Roadha Mihaaru
ކްލީކް ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ކްލީކް ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

20 އޮކްޓޯބަރ 2019

ކްލީކް ކޮލެޖުން އަންނަ އަހަރު ކިޔަވާދޭ ކޯސްތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކްލީކް ކޮލެޖުން އަންނަ އަހަރު ކިޔަވާދޭ ކޯސްތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އައިޓީ ދާއިރާ އާއި ކިޔަވައިދިނުމުގެ ދާއިރާ އާއި ޓޫރިޒަމް އަދި ހިންގުމުގެ ދާއިރާ އިން ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެން މާސްޓާސް ލެވެލްގެ ކޯސްތައް އަންނަ އަހަރު އެ ކޮލެޖުން ހިންގާނެ އެވެ.

ބޭރުގެ ޔުނިވާސިޓީތަކާ ގުޅިގެން އެތަނުން ހިންގާ ކޯސްތަކުގައި، ރާއްޖޭގަ ތިބެގެން ވެސް ބައިނަލްއަގްވާމީ ފެންވަރުގެ މަތީ ތައުލީމު ހާސިލްކުރުމުުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ. މެލޭޝިއާގެ ސެގީ ޔުނިވާސިޓީގެ ކޯސްތަކާއި އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެޓިވްސް (އޭބީއީ) ގެ ކޯސްތައް ކިޔެވުމުގެ ފުރުސަތު ކްލީކް ކޮލެޖުން ލިބެ އެވެ.

ސެގީ ޔުނިވާސިޓީއާ ގުޅިގެން ހިންގާ ކޯސްތަކުގެ ތެރޭގައި މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހެއް ހިމެނެ އެވެ. އަދި ބިޒްނަސް މެނޭޖްމެންޓްގެ ހޮނާސް ލެވެލްގެ ތިން ކޯހެއް ވެސް ސެގީ ޔުނިވާސިޓީއާ ގުޅިގެން ކިޔަވައިދެ އެވެ. އެ ޔުނިވާސިޓީއާ ގުޅިގެން ހިންގާ ކޯސްތަކުގައި ދޭ ސެޓްފިކެޓާއި މެލޭޝިއާގައި ހުންނަ ކެމްޕަހުން ހާސިލްކުރާ ސެޓްފިކެޓުގައި އެއްވެސް ތަފާތެއް ނުހުންނާނެ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.

އޭބީއީ އާ ގުޅިގެން ކްލީކް ކޮލެޖުން ހިންގާ ނުވަ ކޯހަކީ އިނގިރޭސިވިލާތުގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ކޯސްތަކެކެވެ. އޭގެ ތެރޭގައި މާކެޓިން، ބިޒްނެސް މެނޭޖްމެންޓް އަދި ހިއުމަން ރިސޯސްގެ ކޯސްތައް ހިމެނެ އެވެ. އޭބީއީގެ ކޯސްތައް 45 ގައުމެއްގައި ކިޔަވައިދެ އެވެ.

އެތަނުން ކިޔަވައިދޭ އައިޓީ ކޯސްތަކަކީ ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ކޯސްތަކެއް ކަމަށް ވެސް އެތަނުން ބުންޏެވެ.

ސަރުކާރުން ފަށާފައިވާ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން، ކްލީކް ކޮލެޖުން ކިޔަވައިދޭ ހުރިހާ ޑިގްރީ ޕްރޮގްރާމްތަކެއް ހިލޭ ކިޔެވޭނެ އެވެ. ބޭރު ޔުނިވާސިޓީތަކާ ގުޅިގެން ހިންގާ ކޯސްތައް ވެސް ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔެވޭނެ އެވެ.

ރަސްމީ ތައުލީމު ފުރިހަމަކޮށްފައި ނުވާ ދަރިވަރުންނަށް ވެސް ކްލީކް ކޮލެޖުން ފޯރުކޮށްދޭ ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގެ އެހީގައި މަތި ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބޭނެ އެވެ. ގްރޭޑް ހަތެއް ނިންމާފައިވާ ދަރިވަރުންނަށް ވެސް އެ ކޮލެޖުން ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 28 އެވެ. އޮންލައިންކޮށް އަދި އެ ކޮލެޖަށް ގޮސް ފޯމު ހުށަހަޅައިގެން ވެސް ކޯސްތަކަށް ކުރިމަތިލެވޭނެ އެވެ. ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އާ ދެމެދު ކޯސްތަކަށް ރަޖިސްޓްރީކުރުމުގެ މަސައްކަތް އެތަނުން ކޮށްދޭނެ އެވެ.

އަންނަ އަހަރު ކިޔަވަން ހުޅުވާލާފައިވާ ކޯސްތަކުގެ މައުލޫމާތު އެ ކޮލެޖުގެ ވެބްސައިޓުން ލިބޭނެ އެވެ. އަދި އެކަމަށް ހާއްސަކޮށްފައިވާ ފޯނު ނަންބަރު 7728019 އަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.