Roadha Mihaaru
ސަރުކާރު ހުރިހާ ޖޭވީތަކެއްގެ މައުލޫމާތެއް ނުލިބޭ:ޒިޔަތު

ސަރުކާރު ހިއްސާވާ ހުރިހާ ޖޮއިންޓް ވެންޗާތަކެއްގެ މައުލޫމާތެއް ނުލިބޭ: އޮޑިޓާ ޖެނެރަލް

28 ޖޫން 2019

ސަރުކާރު ހިއްސާވާ ކުންފުނިތައް އެހެން ކުންފުނިތަކާ ގުޅިގެން އުފައްދާފައިވާ ބައެއް ޖޮއިންޓް ވެންޗާތަކުގެ މައުލޫމާތު އޮޑިޓް އޮފީހަށް ނުލިބި އެބަހުރި ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސަރުކާރު ހިއްސާވާ ކުންފުނިތައް އެހެން ކުންފުނިތަކާ ގުޅިގެން އުފައްދާފައިވާ ބައެއް ޖޮއިންޓް ވެންޗާތަކުގެ މައުލޫމާތު އޮޑިޓް އޮފީހަށް ނުލިބި އެބަހުރި ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އިއްޔެ ވަޑައިގެން އެ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ ޖޮއިންޓް ވެންޗާތަކުގެ މައުލޫމާތު ހޯދަން ދާދި ފަހުން ވެސް ރެޖިސްޓްރާ އޮފް ކޮމްޕެނީސް އަށާއި ފިނޭންސް މިނިސްޓްރީ އަށް ލިއުމުން އެދިވަޑައިގެންފައި ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ކުންފުންޏަކުން ކިތަންމެ ކުޑަ ހިއްސާއެއްވާ ގޮތަށް ޖޮއިންޓް ވެންޗާއެއް އުފެއްދިޔަސް އެ މައުލޫމާތު އޮޑިޓް އޮފީހަށް ދޭން ގާނޫނު ލާޒިމުކުރާ ކަމަށެވެ. އެގޮތުން ޖޮއިންޓް ވެންވާ އުފައްދަން ގާއިމުކުރާ އެއްބަސްވުންތަކުގެ މައުލޫމާތު އެއޮފީހަށް ދޭން ޖެހޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމަ ހުރިހާ ކުންފުންޏެއް ވެސް އަޅުގަނޑުމެން އޮޑިޓް ކުރަން އެހެން ނަމަވެސް އަޅުގަނޑުމެންނަށް މައުލޫމާތު ނުލިިބި އެބަހުރޭ ޖޮއިންޓް ވެންޗާތައް ހެދިފަ އިނގޭތޯ. ދެން މައުލޫމާތު ހޯދަން އަޅުގަނޑުމެން ރެޖިސްޓްރާ[އޮފް ކޮމްޕެނީސް]އަށް ވެސް ފިނޭންސް މިނިސްޓްރީއަށް ވެސް ލިޔަމުން ދާނަން،" އޭނާ ވިދާޅުވި އެވެ.

ޒިޔަތު ވިދާޅުވި ގޮތުގައި ދައުލަތުގެ ކުންފުންޏަކުން އުފައްދާ ޖޮއިންޓް ވެންޗާއެއްގެ މައުލޫމާތު ލިބިފައިވާ ނަމަ އެ ޖޮއިންޓްވެންޗާއެއް އޮޑިޓްގައި ނުހިމަނާ ދޫކޮށްލާފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް އުފައްދާފައި ހުރި ކުންފުނިތަކުގެ މައުލޫމާތު ހޯދަން ދާދި ފަހުން ވެސް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅުއްވާފައި ވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ހުރީ ކޮންކޮން ޖޮއިންޓް ވެންޗާތަކެއްކަން ދެނެގަތުމަށް ފަހު އެއްބަސްވުންތައް އޮޑިޓް އޮފީހުން ދިރާސާ ކުރާނެ އެވެ.

ނަތީޖާ ނެރޭ މިންވަރު ބަލަން ކުރާ ޕާފޯމެންސް އޮޑިޓް ބައެއް ކުންފުނިތަކުގައި ކޮށްފައި ނުވަނީތޯ އިއްޔެގެ ބައްދަލުވުމުގައި މެމްބަރުން ސުވާލު ކުރެއްވުމުން ޒިޔަތު ވިދާޅުވީ ހުރިހާ ކުންފުނިތަކެއްގެ ވެސް ޕާފޯމެންސް އޮޑިޓް ކުރާ ކަމަށާއި މައްސަލައެއް ފާހަގަ ވެއްޖެ ނަމަ ހާއްސަ އޮޑިޓްތައް ވެސް ކުރާ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ކުންފުނިތަކަށް ވަމުންދާ ގެއްލުންތަކުގެ ހުރިހާ ކަމަކަށް އޮޑިޓް އޮފީހަށް އެކަނި ހައްލު ހޯދައި ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުންފުންޏެއްގެ ވެއްޖެއްޔާ، ދެންމެ ހަމަ މި ފާހަގަ ކުރެވުނީ، ބޯޑް އޮފް ޑަައިރެކްޓާސްގެ ވެސް ޒިންމާ އެއްބަ އޮތް އިނގޭތޯ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ 30 އަށް ވުރެ ގިނަ ކުންފުނި ހުރި އިރު އޭގެ ތެރެއިން ފައިދާ ވަނީ ވަރަށް މަދު ކުންފުނިތަކަށް ކަމަށް އިއްޔެގެ ބައްދަލުވުމުގައި މެމްބަރުން ވިދާޅުވި އެވެ.

ޒިޔަތު މިމޭރުމުން ވާހަކަ ދެއްކެވީ މިދިޔަ ހަތަރު ފަސް އަހަރެއްގެ ތެރޭގައި ދައުލަތުގެ ގިނަ ކުންފުނިތަކަށް ބޮޑެެތި ގެއްލުމާ ކުރިމަތިވެ، ބަންގްރޫޓްވާ ހިސާބަށް ދިޔަ އިރު އޮޑިޓާ ޖެނެރަލްގެ ރިކޮމެންޑޭޝަންތަކެއް ފެނިފައި ނުވާކަމަށް ވިދާޅުވެ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ.

ކުުރީ ސަރުކާރުގެ ދުވަސްވަރު އެއަށް ވުރެ ކުރީ އަހަރުތަކުގެ އޮޑިޓް ރިޕޯޓްތައް ނެރުއްވުމުން ޒިޔަތަށް އޮތީ ކުރިއްސުރެ ފާޑުކިއުންތައް އަމާޒުވެފަ އެވެ. އެ ފާޑުކިއުންތަކަށް ވެސް އޭނާ މިއަދު ޖަވާބު ދެއްވި އެވެ. އޭނާ ވިދާޅުވީ މަގާމަށް ވަޑައިގެންނެވި އިރު ކުރީގެ ވަރަށް ގިނަ މަސައްކަތްތަކެއް ހުރި ކަމަށާއި އެ މަސައްކަތްތައް ނުނިންމާ އާ އޮޑިޓެއް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އޮޑިޓެއް މި އޮންނަނީ މިހާރު އަޅުގަނޑުމެންނަށް ކުރީގެ އަހަރުތައް ނުކޮށެއް އެންމެ ފަހުގެ އަހަރެއް ނުކުރެވޭނެ،" ޒިޔަތު ވިދާޅުވި އެވެ.