Roadha Mihaaru
އިބޫ އަށް އައްޑޫން ހޫނު މަރުހަބާއެއް

އިބޫ އަށް އައްޑޫން ހޫނު މަރުހަބާއެއް ކިޔައިފި

13 ޖުލައި 2018

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ވާދަ ކުރައްވާ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ކެމްޕޭނަށް މިއަދު އައްޑު އަށް ވަޑައިގަތުމުން ގަން އެއާޕޯޓުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން ވާދަ ކުރައްވާ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ކެމްޕޭނަށް މިއަދު އައްޑު އަށް ވަޑައިގަތުމުން ގަން އެއާޕޯޓުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

މީގެ ކުޑަ އިރުއްކޮޅެއް ކުރިން އިބޫ އާއި އޭނާގެ ޓީމް ގަމަށް ވަޑައިގަތުމުން، މަރުހަބާ ދަންނަވަން އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ގިނަ އަދަދެއްގެ މީހުން މަލުގެ ހާރުތަކާއި ތަފާތު ޝުއޫރުތައް ލިޔެފައިވާ ލިޔުންތަކާ އެކު އެއްވި އެވެ. އޭގެ ތެރެއިން ގިނަ ބަޔަކާ އިބޫ ސަލާމް ކުރެއްވި އެވެ.

މިއީ ރިޔާސީ ކެންޑިޑޭޓަކަށްވެ ވަޑައިގަތް ފަހުން އިބޫ ކެމްޕޭން ކުރައްވަން އަތޮޅަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އައްޑު އަށް ކުރައްވާ ދަތުރުގެ ތެރެއިން މާދަމާ އޭނާ ފުވައްމުލަކަށް ވެސް ވަޑައިގަންނަވާނެ އެވެ.

ތިން ދުވަހަށް ރާއްޖޭގެ އެންމެ ދެކުނަށް ކުރައްވާ ކެމްޕޭން ދަތުރުގެ ތެރެއިން އެންމެ ބޮޑަށް އޮންނާނީ އަވަށްތަކުގައި ދޮރުން ދޮރަށް ހިންގެވުމެވެ. އެ ގޮތުން މިއަދު ފޭދޫގައި ދޮރުން ދޮރަށް ހިނގުން އޮންނާނެ އެވެ.

މީގެ އިތުރުން އައްޑޫގެ ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫގެ ކެމްޕޭން ޓީމުތަކާ މިރޭ އެމްޑީޕީގެ ހިތަދޫ ހަރުހޭގައި ބައްދަލު ކުރުން ވެސް އޮންނާނެ އެވެ.

އިބޫ އަށް ގަން އެއާޕޯޓުން މަރުހަބާ ކިޔަނީ.

މާދަމާ ހެނދުނުގެ ވަގުތެއްގައި އިބޫ އާއި އޭނާގެ ޓީމު ހުޅުމީދު އަށް ވަޑައިގަތުމުގެ ކުރިން އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެމްޕޭންގެ ދޮރުން ދޮރަށް ކެމްޕޭން މުޅި ރާއްޖޭގައި ރަސްމީ ގޮތުން ފެށުން މާދަމާ ހެނދުނު މަރަދޫފޭދޫގައި އޮންނާނެ އެވެ.

މާދަމާ މެންދުރު ފަހު، ފުވައްމުލަކަށް އިބޫ އާއި އޭނާގެ ޓީމު ވަޑައިގަތުމަށް ފަހު އާދީއްތަ ދުވަހު އަނެއްކާ ވެސް އައްޑު އަށް ވަޑައިގެން އައްޑޫގައި އިތުރު އަވަށްތަކުގައި ދޮރުންދޮރަށް ކެމްޕޭން ހަރަކާތްތައް ހިންގަން ވަނީ ހަމަޖެހިފަ އެވެ.

އިބޫ ރާއްޖޭގެ އެންމެ ދެކުނަށް ކުރައްވާ ކެމްޕޭން ދަތުރު ނިންމަވާލައްވައި އައްޑޫން ފުރާވަޑައިގަންނަވާނީ އާދީއްތަ ދުވަހު ހަވީރެވެ.