Roadha Mihaaru
ކްލިކް ކޮލެޖުން އަށް ދަރިވަރަކަށް ސްކޮލަޝިޕް ދީފި

ކްލިކް ކޮލެޖުން އަށް ދަރިވަރަކަށް ސްކޮލަޝިޕް ދީފި

31 ޖުލައި 2018

މަތީ ތައުލީމް ހާސިލް ކުރަން ކްލިކް ކޮލެޖުން އަށް ދަރިވަރަކަށް ސްކޮލަޝިޕް ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަތީ ތައުލީމް ހާސިލް ކުރަން ކްލިކް ކޮލެޖުން އަށް ދަރިވަރަކަށް ސްކޮލަޝިޕް ދީފި އެވެ.

ކިޔެވުމުގެ ހުރިހާ ހަރަދުތަކެއް ހިމެނޭ ފުލް ސްކޮލަޝިޕް ތިން ދަރިވަރަކަށް އަދި ޕާޝަލް ސްކޮލަޝިޕް ފަސް ދަރިވަރަކަށް ވަނީ ދީފަ އެވެ. އޭގެ އިތުރުން ލޯން ސްކީމްގެ ތެރެއިން ކިޔެވުމުގެ ފުރުސަތު އެއް ދަރިވަރަކަށް ދިނެވެ.

އެ ދަރިވަރުންނަށް ސްކޮލަޝިޕްގެ ލިޔުން ހަވާލު ކޮށްދެއްވީ، ކްލިކް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮލެޖުގެ ރައީސް ޑރ. ނައުޝާދު މުހައްމަދެވެ.

ފުލް ސްކޮލަޝިޕްގެ ދަށުން ކްލިކް ކޮލެޖުގެ އަމިއްލަ ކޯސްތަކުން ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިގްރީ ޕްރޮގްރާމަށް ކިޔެވޭނެ އެވެ. ދަރިވަރު އިހުތިޔާރު ކުރާ ކޯހުގެ ފީ މުޅިން މައާފުވާ އިރު، އެ ސްކީމް ހާއްސަ ކޮށްފައިވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށެވެ.

ކްލިކް ކޮލެޖުން ހިންގާ ބޭރުގެ ޔުނިވާސިޓީތަކުގެ ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ ޕާޝަލް ސްކޮލަޝިޕުން، އިނގިރޭސި ވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް (އޭބީއޭ) އާއި އެސޯސިއޭޝަން އޮފް ޗާޓާޑް އެކައުންޓަންޓްސް (އޭސީސީއޭ) އާއި ހެރިއޮޓް ވަޓް ޔުނިވާސިޓީގެ ޑިގްރީ އަށް ކިޔެވޭނެ އެވެ.

އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ދޭ މި ސްކޮލަޝިޕުން ކްލިކުން ސްޕޮންސާ ކޮށްފައިވަނީ ކޯސް ފީގެ 25 ޕަސެންޓެވެ.

އަލަށް ކިޔަވަން ފަށާ އަދި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ ލޯން ސްކީމްގެ ދަށުން، ކޯހުގެ ފީގެ 50 ޕަސެންޓް ދައްކައި ދޭނީ ކޮލެޖުންނެވެ. ބާކީ 50 ޕަސެންޓް ދަރިވަރު ދައްކަން ޖެހޭނީ ކޯސް ނިންމުމަށް ފަހު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކްލިކް ކޮލެޖުގެ ރައީސް ޑރ. ނައުޝާދު ވިދާޅުވީ ތަފާތު އެކި ސަބަބުތަކާ ހެދި ދަރިވަރުންނަށް މަތީ ތައުލީމް ހާސިލްކުރަން ދަތިތައް ދިމާވާ ކަމަށެވެ. އެ ކަންކަމަށް ބަލައި އެ ކޮލެޖުން ހުޅުވައިލި ސްކޮލަޝިޕްގެ ފުރުސަތުން ގިނަ ދަރިވަރުންނަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނައުޝާދު ވިދާޅުވީ ސްކޮލަޝިޕަށް ހުޅުވާލިއިރު ދަރިވަރުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބުނު ކަމަށެވެ. ސްކޮލަޝިޕް ލިބޭނެ ދަރިވަރުން ހޮވާފައިވަނީ، އިންޓަވިއުކޮށްގެން އެންމެ މަތީ މާކްސް ހޯދި ދަރިވަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.