ސަމާރާ (ޖުލައި 7) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ސްވިޑަން އަތުން 2-0 އިން ހޯދި މޮޅާ އެކު 28 އަހަރަށް ފަހު މި މުބާރާތުގެ ސެމީ ފައިނަލުން އިންގްލެންޑް ފުރުސަތު ހޯދައިފި އެވެ.
07 ޖުލައި 2018
ސަމާރާ (ޖުލައި 7) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ސްވިޑަން އަތުން 2-0 އިން ހޯދި މޮޅާ އެކު 28 އަހަރަށް ފަހު މި މުބާރާތުގެ ސެމީ ފައިނަލުން އިންގްލެންޑް ފުރުސަތު ހޯދައިފި އެވެ.
ސެމީ ފައިނަލުގައި އިންގްލެންޑް ކުޅޭނީ މިރޭ މި ފަހަރުގެ މުބާރާތް ބާއްވާ ރަޝިއާ އާއި ކްރޮއޭޝިއާ ކުޅޭ ކުއާޓާ ފައިނަލް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ވޯލްޑް ކަޕްގެ ތަށި 1966 ވަނަ އަހަރު އުފުލާލި އިންގްލެންޑް އެންމެ ފަހުން ސެމީގައި ކުޅުނީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި މުބާރާތުގަ އެވެ. ސައުވީސް ޓީމު ވާދަކުރާ ފޯމެޓަށް ކުޅުނު އެ މުބާރާތުން އިންގްލެންޑް ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބަލިވީ ވެސްޓް ޖާމަނީ އަތުންނެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕުން އިންގްލެންޑް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
މި މެޗުން ބަލިވުމުން ސްވިޑަން އިން 1994 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕުގެ ސެމީގައި ކުޅުމަށް ކުރި އުއްމީދަށް ވަނީ ނިމުމެއް އައިސްފަ އެވެ. ސްވިޑަން އިން އެންމެ ފަހުން ކުއާޓާ ފައިނަލުގައި ވެސް ކުޅުނީ އެ ފަހަރު އެވެ.
މިރޭގެ މެޗުގެ ކުރިން ވޯލްޑް ކަޕުގައި ސްވިޑަން އާއި އިންގްލެންޑް ކުރިން ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. އެ ދެ ފަހަރު ވެސް ކުޅުނީ ގްރޫޕް ސްޓޭޖުގަ އެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހަމަލާ ފޮނުވާލީ 12 ވަނަ މިނިޓްގައި ސްވިޑަންގެ ވިކްޓަ ކްލާސެން އެވެ. އޭނާ ފޮނުވާލި ބޯޅަދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ހަތް މިނިޓް ފަހުން އިންގްލެންޑުގެ ފުރަތަމަ ޝޮޓް ފޮނުވާލީ ކެޕްޓަން ހެރީ ކޭން އެވެ. އޭނާ ޖެހި ޝޮޓް ދިޔައީ އަރިމަތިން ބޭރަށެވެ.
ފުރަތަމަ ވިހި މިނިޓަށް ފަހު އިންގްލެންޑުން އެޓޭކް ރަނގަޅުކުރިއިރު، އެ ޓީމުން ލީޑުނެގީ މެޗުގެ 30 ވަނަ މިނިޓްގައި ފަހަތަށްކުޅޭ ހެރީ މެގުއާ ޖެހި ގޯލުންނެވެ. އިންގްލެންޑަށް ލިބުނު ފުރަތަމަ ކޯނަރުގައި އެޝްލީ ޔަންގް ނަަގައިދިން ބޯޅަ މެގުއާ ވަނީ ބޮލުން ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ މީގެ ދެ އަހަރު ކުރިން އިންގްލެންޑް ސަޕޯޓަރެއްގެ ގޮތުގައި ހުރި މެގުއާ ގައުމީ ޓީމާ ގުޅުނު ފަހުން ޖެހި ފުރަތަމަ ގޯލެވެ.
ސްވިޑަންގެ ގްރަންކްވިސްޓް (ވ) ކައިރިން އިންގްލެންޑުގެ ސްޓާލިން ބޮލުން ޖަހަނީ. -- ފޮޓޯ: އޭއެފްޕީ
އިންގްލެންޑުން ލީޑުނެގުމާ އެކު ސްވިޑަން އިން ކުރިއަށް ޖެހިގެން ކުޅެން ފެށި ނަމަވެސް އެ ޓީމުގެ ކުރިއަށްކުޅޭ މާކަސް ބާގާއި އޮލާ ޓޮއިވޮނަން އަށް ލިބޭ ބޯޅަތައް މަދުވުމުގެ ސަބަބުން ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއްނުވި އެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅުގައި އިންގްލެންޑަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ރަހީމް ސްޓާލިން އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ޖޯޑަން ހެންޑަސަން ހުސްކޮށްލާފައި ދިން ބޯޅަ ސްޓާލިން ފުރަތަމަ މަސައްކަތްކުރީ ސްވިޑަންގެ ކީޕަރު ރޮބިން އޮލްސަން ކައިިރިން ނައްޓާފައި ގޮސް ޖަހާށެވެ. އެކަމަކު އޮލްސަން ހުރަސް އެޅުމުން ސްޓާލިން ފަހުން ފޮނުވާލަން މަސައްކަތްކުރި ނަމަވެސް ލަސްވުމުން އެންމެ ރަނގަޅަށް ފޮނުވާނުލެވުނެވެ.
ދެ ވަނަ ހާގުގެ ކުޅުން ފެށިގެން ދެ ވަނަ މިނިޓްގައި ސްވިޑަން އިން މެޗުގައި ގޯލާ ސީދާކޮށް ނުރައްކާކޮށް ފޮނުވާލި ފުރަތަމަ ހަމަލާ ފޮނުވާލީ ބާގް އެވެ. އޭރިއާތެރެއިން ބާގް ބޮލުން ޖެހި ބޯޅަ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.
އޭގެ ފަހުން އިންގްލެންޑުން ކުޅުން ރަނގަޅުކޮށް ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އަދި ސްވިޑަން ފަހަތަށް ބާރުބޮޑުކުރަން ފެށި އެވެ. އިންގްލެންޑުން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 59 ވަނަ މިނިޓްގަ އެވެ. ޖެސޭ ލިންގާޑް ނަގައިދިން ހުރަހަކުން ޑެލެ އަލީ މި ލަނޑު ޖެހީ ބޮލުންނެވެ.
ސްވިޑަން އިން މެޗުގެ ތެރެއަށް އަލުން އަންނަން މެޗުގެ 61 ވަނަ މިނިޓްގައި އޭރިއާތެރެއިން ކްލާސެން ޖެހި ބޯޅަ ހުއްޓުވީ ވެސް ކީޕަރު ޕިކްފޯޑް އެވެ. އޭގެ ފަހުން ބާގް ފޮނުވާލި ބޯޅައެއްގެ ހުރަހަކަށްވީ ވެސް ޕިކްފޯޑް އެވެ.
މިއީ މި ފަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑް މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު ކޮޅަށް ލަނޑެއް ނުވަދެ ނިމުނު ފުރަތަމަ މެޗެވެ.
މެޗު ނުކުޅެ ހަތަރު ޓީމު ދެ ވަނަ ބުރަށް ދަތުރުކޮށްފި
ރޮނާލްޑޯ ގައުމީ ޓީމަށް 100 ގޯލު ހަމަކޮށްފި
ދަނޑު ބޭރުން ބެކަމާއި އިބްރަހިމޮވިޗްގެ ޗެލެންޖެއް
ދަރިފުޅު ދެކިލަން ބޭނުންވަނީ މިރޭގެ މެޗަށް ފަހު!
އެރިކްސަން މަރުވި އިރު ބޮޑު ދަރަންޏެއް
ޓުޗެލް އިންގްލެންޑް ގައުމީ ޓީމާ ހަވާލުވަނީ
ކޭންގެ 100 ވަނަ މެޗުގައި ޖެހި ގޯލުތަކުން މޮޅުވެއްޖެ
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން
ސަޕޯޓަރުންނަށް ރައިސް އާއި ގްރީލިޝް ވީ ހަތުރުންނަށް
ފޮޑެން ގައުމީ ޓީމަށް ދޫކުރަން ގާޑިއޯލާ ބޭނުމެއް ނުވޭ