Roadha Mihaaru
މަސައްކަތް ކުރަނީ ވޯޓުލުމުގެ ހައްގު ހޯދައިދޭން:ޕީޕީއެމް

މަސައްކަތް މި ކުރަނީ ވޯޓުލުމުގެ ހައްގު ގިނަ ބަޔަކަށް ހޯދައިދޭން: ޕީޕީއެމް

24 ޖުލައި 2018

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް ގިނަ ބަޔަކު ރީ-ރަޖިސްޓަރީ ކޮށްދީ، ވޯޓުލުމުގެ ހައްގު ހޯދައި ދިނުމަށް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް ގިނަ ބަޔަކު ރީ-ރަޖިސްޓަރީ ކޮށްދީ، ވޯޓުލުމުގެ ހައްގު ހޯދައި ދިނުމަށް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ގައި ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ގައި ވޯޓުލުމަށްޓަކައި ގިނަ ބަޔަކު ރީ-ރަޖިސްޓަރީ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މިދިޔަ ހަފުތާއެއްގެ ތެރޭގައި ވަރަށް ގިނަ ބައެއްގެ ފޯމު ޕީޕީއެމަށް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ވޯޓުލުމަކީ ކޮންމެ ރައްޔިތަަކަށް ވެސް ލިބިފައިވާ ހައްގަކަށް ވާއިރު، އެ ފުރުސަތު ހޯދައިދިނުމަށް ރީ-ރަޖިސްޓަރީ ކޮށްދިނުމުގައި، އެެއީ ކޮން ޕާޓީއެއްގެ ނުވަތަ ކޮން ވިސްނުމެއްގެ މީހެއްތޯ ޕީޕީއެމުން ނުބަލާ ކަމަށެވެ.

"ރަޖިސްޓްރީ ކުރަން ގޮސްފައި ނުބަލަން އެއީ ކޮން ޕާޓީއެއްގެ ކޮން ފިކުރެއްގެ މީހެއްތޯ. އަޅުގަނޑުމެން ރަޖިސްޓްރީ ކޮށްދެނީ އެ މީހަކު މާލޭގައި ހުރި ނަމަ މާލެ އަށް ވޯޓުލެވޭ ގޮތަށް. އެ މީހަކު އަމިއްލަ އަށް، އެ މީހަކު ވޯޓުލާނެ މީހެއް ނިންމާނީ. މި މަރުހަލާގައި މި މަސައްކަތް ކުރަނީ ވީހާ ވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދޭން،" ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.

ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި ގައުމަށް ހެޔޮ އެދޭ ހުރިހާ އެންމެން ވެސް ވޯޓުލާން ޖެހޭނީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށެވެ. އެމަނިކުފާނާ ވާދަކުރެއްވުމަށް ދެން ތިއްބެވި ކެންޑިޑޭޓުންނަކީ ގައުމަށާއި ރައްޔިތުންނަށް ހެޔޮ އެދިގެން ކަމެއް ކޮށްދޭނެ ބައެއް ނޫން ކަމަށް ވެސް ސިޔާސީ ދާއިރާ ގައި ރައީސް ޔާމީންއާ އެންމެ ގާތް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

ރިޔާސީ ދެ ވަނަ ދައުރަކަށް ރައީސް ޔާމީން މި ފަހަރުގެ އިންތިޚާބަށް ކުރިމަތިލައްވާއިރު، އެމަނިކުފާނާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓަކީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އެ ދެ ބޭފުޅުންގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއިި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސްކަން ކުރެއްވި ޝުޖާއު ހުސެއިން ވެސް ވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަން (އީސީ) ކައިރިއަށް އިއްޔެ އެއްވެ މުޒާހަރާ ކުރުމާ ގުޅިގެން، އެ ކަމަށް ފާޑުވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އިންސާފުވެރިކަމާ އެކު، އިންތިޚާބު ބޭއްވޭނެ މާހައުލެއް ގާއިމް ކުރުމަށް ކަމަށެވެ. ނަމަވެސް، މިނިވަން އިންތިޚާބެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އެ ފަދަ ގޮތަކަށް އެއްވުމެއް ބޭއްވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި އެ ކަހަލަ އެއްވުންތައް ބޭއްވުމުގެ ފުރުސަތު އީސީން ވެސް ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފަދަ ހަރަކާތްތައް ހުއްޓުވަން އީސީ އަށް ގޮވާލަން. ގަބޫލެއް ނުކުރަން އީސީން އެ ފަދަ ފުރުސަތެއް ދީގެން ވާނެ ކަމަކަށް. ރިޔާސީ އިންތިޚާބު ބާއްވަން އުޅޭ އިރު އެ އިންތިޚާބަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތް ހުއްޓުވުމުގެ މެންޑޭޓް އީސީ ގައި އޮންނަން ވާނެ،" އީސީ ދޮށުގައި މުޒާހަރާ ކުރުމުން އެކަން ކުށްވެރިކޮށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށްޓަކައި ރަޖިސްޓަރީ ކުރަން ހުޅުވާލާފައިވާއިރު، ޕީޕީއެމުން ވެސް އަންނަނީ އެ ޕާޓީގެ ޖަގަހަ އާއި އޮފީސްތަކުގައި އިތުރުން ގޭގެ އަށް ކެމްޕޭން ޓީމުތަކުން ގޮސްގެން ރީ-ރަޖިސްޓަރީ ކޮށްދިނުމު ގައި އެހީތެރިވަމުންނެވެ. އެކަމަކު އެ ރަޖިސްޓްރޭޝަންގެ ތެރެއިން ޕީޕީއެމުން މަކަރު ހަދަމުން ދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.

އެ ތުހުމަތުތައް ދޮގުކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެއްވެސް މީހެއްގެ ވޯޓު ނިގުޅައިގަތުމަށް ޕީޕީއެމުން މަސައްކަތް ނުކުރާ ކަމަށެވެ. ނަމަވެސް ލިބިފައިވާ ހައްގެއް ނިގުޅައިގަނެ އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަމުން ދަނީ ރީ-ރަޖިސްޓްރީ ކުރިޔަ ނުދޭން ކަމަށް ވެސް ވިދާޅުވި އެވެ.

"ޕީޕީއެމުން އެއްވެސް ހާލެއްގައި މަސައްކަތެއް ނުކުރާނެ އެއްވެސް މީހެއްގެ ވޯޓު ނިގުޅައި ގަންނާކަށް. އެމީހުންނަށް [އިދިކޮޅު ޕާޓީތަކަށް] ރީ-ރަޖިސްޓްރޭޝަން ގައި ވެސް މާ ބޮޑު ކާމިޔާބީއެއް ނުލިބުނު. މިހާތަނަށް އައިއިރު ޕީޕީއެމަށް ވަރަށް ގިނަ މީހުން ރަޖިސްޓަރި ކުރެވިއްޖެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލިމަންޓް ގްރޫޕް ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، އީސީގެ މިނިވަންކަމާ މެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދައި ވާހަކަދައްކަމުން ދާއިރު، އެ ކޮމިޝަން މިނިވަން ކުރަން އެ ފަރާތްތަކުން މަސައްކަތް ނުކުރާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ހުސްވި މަގާމަށް މެމްބަރަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ވެސް އިދިކޮޅު ޕާޓީގެ މެމްބަރުން ބައިވެރިވެވަޑައިނުގަންނަވާ ކަން ނިހާން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށުން މާލެއަށް ހިޖުރަ ކޮށްގެން ގިނަ އާއިލާތަކެއް ދިރިއުޅެމުން އަންނަ ކަމަށެވެ. އެހެންވެ އެ މީހުންނަށް ވޯޓު ނުލެވިއްޖެ ނަމަ ސިޔާސީ އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ޕީޕީއެމަށް ވެސް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.