު ވެސް އެ ރަށް އޮތީ ބަންދުކޮށްފައި. އަދި ށ. ވަގަރުގައި ވެސް އެ މައްސަލަ ދިމާވޭ،" ކުރިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
ހއ. އަދި ހދ. އާއި ށ. އަތޮޅުން ރިސޯޓު ހަދަން ބައެއް ރަށްތައް ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރު ވެސް އިއުލާންކުރި އެވެ. ނަމަވެސް އެ ރަށްތައް ހަދަން ބަޔަކާ ހަވާލުކުރި ކަމެއް ނޭނގެ އެވެ. އަދި ހދ. ނާގޯށީގައި އެމްޓީޑީސީން ތްރީކޭ އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކާ މީގެ އެތައް އަހަރެއް ކުރިން ހަވާލުކޮށްގެން ހަދަން ފެށި ރިސޯޓު އަދިވެސް އޮތީ ނުހުޅުވި އެވެ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެންމެ އުތުރުގައި ހުޅުވީ ދެ ރިސޯޓެވެ. އެއީ ހދ. ހޮނޑާފުއްޓާއި ށ. ގާކޮށިބީ އެވެ.
"ހއ. ހދ. އަދި ށ. އަތޮޅުގައި ވެސް ރިސޯޓު ހެދޭނެ ރަށްތައް މަދުން ނަމަވެސް އެބަހުރި. އިކުއިޒިޝަން ކޮސްޓް ކުޑަކޮށްފި ނަމަ އިންވެސްޓަރުން ޝައުގުވެރިވެދާނެ،" އޭނާ ވިދާޅުވި އެވެ.
އެންމެ އުތުރުގެ ތިން އަތޮޅުގައި ރިސޯޓު ހަދަން ބަޔަކު ޝައުގުވެރިކަން ފާޅުނުކުރި ނަމަވެސް، މިދިޔަ ހަތަރުގެ ތެރޭގައި ނ އަތޮޅާއި ރ. އަތޮޅުގެ ގިނަ ރިސޯޓުތަކެއް ހަދައި، ވަނީ ހުޅުވައިފަ އެވެ. އޭގެ ތެރޭގައި އެންމެ މަތީ ފެންވަރުގެ ރިސޯޓުތައް ވެސް ހިމެނެ އެވެ.
ޓޫރިޒަމް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވީ މާލެ ސަރަހައްދުގައި ރިސޯޓު ހަދަން ޑިމާންޑް ބޮޑުވި ނަމަވެސް، އިސްކަންދޭންވީ ޓޫރިޒަމް ބޮޑަށް ފެތުރިފައި ނެތް ސަރަހައްދުތަކަށް ކަމަށެވެ.
"މިސާލަކަށް ހުވަދު އަތޮޅުގައި އިތުރު ރިސޯޓުތަކެއް ހަދަންވީ. އެ ސަރަހައްދުގައި ޖެޓް ޖެއްސޭ ފެންވަރުގެ އެއާޕޯޓެއް ވެސް އެބައޮތް ހެދިފައި. އިންސެންޓިވް ދީގެން އެންމެ އުތުރުގައި ވެސް ޓޫރިޒަމް ފުޅާކުރަންވީ. އޭރުން އޭގެ ހަގީގީ ފައިދާ އާއްމުންނަށް ވެސް ލިބޭނީ،" އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން މިހާތަނަށް ރިސޯޓު ހަދަން އެންމެ ގިނަ ރަށްތަކާއި ފަޅުތައް ދޫކޮށްފައި ވަނީ މާލެ އަތޮޅުންނާއި ނ. ރ. ބ. އަދި ޅ. އަތޮޅުންނެވެ. އޭގެ އިތުރުން ދ. އަތޮޅުން ވެސް ގިނަ ރަށްތަކެއް ދޫކޮށްފައިވެ އެވެ. މިއީ ކުރިން ވެސް ރާއްޖެ އާއި ބޭރުގެ މަހުޖަނުން އެންމެ ބޮޑަށް އިންވެސްޓްކުރި އަތޮޅުތަކެވެ. އެހެން ސަރަހައްދުތަކަށް ބަލާ ނަމަ ގއ. އަދި ގދ. އަތޮޅުގައި އެއް ރިސޯޓު ހުޅުވިއިރު ލ. އަތޮޅުގައި އެންމެ ރިސޯޓެއް ވެސް ހުޅުވާފައެއް ނުވެ އެވެ. ތ. އަދި ފ. އަތޮޅުގައި ވެސް މިދިޔަ ހަތަރުގެ ތެރޭގައި ރިސޯޓެއް ނުހުޅުވަ އެވެ.
މާކިއޯ ކޫއްޑޫ ހޮޓެލް: ގއ. އަތޮޅުގައި މިދިޔަ ތިން އަހަރުގެ ތެރޭގައި ހުޅުވީ އެންމެ ރިސޯޓެއް.---ފޮޓޯ: ރައީސް އޮފީސް
ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ އެންމެ އުތުރުގެ ތިން އަތޮޅުގައި ހުޅުވި ރިސޯޓުތަކުގެ އަދަދު މަދުވެފައި ވަނީ އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ ކަމަށެވެ.
"އެންމެ އުތުރުގެ ތިން އަތޮޅުގެ މީހުންގެ ޝަކުވާއަކީ އެއީ. އެ ސަރަހައްދުގައި މިހާރު ޖުމްލަ ފަސް ރިސޯޓެއް ހިންގާއިރު އެއީ ވަރަށް މަދު އަދަދެއް. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ފެންނަނީ މުއްސަނދިން ބޭނުންވާ ގޮތަށް މާލެ ކައިރި ސަރަހައްދުތަކުން ރަށްތަކާއި ފަޅުތައް ދޫކުރަމުންދާ މަންޒަރު،" އޭނާ ވިދާޅުވި އެވެ.
ރިސޯޓު ހެދުމަށް މިހާރު އެންމެ ބޮޑު ޑިމާންޑެއް އޮވެގެން ފަޅުތަކާއި ފަޅުރަށްތައް އެންމެ ގިނަ އަދަދަށް މި ސަރުކާރުން ދޫކުރީ މާލެ ސަރަހައްދުންނާއި ޅ. އަތޮޅާއި ބ. އަދި ރ. އަތޮޅުންނެވެ. މި އަހަރުގެ ތެރޭގައި އަލަށް ދިހަ ވަރަކަށް ރިސޯޓު ހުޅުވާއިރު އޭގެ ތެރެއިން ގިނަ ރިސޯޓު ހިމެނެނީ ނ. ރ. ބ. އަދި ޅ. އަތޮޅުގަ އެވެ. މީގެ އިތުރުން މާލެ އަތޮޅުގައި މި އަހަރު ވެސް އާ ރިސޯޓުތަކެއް ހުޅުވާނެ އެވެ.
ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި މާލެ ސަރަހައްދުގައި އިތުރު ފަޅުތަކެއް ކުއްޔަށް ދިނުމުގެ ބަދަލުގައި ޓޫރިޒަމް ފުޅާވެފައި ނުވާ ސަރަހައްދުތަކަށް އިސްކަންދިނުން މުހިންމެވެ. ޓޫރިޒަމްގެ މަންފާ މުޅި ރާއްޖެއަށް ފެތުރޭނީ އޭރުންނެވެ.
"މާލެ ސަރަހައްދުގެ ޑިމާންޑް ދާނީ މައްޗަށް. ފަހުން ބޮޑު އަގުގައި އެތަންތަން ދޫކުރަން ބާއްވާފައި އެހެން ދިމަދިމާލަށް އިސްކަންދޭންވީ. މާލެ ސަރަހައްދުގައި މިހާރު އެކަށީގެންވާ ވަރަށް ރިސޯޓުތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނަ އިރު ޓޫރިޒަމް ފުޅާާކުރުމުގެ މައުލޫއު މުހިންމެވެ. އަދިވެސް މާލެ ސަރަހައްދަށް ޓޫރިޒަމް ފުޅާކުރުމުގެ ބަދަލުގައި އެހެން ސަރަހައްދުތަކަށް އޭގެ ފައިދާ ބެހިގެންދާނެ ގޮތުގެ ވާހަކަތައް ކެންޑިޑޭޓުންގެ ދުލުން ބޭރުވާނެ އެވެ. އެކަމަކު އެ ވާހަކަތައް ހަގީގަތަކަށް ވާނެތޯ، ނުވާާނެތޯ މިއީ ބޮޑު ސުވާލެވެ.
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ނުހެދި ހުރި ރަށްތަކަށް ފައިސަލް ދަތުރުކުރައްވަނީ
ރިސޯޓްތަކުގެ ބިމު ކުލި ކުޑަ ނުކުރަން ނިންމައިފި
ޓޫރިޒަމް ހީކުރި ގޮތަކަށް ނޫން، ހުރަސްތައް ގިނަ
މާލެ އަތޮޅުގައި އިތުރު އާ ރިސޯޓެއް ހުޅުވައިފި
ރިސޯޓުގެ ފަޅުތެރޭގައި ވެސް ރިސޯޓް ހެދުމުގެ ފުރުސަތު!
އެންމެ ގިނަ ރިސޯޓް ހުޅުވީ މިިދިޔަ އަހަރު
ފޭދޫފިނޮޅު ހަތަރު މިލިއަން ޑޮލަރަށް: އަގު މާ ކުޑަ؟!
އަންނަ އަހަރު އިތުރު 20 ރިސޯޓެއް ހުޅުވަނީ
ކުޑަމުރައިދު އާއި ހޮނޑާފުށީގެ މައްސަލަ ހައި ކޯޓަށް