Roadha Mihaaru
ކުޑަކުއްޖާގެ ރޭޕްގެ މައްސަލައިގައި ތިން މީހަކު ހައްޔަރު

16 އަހަރުގެ ކުއްޖާ ރޭޕް ކުރިކަމުގެ ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށްފި

01 އޯގަސްޓް 2018

ދެ ފިރިހެނަކު ވެގެން މިދިޔަ ހަފުތާގައި 16 އަހަރުގެ ކުއްޖަކު ރޭޕްކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދެ ފިރިހެނަކު ވެގެން މިދިޔަ ހަފުތާގައި 16 އަހަރުގެ ކުއްޖަކު ރޭޕްކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި މީގެ ތެރެއިން ފުރަތަމަ މީހާ ވަނީ އެ ހާދިިސާ ހިނގިތާ ދެތިން ދުވަސް ފަހުން ހައްޔަރުކޮށްފަ އެވެ. އަދި އަނެއް ދެ މީހުން ހައްޔަރުކުރީ، އެ މީހުން ހޯދުމަށް ފުލުހުން ކުރި މަސައްކަތުން މިދިޔަ ހޯމަ ދުވަހު އެވެ. މި ތިން މީހުން ވެސް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

އެ ކުއްޖާ ރޭޕްކޮށްލީ، ސިނަމާލޭ ފްލެޓަކަށް ގަދަކަމުން ގެންގޮސް ކަމަށް އާއިލާއިން ކުރިން ވަނީ ބުނެފަ އެވެ. ރޭގަނޑު އަށެއް ޖަހާކަންހާއިރު، ކޮލެޖްގެ ބްރޭކްގަޑީގައި އަންހެން ކުއްޖާ ރަހުމަތްތެރި ފިރިހެން ކުއްޖަކާ އެކީގައި ގޮސް ސިނަމާލެ ފްލެޓް ބަރިއާ އަރާހަމަވި ތަނުން، ފިރިހެން ކުއްޖާއަށް ބަޔަކު ހަމަލާދީ، އަންހެންކުއްޖާ ގަދަކަމުން ފްލެޓް ތެރެއަށް ވައްދައި ރޭޕްކޮށްލީ ކަމަށް އާއިލާއިން ބުންޏެވެ.

"ފްލެޓުން އެ ވަގުތު ގުރޫޕެއް ނިކުމެ ފިރިހެން ކުއްޖާއަށް ހަމަލަދީ، އޭނާ ހިފެހެއްޓުމަށް ފަހު އަންހެން ކުއްޖާ ފްލެޓް ތެރެއަށް ވެއްދީ. އެ ވަގުތު ވެސް ފިރިހެން ކުއްޖާ ބުނަމުން ދިޔަ ކަމަށް ވަނީ ސޮރީއޭ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަންހެން ކުއްޖާ ފްލެޓާ ހަމައަށް ގެންދިޔައީ ރާވައިގެން ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފަ އެވެ. އެއީ އެ ކުއްޖާ ސަލާމަތް ކުރަން ނުވަތަ އެކަން ބައެއްގެ ސަމާލުކަމަށް ގެންނަން އެ ފިރިހެން ކުއްޖާ މަސައްކަތް ނުކުރުމުންނެވެ.

އަންހެން ކުއްޖާ ދިރިއުޅެނީ އާއިލާއާ އެކު ހުޅުމާލޭގަ އެވެ. އޭނާ ރޭޕްކުރިކަން އާއިލާ އަށް އެންގީ އެނބުރި ހުޅުމާލެ އަށް ގޮހެވެ.