Roadha Mihaaru
އައްޑޫން ޔާމީނަށް ބޮޑު ތަނުން ނޫނެކޭ ބުނާނެ: އިބޫ

އައްޑޫން ރައީސް ޔާމީނަށް ބޮޑު ތަނުން ނޫނެކޭ ބުނާނެ: އިބޫ

13 ޖުލައި 2018

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫ ރައްޔިތުން ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ތަނުން ނޫނެކޭ ބުނާނެ ކަމަށް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިއާސީ ކެންޑިޑޭޓް، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫ ރައްޔިތުން ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ތަނުން ނޫނެކޭ ބުނާނެ ކަމަށް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިއާސީ ކެންޑިޑޭޓް، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭންގައި މާލޭން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި އައްޑު އަށް މިއަދު ވަޑައިގެން އެމްޑީޕީގެ ފޭދޫ ހަރުގެ ކައިރީގައި އިބޫ ނޫސްވެރިންނަށް ވިދާޅުވީ ގަން އެއާޕޯޓުން އައްޑޫ ރައްޔިތުން މިއަދު ދައްކުވައި ދިނީ މި ސަރުކާރުން ހިންގާ ކަންކަން ހުއްޓުވަން ކެތް މަދުވެފައި ތިބި މަންޒަރު ކަމަށެވެ.

އިބޫ އަށް މަރުހަބާ ކިޔަން ގަން އެއާޕޯޓަަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ހަވީރު އެއްވި އެވެ.

އިބޫ އަށް ގަން އެއާޕޯޓުން މަރުހަބާ ކިޔަނީ.

"އަޅުގަނޑަށް ޔަގީން މި އައްޑޫން ރައީސް ޔާމީނަށް ބޮޑު ތަނުން ނޫނެކޭ ބުނާނެ. އެއީ އަނިޔާވެރިކަމާއި ވައްކަމާ ދެކޮޅަށް މި ސިޓީގެ ރައްޔިތުން ދޭ ވޯޓެއް،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑަށް ވަރަށް ސާފުކޮށް މި މަންޒަރު އެބަ ފެނޭ."

އިބޫ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އައްޑު އަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އައްޑޫ ތަރައްގީ ކުރައްވަން މަސައްކަތް ކުރައްވައިފަ އެވެ.

އިބޫ ގަން އެއާޕޯޓްގައި.

"އެއީ އެކަން އޮންނަން ޖެހޭނެ ގޮތް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. ޒަމާނުއްސުރެ އައްޑުއާ ދޭތެރޭ ރާއްޖޭގެ ސަރުކާރުތަކުން އިހުމާލުވެފައި އޮތީ،" އޭނާ ވިދާޅުވި އެވެ. "އެކަން ރައީސް ނަޝީދު ބަދަލު ކޮށްދެއްވި. މި ރާއްޖެ ތަރައްގީއެއް ނުވާނެ އައްޑޫ ތަރައްގީ ނުވެއެއް. އެހެންވެ މާލެއެކޭ އެއްގޮތަށް އަދި އެހެން ތަންތަނެކޭ އެއް ވަރަށް އައްޑޫ ސިޓިއާ ދޭތެރޭ އަޅާލައިގެން މިތަން ތަރައްގީ ނުކޮށެއް ރާއްޖެ ތަރައްގީ ވާނެ ތަނެއް އަޅުގަނޑަކަށް ވެސް ނުފެނޭ."

އިބޫ ވިދާޅުވި ގޮތުގައި ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ރައީސް ނަޝީދު އައްޑޫގައި ފެއްޓެވި ތަރައްގީގެ މަޝްރޫއުތައް އަލުން ފައްޓަވައި މަޑުޖެހުމެއް ނެތި ކުރިއަށް ގެންދާނެ އެވެ.

ތިން ދުވަހަށް ރާއްޖޭގެ އެންމެ ދެކުނަށް ކުރައްވާ ކެމްޕޭން ދަތުރުގެ ތެރެއިން އެންމެ ބޮޑަށް އޮންނާނީ އަވަށްތަކުގައި ދޮރުން ދޮރަށް ހިންގެވުމެވެ. އެ ގޮތުން މިއަދު ފޭދޫގައި ދޮރުން ދޮރަށް ހިނގުން އޮންނާނެ އެވެ.

މީގެ އިތުރުން އައްޑޫގެ ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫގެ ކެމްޕޭން ޓީމުތަކާ މިރޭ އެމްޑީޕީގެ ހިތަދޫ ހަރުހޭގައި ބައްދަލު ކުރުން ވެސް އޮންނާނެ އެވެ.

މާދަމާ ހެނދުނުގެ ވަގުތެއްގައި އިބޫ އާއި އޭނާގެ ޓީމު ހުޅުމީދު އަށް ވަޑައިގަތުމުގެ ކުރިން އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެމްޕޭންގެ ދޮރުން ދޮރަށް ކެމްޕޭން މުޅި ރާއްޖޭގައި ރަސްމީ ގޮތުން ފެށުން މާދަމާ ހެނދުނު މަރަދޫފޭދޫގައި އޮންނާނެ އެވެ.

މާދަމާ މެންދުރު ފަހު، ފުވައްމުލަކަށް އިބޫ އާއި އޭނާގެ ޓީމު ވަޑައިގަތުމަށް ފަހު އާދީއްތަ ދުވަހު އަނެއްކާ ވެސް އައްޑު އަށް ވަޑައިގެން އައްޑޫގައި އިތުރު އަވަށްތަކުގައި ދޮރުންދޮރަށް ކެމްޕޭން ހަރަކާތްތައް ހިންގަން ވަނީ ހަމަޖެހިފަ އެވެ.

އިބޫ ރާއްޖޭގެ އެންމެ ދެކުނަށް ކުރައްވާ ކެމްޕޭން ދަތުރު ނިންމަވާލައްވައި އައްޑޫން ފުރާވަޑައިގަންނަވާނީ އާދީއްތަ ދުވަހު ހަވީރެވެ.