Roadha Mihaaru
އިނގިލީގެ ނިޝާން ސައްހަތޯ ބަލަން ފޯމުތައް ޕޮލިހަށް

އިނގިލީގެ ނިޝާން ސައްހަތޯ ބަލަން ފޯމުތައް މިއަދު ފޮނުވަން ފަށާނެ: އީސީ

31 ޖުލައި 2018

ރިޔާސީ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އެދި ހުށަހަޅާފައިވާ ރީ ރަޖިސްޓްރޭޝަން ފޯމުތަކުގައި ޖަހާފައިވާ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމަށް ފޯމުތައް ފުލުހުންނަށް މިއަދު ފޮނުވަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އެދި ހުށަހަޅާފައިވާ ރީ ރަޖިސްޓްރޭޝަން ފޯމުތަކުގައި ޖަހާފައިވާ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމަށް ފޯމުތައް ފުލުހުންނަށް މިއަދު ފޮނުވަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ސެޕްޓެމްބަރު، 23، ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 263،000 މީހުން ތިބިއިރު، އޭގެ ތެރެއިން 70،000 އަށް ވުރެ ގިނަ މީހުން، އަމިއްލަ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާން ރީ ރަޖިސްޓްރީވާނެ ކަމަށް އިލެކްޝަންސުން ލަފާކުރެ އެވެ.

އިންތިޚާބަށް ރީ ރަޖިސްޓްރީކޮށްދިނުމުގެ ކަންކަން ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ އޮފީސްތަކުން ކުރަމުން އަންނައިރު، އޭގެ ތެރޭގައި މަކަރާއި އޮޅުވާލުން ހިމެނޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މި ޝަކުވާތަކާ ހެދި އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ، ރީ ރަޖިސްޓްރީ ކުރަން ހުށަހަޅާ ހުރިހާ ފޯމެއް ފުލުހުން ލައްވައި ވެރިފައި ކުރުވާށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ ރީ ރަޖިސްޓްރީވާން މިހާތަނަށް 20،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާއިރު، އޭގެތެރެއިން ބައެއް ފޯމުތައް ފުލުހުންނާ މިއަދު ހަވާލުކުރާނެ ކަމަށެވެ. ރީ ރަޖިސްޓްރީވާން ހުށަހަޅާ ހުރިހާ ފޯމުތަކެއްގެ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމުގެ ގާބިލްކަން ފުލުހުންގެ އެބަހުރި ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ރީ ރަޖިސްޓްރޭޝަންތައް ފޯމު ލިބޭ ވަރަކުން، އެ ފޯމުތައް ޕޮލިހަށް ހުށަހަޅައިގެން ވެރިފައިކުރާނެ،" އަކްރަމް ވިދާޅުވި އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ރީ ރަޖިސްޓްރީވެވޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

ދެހާސްތޭރައިގެ ރިޔާސީ އިންތިޚާބަށް ހުށަހެޅި ރީ ރަޖިސްޓްރޭޝަން ފޯމުތަކުގެ އިނގިލީގެ ނިޝާން ސައްހަތޯ ބަލައިދިނީ ފުލުހުންނެވެ. އޭރު ފުލުހުން ބުނެފައި ވަނީ، އެންމެ ފޯމެއްގެ އިނގިލީގެ ނިޝާން ޗެކްކުރަން މަދުވެގެން ފަސް މިނެޓް ނަގާނެ ކަމަށެވެ. އޭރު އިނގިލީގެ ނިޝާންގެ ސައްހަތޯ ބެލީ، އޮޓަމޭޓެޑް ފިންގަ ޕްރިންޓް ސިސްޓަމްގެ އިތުރުން މެނުއަލް ކޮށެވެ.

ފުލުހުންގެ ތަރުޖަމާން، އަހްމަދު ޝިފާން ވިދާޅުވީ އިލެކްޝަންސުން ހުށަހަޅާ ފޯމުތަކުގެ އިނގިލީގެ ނިޝާން ސައްހަތޯ މިފަހަރު ބަލާނީ، މެނުއަލްކޮށެވެ. އެއީ، އެކަމުގެ ތަޖުރިބާކާރުން ފޯމުތައް ލޮލުން ބަލައިގެން ފޯމުތައް ޗެކުކުރުމެވެ.

"އެއްވެސް ޝަކުވާއެއް ހުށަހަޅައިފި ނަމަ ސިސްޓަމް މެދުވެރިކޮށް ފުލުހުން ވެރިފައިކޮށްދޭނެ،" ޝިފާން ވިދާޅުވި އެވެ.

ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުން ފުލުހުންނާ ހަވާލުކޮށްފައި މިވަނީ، ރީ-ރަޖިސްޓްރޭޝަންގެ ފޯމުތަކާ ގުޅޭ ގޮތުން އިދިކޮޅު ޕާޓީތަކުން ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނަނިކޮށެވެ. އެމްޑީޕީން ރީ ރަޖިސްޓްރީކޮށްދޭ ޕީޕީއެމް މެމްބަރުންގެ ފޯމުތައް އިލެކްޝަންސަށް ހުށަނާޅާނެ ކަމަށް ޕީޕީއެމުން ތުހުމަތުކުރެ އެވެ. އިދިކޮޅު ޕާޓީތަކުން ބުނަމުން އަންނަނީ، ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުންގެ ރީ ރަޖިސްޓްރޭޝަންގެ ފޯމުތައް ޕީޕީއެމްގެ ޖަގަހަތަކަށް ގެންގޮސް އެ ފޯމުތައް އިލެކްޝަންސަށް ހުށަނާޅައި އެތައް ބަޔަކު ވޯޓުލުމުގެ ހައްގުން މަހްރޫމްކުރުވާނެ ކަމަށެވެ.

މި މައްސަލައިގައި އިލެކްޝަންސުން ދެއްކި ހައްލަކީ، އެ މީހެއްގެ ރީ ރަޖިސްޓްރޭޝަން ފޯމު އެ ކޮމިޝަނަށް ހުށަހަޅާފައިވޭތޯ އަމިއްލަ އަށް ބަލައި، ހުށަހަޅާފައި ނުވާ ނަމަ ދެ ވަނަ ފޯމަކުން ރަޖިސްޓްރީ ވުމެވެ.