Roadha Mihaaru
ނަޖީބުގެ ގާތިލް ހަނާ މެރުމަށް ކުރި ހުކުމު ރަނގަޅު: ހައި ކޯޓު

ނަޖީބުުގެ މަރުގެ ޒިންމާ ހަނާ ވެސް ނަގަންޖެހޭ، މަރުގެ ހުކުމް ރަނގަޅު: ހައި ކޯޓު

08 މެއި 2016

ގާނޫނީ ވަކީލް އަހުމަދު ނަޖީބް މަރައިލި މައްސަލައިގައި ކުށް ސާބިތުވެފައިވާ ފާތިމަތު ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގާނޫނީ ވަކީލް އަހުމަދު ނަޖީބް މަރައިލި މައްސަލައިގައި ކުށް ސާބިތުވެފައިވާ ފާތިމަތު ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ޖުލައި، 2012 ގައި މ. މަސްރޫރާ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ނަޖީބު ބަނދެފައި ބެއިންދުމަަށް ފަހު އޭނާގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ށ. ގޮއިދޫ ރިހާބް، ހަނާގެ އިތުރުން އޭނާގެ ލޯބިވެރިޔާ މ. މަސްރޫރާ، އަހުމަދު މުއްރަތުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި މަރުގެ ހުކުމަށް ވެސް ހައި ކޯޓުން މީގެ ކުރިން ވަނީ ތާއީދުކޮށްފަ އެވެ.

ހަނާ މެރުމަށް ކުރި ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައިވަނީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި އެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.

ހަނާ އަކީ ނަޖީބު ބަނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާ އެވެ. އެހެންވެ ހަނާގެ ފަރާތުން ބުނަމުން ދިޔައީ ނަޖީބު މަރުވީ ނަޖީބުގެ ކަރަށް މުއްރަތު ވަޅިން ހަމަލާ ދިނުމުން ކަމަށާއި އެއީ ހަނާ ކުރި އަމަލަކަށް ނުވާތީ ހަނާ އަށް މަރުގެ އަދަބު ނުދެވޭނެ ކަމަށެވެ. އެކަމަކު ހައި ކޯޓުން ނިންމީ މުއްރަތެކޭ އެއްފަދައިން ހަނާ ވެސް އެ މަރުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.

ހުކުމުގައިވަނީ ނަޖީބުގެ އަތުން ފޭރުމަށް ފަހު އޭނާ މަރާލަން މުއްރަތާއި ހަނާ ރޭވިކަން އެ މީހުންގެ އިއުތިރާފުން އެނގޭ ކަމަށާއި ނަޖީބަށް ނަފްސުގެ ދިފާއުގައި ކަމެއް ނުކުރެވުނީ ހަނާ އޭނާ ބަނުމުގެ ސަބަބުން ކަމަށެވެ. އަދި ނަޖީބު މަރުވުމުން އޭނާގެ ހަށިގަނޑު ފޮރުވަން ހަނާ ވެސް މަސައްކަތް ކުރިކަން އެނގޭތީ ނަޖީބު މެރުމުގެ ގަސްދު ހަނާގެ ކިބައިގައި ވެސް އޮތްކަން އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ.

ހަނާ އަކީ ރާއްޖޭގައި މި ފަހުގެ ތާރީޚުގައި މަރުގެ އަދަބު އައިސްފައިވާ ހަމައެކަނި އަންހެނާ އެވެެ.